ހައްޖުގެ ފުރަތަމަ ދުވަސް /ޙައްޖުމަހުގެ 8 ވަނަ ދުވަސް
އެދުވަހު ޙައްޖުވެރިޔާ މިނާއަށް ދާނެއެވެ. އެތާނގައި މެންދުރު ނަމާދާއި ޢަޞްރު ނަމާދު އަދި ޢިޝާ ނަމާދު ޤަޞްރުކޮށްް ކުރާނީއެވެ. ކީރިތި ރަސޫލާ މިކަންތައް ކުރެއްވީ މިގޮތަށެވެ. މިއީ މުޅިންވެސް ސުންނަތް ކަންތަކެވެ. ތަމައްޠުޢުކޮށް ޙައްޖުވާ މީހާ ޙައްޖުމަހުގެ އަށްވަނަ ދުވަހުގައި ޙައްޖަށް އިޙްރާމް ބަންނާނީއެވެ. އިޙްރާމް ބަންނާނީ އޭނާ ހުރި ތަނެއްގައި ހުރެގެންނެވެ. އިޙްރާމް ބަންނައިރު ޢަމަލުކުރާނީ ޢުމްރާއަށް އިޙްރާމް ބަންނައިރު ކަންތައް ކުރިގޮތަށެވެ. ހިނެއުމާއި މީރުވަސްދުވާ އެއްޗެހި ލުމާއި ސާފު ތާހިރުވުމުގައި ޢަމަލުކުރާނީ ހަމަ އެގޮތަށެވެ. ދެން ޙައްޖަށް ނިޔަތް ކިޔާނީއެވެ. ޙައްޖުވެރިޔާއަށް އޭނާގެ ވަގުތު ހޭދަކުރަންވާނީ މާތްﷲއަށް ޛިކްރު ކުރުމުގައެވެ.
ޙައްޖުވެރިޔާ މިނާގައި ހޭދަ ކުރާދުސްތަކުގައި ޙައްޖުގެ އަދަބުތަކުގައި ހިފަހައްޓަންވާނެއެވެ. އުޅޭތަނާއި ފޭރާމުގެ ސާފުތާހިރު ކަމަކީ ވަރަށް މުހިއްމު ކަމެކެވެ. ބޭކާރު ވާހަކަ ތަކުން ދުރުވެ މާތްﷲއަށް ޛިކްރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމާއި އިސްލާމީ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ.
ހައްޖުގެ ދެވަނަ ދުވަސް / ޙައްޖުމަހު 9 ވަނަ ދުވަސް.
ޢަރަފާތަކީ ޙައްޖުމަހުގެ 9 ވަނަ ދުވަހު ޙައްޖުވެރިން ތިބޭ ބިމެވެ. ޢަރަފާތަށް ވަކި ސަރަޙައްދެއް ކަނޑައެޅިގެންވެއެވެ. އެދުވަހު މެންދުރުވުމުން މެންދުރާއި ޢަޞްރު ނަމާދުކުރާނީ ޤަސްރުކޮށް ޖަމްޢުކޮށް އިސްކޮށެވެ. ޢަރަފާތު ދުވަހަކީ އަޅުންގެ ޢަމަލްތަކަށް އެކަލާނގެ ހެކިވެ ވޮޑިގަންނަވާނެއެވެ.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يقول:” إِنَّ اللَّهَ عَزَّ وَجَلَّ يُبَاهِي مَلَائِكَتَهُ عَشِيَّةَ عَرَفَةَ بِأَهْلِ عَرَفَةَ فَيَقُولُ انْظُرُوا إِلَى عِبَادِي أَتَوْنِي شُعْثًا غُبْرًا” ( رواه أحمد)
މާނައީ: ހަމަކަށަވަރުން މާތްﷲ ތަޢާލާ، ޢަރަފާތުގެ ވަޤުތު އެތަނުގެ އަހުލުވެރިންނާ (ޙައްޖުވެރިންނާ) މެދު، މަލާއިކަތުންނާ މުބާހާތު ކުރައްވާނެއެވެ. ފަހެ ވަޙީ ކުރައްވާނެއެވެ. “ތިޔަބައިމީހުން ތިމަން ﷲ ގެ އަޅުތަކުންނަށް ބަލާބަލާށެވެ. އެބައިމީހުން އެވަނީ ބޯހޭވި، ހިރަފުސް ވެގެންވާ ޙާލު ތިމަން ﷲ ގެ ޙަޟްރަތަށް އައިހެވެ.”
