އާ މެނޭޖަރުގެ އާ ތަސައްވަރު. އަމާޒު ހުރީ އިންގިލާބީ ބަދަލަކަށް!

DSCN8875.jpg

ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު،މުހައްމަދު ރަޝީދު --އީވީ ފޮޓޯ

އާ ސަރުކާރާއެކު ބ.އަތޮޅު ހޮސްޕިޓަލުން ފެނުނު އުފާވެރި މަންޒަރަކީ އެ ހޮސްޕިޓަލަށް އާ މެނޭޖަރަކު ހަމަޖެއްސުމެވެ. އަތޮޅު ހޮސްޕިޓަލަށް 52 އަހަރު ވެގެން ދިޔައިރު އެތަނަށް އަންނަން ޖެހޭ ކުރިއެރުން ހަގީގަތުގައި އައިސްފައި ނެތީ އެތަން ހިންގަން ތިއްބެވި ބައެއްގެ ދޯދިޔާ ކަމާ ވަޒީފާއަށް އިހުމާލުވުމުގެ ނަތީޖާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އާ މެނޭޖަރުގެ ޒިންމާ މަތިކުރައްވާފައިވާ މުހައްމަދު ރަޝީދު، ބ.އަތޮޅު ހޮސްޕިޓަލުގެ ހެލްތްސާވިސް މެނޭޖަރެއްގެ މަގާމަށް ބަދަލު ކުރައްވާފައިވަނިީ ޑެޕިއުޓީ މެނޭޖަރުގެ މަގާމުގައި ހުއްޓައެވެ. އެހެންވީމާ ބ.އަތޮޅު ހޮސްޕިޓަލް އޭނާއަކަށް އަލެއް ނުވާނެއެވެ. ރައްޔިތުންނާއި ހޮސްޕިޓަލް ގުޅުވާލުމަށް އެންމެ މޮޅަށް އެނގޭނެ އެއްބޭފުޅަކަށް އޭނާ ވާނެއެވެ. މަތީ ތައުލީމު ހާސިލް ކޮށްފައިވަނީ ކޮންމެ ދާއިރާއަކުން ކަމަށް ވިޔަސް މިޒަމާނުގައި ޕޮލިޓިކްސް އަކީ ފަސްޓް ޕޮލިސީ ކަމަށް ނުބަލައި މަސްއޫލިއްޔަތު އަދާ ނުކުރެވޭނެ އެވެ. އެ ތަޖްރިބާ އާއެކު ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އޭނާގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ކުރިއަށްދާން އޮތް މަގުގައި ހުރަހެއް ނެތެވެ.

އޭނާ ވިދާޅުވާ ގޮތުން ކުރިއަށް އޮތީ ބ.އަތޮޅު ހޮސްޕިޓަލް، އޭދަފުށީގެ ލޭންޑް މާކްގެ ގޮތުގައި ރައްޔިތުންނަށް ދައްކާލެވޭނެ އުފާވެރި ދުވަސް ތަކެވެ. ތަފްސީލު މިއޮތީއެވެ.

