މިހާތަނަށް އިންޑިއާގައި އުފެދުނު އެންމެ މަގްބޫލު އަދި އެއަޑަށް ޓަކައި އެތައް ބަޔަކު ޖާނުން ފިދާވެފައިވާ ކުޅަދާނަ ލަވަކިއުންތެރިޔާ މުހައްމަދު ރަފީއު ނިޔާވިޔާ މިއަދަކީ 37 އަހަރު ފުރޭ ދުވަހެވެ. އެކަމަކު މިއަދުވެސް އޭނާގެ ހަނދާންތައް އާކުރާ އެތައް ބަޔަކު ދުނިޔޭގައި އެބައުޅެއެވެ. އޭނާގެ ނަމުގައި ފޭން ކްލަބްތަކާއި ޖަމިއްޔާތައް ހަދައިގެންނެވެ.
އޭނާގެ ރީތިއަޑަކީ ޝައްކެއްވެސް ނެތް ގޮތުގައި ގުދުރަތުގެ އަގުބޮޑު ހަދިޔާއެކެވެ. އޭނާގެ ރީތި އަޑުން ކިޔާދީފައިވާ ލަވަތަަކަކީ އެއަފަހަރު ކީއްކުރަން ހެއްޔެވެ އެއްހާސް ފަހަރު އަހާލިޔަސް އަދިވެސް އަހާލަން ބޭނުންވާ ފަދަ ރީތި އަޑެކެވެ. މި އާދަޔާ ޚިލާފު ލަވަކިއުންތެރިޔާ އުފަންވެފައިވަނީ 24 ޑިސެމްބަރ 1924 ގައި އިންޑިއާގެ ޕަންޖާބުގައެވެ. އޭނާގެ ބައްޕަ ހާޖީ އަލީ މުހައްމަދުއަށް ލިބިފައިވާ 6 ފިރިހެން ކުދިންގެ ތެރެއިން ރަފީއަކީ ދެވަނައެވެ. ރަފީ ފުރަތަމަ ކައިވެނި ކޮށްފައިވަނީ ކަޒިންއަކާއެވެ. ދެވަނަ ކައިވެންޏާއެކު 4 ފިރިހެން ދަރިންނާއި 3 އަންހެންދަރިން ލިބިފައިވާއިރު ހޮބީއަކީ ޓެނިސް ކުޅުމެވެ.
ރަފީ ލަވަ ކިޔަން ދަސްކޮށްފައިވަނީ އުސްތާޒް އަބްދުލްވާހިދު ޚާން ، ޕަންޑިތު ޖީވަން ލާލް އަދި ފީރޯޒް ނިޒާމީގެ ގާތުންނެވެ. ލަވަކިޔަން ފުރަތަމަ ފަށާފައިވަނީ އޭނާގެ އަވަށުގައި މަގުމަތީގައެވެ. އާއްމުންގެ ކުރިމައްޗަށް ނުކުމެ މީހުންނަށް ތައާރަފް ވެފައިވަނީ އުމުރުން 13 އަހަރުގައި ލާހޯރުގައި ކޭއެލް ސައިގަލް އާއެކުގައެވެ.
1941ގައި އޭނާވަނީ ސިޔާމް ސުންދަރްގެ ޕަންޖާބީ ފިލްމަކަށް އޭރުގެ މަޝްހޫރު ލަވަކިއުންތެރިޔާ ޒީނަތު ބޭގަމް އާއެކު ‘ސޯނިޔޭ ނީ ، ހީރިޔޭ ނީ ‘ މިލަވަކިޔައިގެން މީހުންގެ ސަމާލުކަމަށް އައިސްފައެވެ. ހިންދީ ފިލްމަކަށް ފުރަތަމަ ލަވަކިޔާދީފައިވަނީ 1945ގައި ގާއޫންކީ ގޯރީ އަށެވެ.
1948ގައި މަހާތުމާގާނދީ އެސޯސިއޭޝަންގެ ފަރާތުން އޭނާވަނީ އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހްރޫއަށް ދައުވަތު ދީގެން އޭނާގެ އަމިއްލަ ގޭގައި މުޅި ރޭގަނޑު ‘ސުނޯ ސުނޯ އޭދުނިޔާ ވާލޯން ‘ މިލަވަ ކިޔާދީފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އެއަހަރުގެ މިނިވަން ދުވަހު އޭނާއަށް ވަނީ ނެހްރޫގެ އަތްޕުޅުން ސިލްވަރ މެޑެލް ހޯދާފައެވެ.
