މިއަހަރުގެ މާމަކާފަ ދުވަސް އޭދަފުށީގައި ކުލަގަދަކޮށް ފާހަގަކޮށްފި

E5A6C742-7849-4F1F-909E-C5BCC3B7362D-768x512-1.jpeg

ބ. އޭދަފުށީގައި މިއަހަރުގެ މާމަކާފަ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޕެންޝަން އޮފީހާއި، ޞިއްޙަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި އޭދަފުށީ ކައުންސިލް ގުޅިގެންނެވެ.

މިއަހަރުގެ މާމަކާފަ ދުވަހުގެ ޝިޢާރަކީ މާމަކާފަގެ ލޯބި: ތަރުބަވީ ޖީލެއްގެ ބިންގާ“އެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގައި މާމަކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަންނަނީ މިދުވަސް ފާހަގަ ކުރަމުންނެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އާއިލާއާއި ގައުމު ބިނާކުރުމުގައި މާމައިންނާއި ކާފައިން ވެފައިވާ އަގުހުރި ގުރުބާނީތަކުގެ އަގުވަޒަންކޮށް، މުޖުތަމައާއި އާއިލާގައި އެފަރާތްތަކުގެ މުހިންމު ދައުރު ހަނދާންކޮށްދިނުމެވެ.

ސަރުކާރުން ރަސްމީ ފެންވަރުގައި މި ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ދެ ދުވަހުގެ މުއްދަތަށް އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން، އިއްޔެ، އުމުރުން ދުވަސްވީ އާބާދީއަށް އަމާޒުކޮށްގެން ހަވީރު ސައެއް ބާއްވާފައިވާއިރު، ޕެންޝަން އޮފީހުން ބުނީ މިއީ މާމައިންނާއި ކާފައިން އަދި އެފަރާތްތަކުގެ އާއިލާތަކަށް އެކުވެރި މާހައުލެއްގައި ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

މީގެއިތުރުން، މި ހަރަކާތުގެ ތެރެއިން ދުޅަހެޔޮ ރިޓަޔަމަންޓަކަށް ތައްޔާރުވުމަށާއި، ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް މުހިންމު އާދަތަކާ ގުޅޭގޮތުން ސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހިންގާ ”އުފާވެރި ރާސްތާ“ ޕްރޮގްރާމުގެ ސެޝަނެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މާމަކާފަ ދުވަސްފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރުވެސް އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top