އާއިމާރާތުގެ ބިންގާ އަންނަމަހު އަޅާނެ

ހަތަރު ބުރީގެ އާ އިމާރާތެއް ހޮސްޕިޓަލުގެ ގޯއްޗަށް އިތުރު ކުރެވޭ ވާހަކައަކީ އަޑުއަހާ ފޫހިވެފައިވާ ވާހަކައަކަށް ވިޔަސް ހޮސްޕިޓަލް ތަރައްގީ ކުރާ ވާހަކަ ފުރަތަމަ ފެށީ މިވާހަކައިންނެވެ. ނިމިދިޔަ ސަރުކާރުގެ 5 އަހަރު ވެސް އެންމެ ބާރަށް ދެކެވުނު ވާހަކައަކީ މިއެވެ. އިމާރާތް އެޅުމަށް ދެ އަހަރަކު ބަޖެޓުވެސް ކުރެވުނެވެ. ނަމަވެސް އިމާރާތް ނޭޅި ދިއުމުގެ ސަބަބަކަށް ރައްޔިތުން އިނގިލި ދިއްކުރީ ހޮސްޕިޓަލުގެ މެނޭޖްމަންޓަށެވެ. 2018ވަނަ އަހަރު އެ ސަރުކާރު ނިމި ދިޔައިރު 2019 ވަނަ އަހަރުގެ ބަޖެޓުގައި އަނެއްކާވެސް މި އިމާރާތުގެ ވާހަކަ ލިޔެފައި އޮތެވެ. އާސަރުކާރަށް ބަޖެޓް ހިންގަން ލިބުމުން މި ކަން ލަސްތަކެއް ނުވެ ފަށާނެ ކަމުގެ އަޑު ގަދަވެގެން ދިޔައެވެ. އެކަމަށް ބޮޑަށް ބާރު ލިބުނީ ސީދާ ރައީސް ވަޑައިގެން ޔަގީންކަމާއެކު މިއަހަރު އިމާރާތުގެ މަސައްކަތް ފަށައި އަންނަ އަހަރުގެ ތެރޭގައި ޚިދުމަތަށް ހުޅުވާލާނެ ވާހަކަ އިއުލާނު ކުރެއްވުމުންނެވެ. އޭގެ ކުރިން ހެލްތު މިނިސްޓަރު ވަޑައިގެން ވެސް މި މޭރުމުން ވާހަކަ ދައްކަވާފައި ވެއެވެ. އަހަރު ނިމެމުން ދަނީއެވެ. މަސައްކަތް ނުފެށެއެވެ. އެކަމަކު އަދިވެސް އިވެމުން ދަނީ މިއަހަރު އެ އިމާރާތުގެ ބިންގާ އަޅާނެ ވާހަކައެވެ. އާމެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވަނީ ކީކޭތޯއެވެ؟

“އާ އިމާރާތުގެ ކުރެހުމާއި އިންޖިނިއަރިންގ މަސައްކަތްވެސް މިހާރު އޮތީ ނިމިފަ. އެންމެ ފަހުން މިނިސްޓަރާ ބައްދަލު ވި ފަހަރުވެސް މަސައްކަތް ފެށޭވަރުވާނީ ކިހާތާކު ތޯއޭ ދެންނެވުމުން ވިދާޅުވި އަންނަ ނޮވެމްބަރު މަހު ބިންގާ އެޅިގެން ދާނެކަމަށް .އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު އެއިމާރާތް ބަޔަކާ ހަވާލު ކުރުމަށް މި މަހުގެ ފަހުކޮޅު ގެޒެޓް ކުރެވޭނެ .އޭގެ ކުރިން މިހާރު މިދަނީ ހޮސްޕިޓަލުގެ އިދާރީ ބައެއް މަސައްކަތްތައް އެކި ދިމަދިމާލަށް ބަދަލު ކުރެވޭނެ ޕްލޭންތައް ރާވަމުން.” މުހައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން އަލަށް ކުރާ އިމާރާތަށް މިހާރު އޮފީސް ހިންގާ އިމާރާތާއި އެތަނާ ޖެހިގެން ހުންނަ ރެސިޑެންސްގެ ގޮތުގައި ބޭނުން ކުރާ ބަޔާ ހޮސްޕިޓަލުން މިހާރު ބޭނުންކުރާ ޖާގައިންވެސް ބޮޑުބައެއް ދާތީވެ އެތަންތަން ތަޅާލަން ޖެހޭތީވެ އެތަންތަން އެހެން ދިމާލަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

އާއްމުކޮށް ބޭނުންވާ ހުރިހާ ބޭހެއް ލިބެން އެބަހުރިތޯ ؟

އޭދަފުށީގައި އެސްޓީއޯ ފާމަސީގެ އިތުރުން އެހެން ފާމަސީ އެއްވެސް ހުރުމާއެކު ބޭސްސިޓީއަށް ބޭސް ލިބުމުގައި ދައްޗެއްނެތެވެ. އެކަމަކު އެސްޓީއޯ ފާމަސީ ހުރި ބައެއް ރަށްރަށުން ބޭސް ލިބުމުގެ ދަތިކަން އެބަހުރި ކަމުގައި މުހައްމަދު ވިދާޅުވިއެވެ. އެވާހަކަ އެސްޓީއޯ އާ ދައްކަމުން ދިޔަ ނަމަވެސް އެކަމަށް އަދި ހައްލެއް ނާދެއެވެ.