މަޝްހޫރު ހިންދީ މިއުޒިކް ޑިރެކްޓަރ ނައުޝާދުއަށް ރަފީއު ތައާރަފްވެފައިވަނީ އޭނާ އަމިއްލައަށް ނައުޝާދުއާ ބައްދަލު ކުރަން ގޮހެވެ. އޭނާ ދިޔައީ ނައުޝާދުގެ ބައްޕަ ގެ ސިިިޓީއެއް ހިފައިގެންނެވެ. އެސިޓީ ނައުޝާދުއާ ހަވާލުކުރުމުން ނައުޝާދު ރަފީއަށް ކުރިއަށްދިއުމުގެ ފުރުސަތު ހުޅުވާލިއެވެ. އެގޮތުން ނައުޝާދުގެ ފުރަތަމަ ލަވަ ‘ހިންދުސްތާން ކޭ ހަމްހޭ ‘ (ފިލްމް ޕަހެލޭ އާޕް) އަށް 1944 ގައި ކިޔާ ދިނެވެ. އޭގެ ފަހުން 1946ގައި އޭނާވަނީ ނައުޝާދުގެ އަންމޯލް ގާޅީ އަށް ވެސް ރީތ ލަވަތަކެއް ހަދިޔާ ކޮށްފައެވެ. އެހާ ހިސާބަށް އައުމުގެ ކުރިން ނައުޝާދުގެ ފޭވަރިޓް ލަވަކިއުންތެރިއަކީ ތަލްއަތު މަހްމޫދު ކަމަށްވިޔަސް ނައުޝާދުގެ ހިތުގައި ތަލްއަތަށް ދެވިފައިވާ މަގާމް ރަފީ އަތުލައި ނައުޝާދުއަށް 149 ލަވަ ކިޔާ ދީފައިވެއެވެ. އޭގެތެރެއިން 81 ލަވައަކީ ސޯލޯއެވެ.
ނައުޝާދުއާއެކު މަސައްކަތް ކުރުމުގެ ތެރޭގައި ހިނގި އާދަޔާ ޚިލާފުކަމެއް ފާހަގަކުރާނަމަ އެކަމަކީ 1960ގައި ފިލްމް މުޣަލޭ އަޒަމްއަށް ރަފީ ކިޔާދީފައިވާ ‘ އޭ މުހައްބަތު ޒިންދާބާދު’ ގައި ކޯރަސް ގެ ގޮތުގައި 100 ލަވަ ކިއުންތެރިން އެލަވައިގާ ބައިވެރިވެފައިވާކަމެވެ.
ރަފީގެ ރަން އަޑާއި މިއުޒިކް ޑިރެކްޓަރުންގެ މިއުޒިކާ ގުޅުވާލުމުން އުފެދޭ އަޖައިބެއްފަދަ ރީތިކަމަކީ މީސްތަކުން އާޝޯކް ކޮށްލި ކަމެއްކަމަށް އެދުވަސްވަރުގެ ޚަބަރުތައް ބުނެއެވެ. ހަމައެއާއެކު އޭރުގެ ހުރިހާ މިއުޒިކް ޑިރެކްޓަރުންވެސް ރަފީގެ ފަހަތުން އައީ ކިޔު ހަދަމުންނެވެ އޭގެ ތެރެއިން އެކަކީ އެސްޑީ ބަރްމަން އެވެ. އެސްޑީ ބަރްމަން ރަފީ ބޭނުންކޮށްފައިވަނީ އެކްޓަރ ދޭވްއާނަންދުއާއި ގުރޫދަތުގެ އަޑުގެ ގޮތުގައެވެ. އެސްޑީ ބަރްމަންއާއެކު 37 ފިލްމްގައި ލަވަކިޔާދީފައިވާއިރު އޭގެ ތެރޭގައި ޕިއާސާއާއި ކާޣަޒްކޭ ޕޫލް، ކާލާ ބާޒާރް، ނަވް ދޯ ގިއާރާ އާއި އާމްނޭ ސާމްނޭ ފަދަ ރީތި ފިލްމްތައް ހިމެނެއެވެ.