ޢަރަފާތުގައި ޙައްޖުވެރިޔާ އެދުވަހު އިރުއޮއްސެެންދެން ދުޢާ ކުރުމާ ޒިކުރު ކުރުމުގައި ހުންނަން ޖެހޭނެއެވެ. ޢަރަފާތުގައި ހުރުމުގެ ވަގުތު ޢީދު ވިލޭރޭގެ ފަތިސްވެއްޖައުމަށް ދާންދެންދެމިގެންވެއެވެ. ރަސޫލުﷲ ގެފާނު ޙަދީޘްކުރައްވަނީ مَنْ جَاءَ لَيْلَةَ جَمْعٍ قَبْلَ طُلُوعِ الْفَجْرِ فَقَدْ أَدْرَكَ الْحَجَّ (سنن الترمذي) މާނައީ: މުޒްދަލިފާގައި ރޭކުރުމުގެ ރޭގައި ފަތިސްވުމުގެ ކުރިން ޢަރަފާތަށް އައި މީހާއަށް އަރަފާތުގައި ހުރުން ހަމަކަށަވަރުން ލިބިއްޖެއެވެ.
އެދުވަހަކީމާތްﷲ އާއި މަލާއިކަތް ބޭކަލުން އެދުވަހަށް ހެކިވެ ވަޑައިގަންނަވާ ދުވަހެކެވެ. އެދުވަހު ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދާނެއެވެ. އެތާނގައި ޙައްޖުވެރިން އެދުވަހު ތިބޭނެއެވެ. ރަސޫލުﷲ ގެފާނު ޙަދީޘްކުރައްވަނީ قال رسول الله صلى الله عليه وسلم: ” الْحَجُّ عَرَفَةُ “
ޙައްޖަކީ ޢަރަފާތެވެ. އެތާނގައި ޙައްޖުވެރިން މާތްﷲގެ ވަޖްހުފުޅަށް އަދައި އެކަލާނގެއަށް ޛިކްރުކޮށް ދުޢާކުރަން ތިބޭނީއެވެ. މިދުވަހު ޝައިޠާނާ ނިކަމެތި ވެގެންދާނެއެވެ. މިދުވަހަށްވުރެ ބޮޑަށް ނިކަމެތިވާނެ ދުވަހެއް ނާންނާނެއެވެ. އެއީ މާތްﷲ އެކަލާނގެ އަޅުންނަށް ފާފަފުއްސަވައި ދެއްވާތީއެވެ.
ޢަރަފާތް ދުވަހަކީ އެންމެހާ އަޅުކަންތައް އެދުވަހެއްގައި ޖަމާކުރެވޭ ދުވަހެވެ. ނަމާދާއި، ރޯދައާއި(ޙައްޖުގައި ތިބޭމީހުން ފިޔަވައި)، ޞަދަޤާތާއި ޙައްޖު އެދުވަހު ޖަމާވެއެވެ. އަހަރުގެ އެހެން ދުވަހެއްގައި މި ހުރިހާ އަޅުކަން އެއްތަން ނުވެއެވެ.މިފަދަ މަތިވެރި ދުވަހަކާ އަޅުގަނޑުމެން ބައްދަލުކުރާއިރު ފާފަތަކުން ތައުބާވެ، އެދުވަހުގެ މަތިވެރިކަން ލިބިގަތުމަށް ވަރުގަދަ ޢަޒުމަކާ އެކު ތިބުމީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިބަރަކާތްތެރި ދުވަހަކީ އަޅުގަނޑުމެންގެ މުސްތަޤްބަލް ހެޔޮގޮތުގައި ބައްޓަން ކުރުމުގެ ބިންގާ އެޅޭ ދުވަހެއް
ކަމުގައި މާތްﷲ ލައްވާށިއެވެ. އަދި މިދުވަހުގެ ފުރިހަމަ ހެޔޮކަން ލިބިގަންނަ މީހުންގެ ތެރެއިން އަޅުގަނޑުމެން ލައްވާށިއެވެ.
ޢަރަފާތު ދުވަހު އިރު އޮއްސުމުން މަޑުމައިތިރިކަމާއެކު ޙައްޖުވެރިން ދަތުރު ފަށާނީ މުޒްދަލިފާއަށް ދިއުމަށެވެ. އަދި ތަލްބިޔާ ކިޔުން ގިނަކުރަންވާނެއެވެ.
މުޒްދަލިފާއަކީ ޢަރަފާތާ ފަސް ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. މުޒްދަލިފާއަށްވެސް ވަކި ސަރަޙައްދެއް ކަނޑައެޅިފައިވެއެވެ.މުޒްދަލިފާގައި ޙައްޖުވެރިޔާ މަޣްރިބް ނަމާދާއި ޢިޝާނަމާދު ކުރާނީއެވެ. މަޣްރިބް ނަމާދުގައި ކުރާނީ ތިން ރަކްޢަތެވެ. ޢިޝާނަމާދުގައި ކުރާނީ ދެ ރަކްޢަތެވެ. މި ދެނަމާދު ކުރާނީ މުޒްދަލިފާއަށް ދެވުނު އިރަކުންނެވެ. އެވަގުތު ފާއިތުވެދާނެ ކަމުގެ ބިރު އޮތްނަމަ ވަގުތު ފާއިތު ނުވަނީސް ނަމާދު ކުރާނީއެވެ. މިޙާލަތުގައި ކޮންމެ ތަނެއްގައިވެސް ނަމާދު ކުރެވިދާނެއެވެ.