”އެއީ ބައެއް ކަހަލަ ލޮޖިސްޓިކް މައްސަލަތަކާ އިދާރީ މައްސަލަ ތަކާ ހުރެ ކަމަށް އެސްޓީއޯ އިން ބުނަނީ. މި ދޭތެރެއިން ދަތުގެ ފަރުވާ އަށް ބޭނުންވާ ތަކެތި ލިބުމުގައިވެސް ދަތިތަކެއް މެދުވެރިވި. އެހެންނަމަވެސް ހޮސްޕިޓަލަށް ބޭނުންވާ ބޭހާއި އެއާ ގުޅޭ އެހެނިހެން ތަކެތި ލިބުމުގައި މިހާރަކު ދަތި ކަމެއް ނެތް.”

މުވައްޒަފުން ހަމަ. ޑޮކްޓަރުން ހަމައެއްނުވޭ

އަތޮޅު ހޮސްޕިޓަލަށް ބޭނުން ވާ މުވައްޒަފުން ހަމައެވެ. އެހެންނަމަވެސް ޑޮކްޓަރުންނާއި ނަރުހުން ހަމައެއް ނުވެއެވެ. “ބއަތޮޅު ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލުގެ އިތުރުން އަތޮޅުގެ 12 ރަށަށް ހިދުމަތް ދޭ ތަނަކަށް ވާތީ  ޑޮކްޓަރުން އެލޮކޭޓް ކުރުމާ ރަށްރަށަށް ނަރުހުން ހަމަކުރުމާ މި ހުރިހާ ކަމެއްވެސް މި ކުރަނީ އަޅުގަނޑުމެން މެދުވެރި ވެގެން. ބޭނުންވާ އަދަދަށް ޑޮކްޓަރުން އަދިވެސް ހަމައެއް ނޫން. ދެން ނަރުހުންގެ ދަތިކަންވެސް ވަރަށް ބޮޑު .”

މުހައްމަދު މައުލުމާތު ދެއްވި ގޮތުގައި މިހާރުވެސް މިނިސްޓްރީގެ ޓީމެއް އިންޑިއާގައި ނަރުހުންނާ ޜޭޑިއޮލޮޖިސްޓުންނާ ލެބޯޓްރީއަށް ބޭނުންވާ މުވައްޒަފުން ރެކްރޫޓް ކުރުމުގެ މަސައްކަތްކުރިއަށް އެބަގެން ދެއެވެ. ނަރުހުން ލިބުމުގެ ދަތިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެހެން ދިމާއަކަށްވެސް ބައްލަވައި ލެއްވިއެވެ.

“މީގަ ދިމާވާ އަނެއް މައްސަލައަކީ ވަރަށް ބައިވަރު ނަރުހުން އެބަ ކިޔަވަންދޭ. އެގޮތަށް ދާއިރު ސަރުކާރުގެ އުސޫލުތަކާ އެއްގޮތްތަށް ދޭން މިޖެހެނީ ޕޭ ލީވް .ޕޭ ލީވް ދޭއިރު މި ވާގޮތަކީ ޕޭ ލީވްގަ ދާ ކުއްޖެއްގެ މުސާރައަކީ އެހޮސްޕިޓަލަކުން ނުވަތަ އެ މުވައްސަސާ އަކުން ހިފެހެއްޓިފަ އޮންނަ އެއްޗެއް. އެހެންވީމާ އިތުރު މުވައްޒަފަކު ނުނެގޭނެ. އޭގެ ސަބަބުން ވަރަށް ދަތިކަން އާދެ. އެކަމަކު ކިޔަވައިވެސް ދޭން ވެސް ޖެހޭ.” ނަރުހުންގެ ދަތިތަކާ ބެހޭ ގޮތުން ވިދާޅުވި އެވެ.