ރަފީއާއި މިއުޒިކް ޑިރެކްޓަރ ޝަންކަރް ޖައިކިޝަންގެ ޕާޓްނަރޝިޕް ހިމެނޭނީވެސް މިރޮގުން ވަރަށް ކާމިޔާބު ޖޯޑެއްގެ ގޮތުގައެވެ. ހިންދީ ފިލްމް އިންޑަސްޓްރީގެ ރަން ޒަމާނުގެ ގޮތުގައި މިއަދާ ހަމައަށްވެސް ބެލެވިފައިވާ މަޝްހޫރު އެކްޓަރ ޝަންމީ ކަޕޫރުއާއި ރާޖެންދްރަކްމާރުގެ ރީތިލަވަތައް ނުކުމެގެން ގޭގޭގެ ސިޓީންގރޫމުން ފެށިގެން މަސައްކަތްކުރާ ކާރުޚާނާތަކުގައިވެސް މުނިފޫހި ފިލުވުމަށް އެންމެ ބޮޑަށް ބޭނުންކުރަމުން އައީ މިލަވަތަކެވެ. މީގެ އިތުރުން ޒުވާން ފިރިހެންކުދިން އަންހެންކުދިންގެ ލޯބި ހާސިލްކުރުމަށް ގެންގުޅުނު ފެޝަނަކީ ވެސް މި ރީތި ލަވަތައް އެކި ގޮތްގޮތަށް ބޭނުންކުރުމެވެ. އެލަވަތަކުގެ ޖާދޫގައި ޖާދޫގައި މިހާރުގެ ޒުވާނުންވެސް ޖެހިފައިވަނީ އަންނަނިވި ޖީލުތަކަށްވެސް މިކަން ރައްދުކޮށްދޭނޭ ފަދައަކުން ނެވެ.
ޝަންކަރް ޖައިކިޝަންގެ މިއުޒިކަށް ރަފީ ކިޔައިދީފައިވާ ލަވަތަކުން ފިލްމްފެއަރ 6 އެވޯޑު ލިބިފައިވާއިރު އޭނާއަށް އިތުރު އެހެން ތިން އެވޯޑެއްވެސް ލިބިފައިވެއެވެ.
މިއުޒިކް ޑިރެކްޓަރ ރަވީއާއި އޯޕީނައްޔަރުގެ އިތުރުން މަދަންމޯހަން އާއި ލަކްޝްމީކާންތު ޕިޔާރޭލާލްގެ މިއުޒިކަށްވެސް ރަފީވަނީ ރީތި ލަވަތަކެއް ކިޔައިދީފައެވެ. އޭރެކޭ އެއްފަދައިން މިހާރުވެސް އެއީ ދުވަހަކުވެސް ބާވުމެއްނެތް އަބަދަށް ޒުވާން ލަވަތަކެއްގެ ގޮތުގައިވަނީ ބެލެވިފައެވެ.
ރަފީއާއެކު ލަވައެއް ކިޔާލުމަކީ ފަޚްރެއްކަމަށް އޭރުގެ މަޝްހޫރު އެހެން ލަވަކިއުންތެރިންވެސް އައީ ދެކެމުންނެވެ. ކިޝޯރުކުމާރާއި މަންނާޑޭ އަދި ތަލްއަތު މަހްމޫދަކީ އޭނާފަދަ ފިރިހެން ލަވަކިޔުންތެރިން ކަމަށް ވިޔަސް އެލަވަކިއުންތެރިންނާއެކު ވެސް ރަފީވަނީ ލަވަކިޔާދީފައެވެ.
މިހާރުވެސް އެންމެ ނަލަ އަޑުތަކުގެ ގޮތުގައި އެންމެން އެއްބަސްވާ އާޝާ ބޯޝްލޭއާއި ލަތާމަންގޭޝްކަރްގެ ދެބެއިންނަކީ ލަވައިގެ ދުނިޔޭގައި އޭނާގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ބެލެވިފާިވާ ލަވަކިއުންތެރިންނެވެ. މިލަވަކިއުންތެރިންނާއެކު އުފާވެރި އަދި ހިތާމަވެރި އެތައް ލަވަތަކެއް ކިޔައިދީގެން އެތައް ބައެއްގެ ލޮލުންވަނީ އުފަލާއި ހިތާމައިގެ ކަރުނައައް ހިލުވާލާފައެވެ.