މި ފަސް އަހަރު ނިމޭއިރު ބ.އަތޮޅުގެ ސިއްހީ ހިދުމަތަށް ބޮޑު އިންގިލާބެއް އަންނާނެ 

މި ފަސް އަހަރު ނިމޭއިރު ބ.އަތޮޅު ހޮސްޕިޓަލުން ވަރަށް ގިނަ އާ ޚިދުމަތްތަކެއް ލިބެމުން ދާނެކަމަށް މުހައްމަދު ރަޝީދު ވިދާޅުވެއެވެ. އާއިމާރާތުގައި ޕްރައިވެޓް ކޮޓަރީގެ ޚިދުމަތާއި ހާއްސަ ވޯޑުތަކުގެ ހިދުމަތާއި ރޭޑިއޮލޮޖީގެ ހިދުމަތުގެ އިތުރުން ޑައިލިސިސްގެ ޚިދުމަތް ލިބިގެން ދިއުމަކީ ބ.އަތޮޅުގެ ސިއްހީ ޚިދުމަތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ އިތުރުން ސިއްހީ ޚިދުމަތަށް އަންނާނެ އިންގިލާބެކެވެ. މީގެ ސަބަބުން އިތުރު ބަޔަކަށް ވަޒީފާލިބި ރަށުގެ އިގްތިސާދީ ހަޔާތަށް ވެސް ދުޅަހެޔޮ ކަމެއް އަންނާނެކަން މުހައްމަދު ފާހަގަކުރެއްވިއެވެ.

”އާ އިމާރާތާއެކު މިކަހަލަ ހާއްސަ ހިދުމަތްތަކަކީ އަތޮޅުގެ ރައްޔިތުންނާއި އަތޮޅުގެ ވަށައިގެން ހުރި ލަގްޒަރީ ރިސޯޓު ތަކުންވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. ވޭތުވެ ދިޔަ އަހަރުތަކުގައި ތަފާތު ސިފަސިފައިގާ ހޮސްޕިޓަލާ ވާހަކަ ދެކެވި މަޝްވަރާ ކުރެވި ނަތީޖާ ނުފެނިފައިވާ ކަންކަން. އަޅުގަނޑުގެ އުއްމީދެއް އެއީ. މި5 އަހަރު ނިމޭ އިރު އިންގިލާބީ ބަދަލު ތަކެއް ބ.އަތޮޅުގެ ސިއްހީ ހިދުމަތަށް އައުން. އިރާދަކުރެއްވިއްޔާ އާ އިމާރާތާ އެކު އެއަމާޒަށް ވާސިލު ވެވޭނެ.”

ތުޅާދޫ ހެލްތު ސެންޓަރު، އަންނަ އަހަރު ހޮސްޕިޓަލަކަށް ބަދަލު ވެގެން ދާނެ  

އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގަ ތުޅާދޫ ހެލްތު ސެންތަރު ހޮސްޕިޓަލަކަށް ބަދަލު ވެގެންދާނެ ކަމުގައި މެނޭޖަރު ވިދާޅުވި ވާހަކައަކީވެސް އާވާހަކަ އެއް ނޫނެވެ. އެހެންނަމަވެސް ޔަގީން ކަމާއެކު މެނޭޖަރު ވިދާޅުވީ  އަންނައަހަރަކި އެކަން ހަގީގަތަކަށް ވާނެ އަހަރު ކަމަށެވެ.

“އެކަމަކު އަޅުގަނޑުމެން ގަބޫލު ކުރާ ކަމެއް ނޫން އެއީ މިހާރު ހުރި އިމާރާތް ބަހައްޓައިގެން ހޮސްޕިޓަލެއްގެ ނަން ބޯޑު އެޅުވުމަކީ. އުއްމީދު ކުރަނީ ސަރުކާރުން ވެސް އެގޮތަށް ވިސްނަވައިގެން ހިދުމަތްތަކާ އިމާރާތަކާ އެކުގައި ކަމަށް ހޮސްޕިޓަލަކަށް ބަދަލު ކޮށްދޭނީ. ” މުހައްމަދުގެ ޚިޔާލު ފާޅު ކުރިއެވެ.