މިއަދުގެ ދުނިޔެއަށް ބަލާލާއިރު ޝްރެޔާގޯޝާލް، ސޯނޫ ނިގާމް ، އުދިތުނާރާޔަން އަދި މިއަށްވުރެ ތަންކޮޅެއް ދުރަށް ޖެހިލާނަމަ މަހެންދްރަ ކަޕޫރު، ޝައްބީރު ކުމާރު މެންފަދަ ލވަކިއުންތެރިންނަކީ ރަފީގެ ލަވަކިއުމުގެ ސްޓައިލް ކޮޕީކޮށްފައިވާ ލަވަކިއުންތެރިންނެވެ.
ރަފީއުގެ ކެރިއަރަށް ބަލާލާއިރު އޭނާވަނީ 7405 ލަވަ އެކި ބަސްތަކުން ކިޔާދީފައެވެ .6 ފިލްމެ ފެއަރ އެވޯޑާއި ނެޗަނަލް ފިލްމްއެވޯޑްގެ އިތުރުން 1967 ގައި އިންޑިއާ ސަރުކާރުންދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ ޕަދްމާޝްރީ އެވޯޑާއެކު ރަފީގެ ލަވަތައް ރޭންޖް ކުރެވިފައިވަނީ ކްލަސިލް ލަވަތައް އޭގެ އެންމެ އަސަރުގަދަ ގޮތުގައެވެ. ހިތާމަވެރި ލަވަތަކަކީ ވެސް އެންމެ ހައި ލެވެލްގެ އިޝްގީ ލަވަތަކުގެ ގޮތުގައެވެ އިތުރުން ގައްވާލީއާއި ޣަޒަލް ކިޔައިގެންވެސް ރަފީއު ވަނީ އެހެން ލަވަކިއުންތެރިންނަށް ވުރެ މޮޅަށް ކިޔައިގެން ލިސްޓްގެ އެއްވަނައިގައެވެ.
ރަފީ ނިޔާވެފައިވަނީ 31 ޖުލައި 1980ގައި ހާޓްއެޓެކެއްޖެހިގެންނެވެ. އޭނާގެ އެންމެ ފަހުން ރެކޯޑް ކުރެވިފައިވާ ލަވައަކީ ލަކްޝްމީ ކާންތް ޕިޔާރޭލާލް މިއުޒިކް ކުޅެދީފައިވާ ފިލްމް އާސްޕާސްގެ ލަވަތަކެވެ.
އޭނާ ވަޅުލާފައިވަނީ މުސްލިމް ގަބުރުސްތާނެއްގައި މުސްލިމް އާދަކާދައާ އެއް ގޮތަށެވެ. މިކަމުގެ ހިތާމައިގާ އިންޑިއާވަނީ އޭނާއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ދެދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
އޭނާ މަރުވިއިރު މިލްކިއްޔާތުގައި 25 މިލިއަންޑޮލަރު ހުރިކަމަށް އޭނާގެ ބައޯގްރާފްގައި ވެއެވެ. އަދި މުމްބާއީގައި ‘ރަފީމޭންޝަން “ކިޔާ ބޮޑު ގެއެއްގެ އިތުރުން އެހެނިހެން ހަރުމުދާވެސް މުންބާއީގައި ހުރެއެވެ.
އެއްވާހަކައެއް ބުނުމަށްފަހު ނިންމާލަން ކަމަށެވެ. 2013ގައި ބީބީސީ އޭޝިއާ ނެޓްވޯކުން ނެގި ޕޯލެއްގެ ވޯޓުން ދައްކާ ނަތީޖާއަށް ބަލާއިރު ރަފީ ކިޔާދީފައިވާ ‘ބަހާރޯން ޕޫލް ބަރްސާއޯ ‘ މިލަވައަކީ ކުރިއަށް އޮތް 100 އަހަރުގައިވެސް ހިންދީ ސިނަމާތަކުގެ އެންމެ ކުރީގައި އޮންނާނޭ ލަވައެވެ.