އާ އިމާރާތުން ފެންނާނެ ބަދަލަކީ ؟

“ކުރެހުމުން އެބަދައްކާ އާ އިމާރާތުގައި ފަސް ވޯޑު އަދި ޕްރައިވެޓް ހަ ކޮޓަރި ނުވަތަ ނުވަ ކޮޓަރި. ބޮޑު ލެބޯޓްރީއަކާ އެކު އުމުރުން ދުވަސް ވީ މީހުންނަށާ ކުޑަކުދިންނަށް ހާއްސަ ވޯޑެއްވެސް. މިއީ އާ އިމާރާތުން ފެންނާނެ އެންމެ ބޮޑު އެއް ބަދަލު.”

މި ބަދަލާއެކު މިތަންތަނުން ރައްޔިތުންނަށް ޚިދުމަތް ދެމުން ގެންދާ ތަން ފެނިގެން ދާ ދުވަސް އެއީ ހަގީގަތުގައިވެސް ބ.އަތޮޅުގެ ސިއްހީ ޚިދުމަތަށް އިންގިލާބީ ބަދަލެއްއައި ދުވަސްކަމަށް ވެގެން ދާނެކަމަށް މުހައްމަދު ވިދާޅުވިއެވެ.

ހާލު ކިހިނެއް؟ 

އަންނަ އަހަރު ސަރުކާރުން ފާހަގަ ކުރާ ޕަބްލިކް ހެލްތު އަހަރާ ގުޅުވައިގެން ހުރިހާ އަތޮޅަކުންވެސް ތަފާތު ޕްރޮގްރާމްތަކެއް ރާވައިގެން ކުރިއަށް ގެންދެވޭތޯ އެބަ މަސައްކަތް ކުރެއެވެ. ބ.އަތޮޅު ހޮސްޕިޓަލުން ތައާރަފް ކުރި ”ހާލު ކިހިނެއް ” ޕްރޮގްރާމަކީ އެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މި މަހު ފުޅަދޫގައި ވަނީ އިފްތިތާހު ކޮށްފަ އެވެ.

“އެ ޕްރޮގްރާމުގެ ދަށުން ބ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ކޮންމެ މަހަކުވެސް އެއްފަހަރު ބ.އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ޒިޔާރަތް ކުރާނެ. މިއީ އެ ޔުނިޓުން އިސް ނަގައިގެން ހިންގާ ޕްރޮގްރާމެއް.”

މުހައްމަދު ވިދާޅުވީ މިއީ އަތޮޅު ރަށްރަށުގެ ޕަބްލިކް ހެލްތު ސެކްޝަން ތަކާ ގުޅިގެން ރަށްރަށުގެ ރައްޔިތުންގެ ހާލު އަހުވާލު ބަލާ އެމީހުންނަށް ސިއްހީ ގޮތުން އެހީތެރިކަމެއް ބޭނުން ވެއްޖެ ހިނދެއްގައި ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުގަ އެވެ. “އިރާދަކުރެއްވިއްޔާ މިޕްރޮގްރާމްވެސް ކާމިޔާބު ވާނެ. ” މުހައްމަދު ވިދާޅުވިއެވެ.

ރިޔާސީ އާ ފަސް އަހަރަކާއި އެކު ހޮސްޕިޓަލާ ހަވާލުވި އާ މެނޭޖަރު ހުންނެވީ ރައްޔިތުން އެދޭފަދަ ބޮޑު އިންގިލާބީ ބަދަލެއް ގެނައުމަށް އަރުވާ ޖަހައިގެންނެވެ. ނަތީޖާ ފެންނާނީ ކުއްލިއަކަށް ނޫނެވެ. އެކަން ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމުގެ އުއްމީދު ބޮޑެވެ. ރައްޔިތުން ތިބީ މި އިންގިލާބީ ބަދަލު ދެކޭހިތުން ކެތްމަދުވެފައެވެ.

 

 

 

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު