ގަދަ މީހުން: އޭދަފުށީގެ ކަނބުރު

މެއިން2.jpg

އިސްމާއީލް ވަހީދު. ކަނބުރުގޭގައި --އީވީ ފޮޓޯ

(ގައްޔޫމް+ނަސީރު)   އެއީ އޭދަފުށީ ”ސްވީޓް ފްލާވަރު“ އިސްމާއީލް ވަހީދު އެވެ. ގެއަށް ސްވީޓް ފްލާވަރު ކިޔާފައި ގޭގައި ހިންގަނީ ކަނބުރުގެ އެވެ. އެކަމަކު އެއީ ރާއްޖޭގެ ނިސްބަތުންވެސް ކަނބުރުވެރިކަން ކުރާ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ އޭދަފުށީގައި ހުރި ހަމައެކަނި ކަނބުރުގެ އެވެ.

ވަހީދަކީ އަސްލު އޭދަފުށީ މީހެއް ނޫނެވެ. އޭދަފުއްޓަށް ހިޖުރަ ކުރި މީހެކެވެ. އޭނާގެ ބައްޕައަކީ އޭދަފުށީ މީހުންނަށް ރޭނުމާއި އުވަޖެހުމުގެ ފަންނު މޮޅަށް ދަސްކޮށްދިން މަޝްހޫރު އިނގުރައިދޫ ޔޫސުފެވެ. އެ ފަންނުގެ އުސްތާޒެކެވެ. ބައްޕައާއެކު ހިޖުރަ ކުރަން ހާލަތު މަޖުބޫރު ކުރީ އެވެ.

އެންމެ ޒުވާން އުމުރުގައި ވަހީދަކީ ރޭނުމާއި އުވަޖެހުމުގެ މާހިރެކެވެ. މަސްވެރިކަން ވެސް ކޮށް އުޅުނެވެ. ވަޑާމުގެ މަސައްކަތަކީ އާއިލީ ވާރުތަ އެއް ކަމަށް ވިޔަސް އިނގުރައިދޫ މީހެކޭ ބުނާ ވަރުގެ މޮޅުމީހެއް ނޫނެވެ. އޭނާގެ ހިތް ޖެހުނީ ކަނބުރުވެރި ކަމަށެވެ.

ކަނބުރުވެރި ކަމަކީ ދިވެހިންގެ ގަދީމީ މަސައްކަތްތެރިކަމުގެ ތެރެއިން އެންމެ ދޮށި އެއް މަސައްކަތެވެ. މަސްވެރިންގެ ރާއްޖެ ނުވަތަ ދިވެހި އިގްތިސާދު އޭގެ މައްޗަށް ބިނާވެގެން އެތައް ސަތޭކަ އަހަރެއް ވަންދެން ދިރިއުޅެމުން އައީ މަސްވެރިކަން ކޮށްގެންނެވެ. އެސިނާއަތުގައި ބޭނުންކުރާ ހުރިހާ އާލާތެއް ވެސް އުފެއްދީ ދިވެހިންނެވެ. އެކަމަކު އެހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. އަމިއްލަ އުފެއްދުން ތައް ވީިނުވީ ތަނެއް ނޭނގި ގެއްލިއްޖެ އެވެ. ދިވެހިންގެ އަމިއްލަ މަސައްކަތްތެރިކަމުން އުފައްދާފައި ހުރީ ރީތި މަސްވަޅިތަކާ ކެޔޮލިޔާ ވަޅިއާއި ފޯއްވަޅި އާއި ކޮށާވަޅި ފަދަ ވަޅިތައް ވެސް ގެއްލިއްޖެ އެވެ. މިއަދު ފެންނަން އޮތީ އެ ވަޅިތަކުގެ ނަން އެކަންޏެވެ. އެވެސް މަތާރަންފިލާ މަތީގައި ހިރަފުސް އަރާފަ އެވެ. އެތަކެތި އުފައްދައި ދިރުވުމެއް ބޭނުމެއް ނެތްކަމުގެ ކުށްހީ އާއެކު ބޭރުން ގެނެވޭ ބޭރު ތަކެއްޗަށް ރޭރުވެގެން ބިދޭސީ ތަކެތި ގަނެލުން އުފަަލަކަށް ވީއެވެ.

އުފާވެރި ޚަބަރަކީ އުވިގެންދާ ތިލޭރުކަމާއި ކަނބުރުވެރިކަމުގެ ފަންނީ އާއިލާއެއް އޭދަފުށީގައި އަދިވެސް ދިރި އޮތް ކަމެވެ. ކަނބުރުވެރިކަމަށް މަޝްހޫރު އެކި ރަށްރަށުން އެފަންނު ފޮހެވިގެން ދިޔަނަމަވެސް އޭގެ ދިލަކަނިތައް އޭދަފުށިން އަދި ނުނިވެ އެވެ. އެ ދިލަކަނިތައް ހުޅުގަނޑަކަށް ބަދަލުވެ ބިޔަވެގެން އުފެދޭ ނޫކުލައިގެ އަލިން އެތައް ބާވަތެއްގެ ހިފާގެންގުޅޭ އާލާތްތައް އުފައްދަމުން ގެންދަނީ އިސްމާއިލް ވަހީދުއާއި އޭނާގެ އާއިލާ އެވެ. ކުރާ ހިތުން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އެމަސައްކަތް ދަނީ ކުރިއަށެވެ. އާއުފެއްދުން ތަކާ އާ އީޖާދުތައް ތައާރަފް ކުރަމުންނެވެ. މި ކުޑަކުޑަ ފެކްޓަރީ ނުވަތަ އޭނާގެ ކަނބުރުގެ އަށް ވަދެލަމާ ހިނގާށެވެ. ކަނބުރުގެއަކަށް ވަންނަންޏާ އަޅި ބުރާނެކަން އެނގި ތިބެގެންނެވެ.

ކަނބުރުގޭގެ އެއް ފަރާތުގައި ހުރީ ވަހީދު އީޖާދުކޮށްގެން ތައްޔާރު ކޮށްފައި ހުރި ގިރުނބާ އެކެވެ. އިންޑިޔާއިން ގަނެގެން ގެނައި ގިރުނބާ، އެންމެ މަހެއް ނުވެ އުޅެނިކޮށް ހަލާކުވުމުން އަމިއްލައަށް އުފައްދަން ޖެހުނީއެވެ. އެ ގިރުނބާގެ އަނެއްކޮޅުގައި ވިރުވަމުން ގެންދަނީ އެލްމެނިއަމް އެވެ. ބޮޑު ތާހެއް ހެދުމަށެވެ. ވަހީދުގެ ބައިވެރިއަކީ ހަގު ދަރިފުޅު ހަމްޒާއެވެ. ދެބަފައިން އެވަގުތު އުޅެނީ އެލްމެނިއަމް ތައް ދޮންވެ ފައްކާވުމުގެ ކުރިން އޭގެ ތައްގަނޑު ތައްޔާރުކޮށް ނިންމާލެވޭތޯ އެވެ. ވަރަށް ބަލާހިތްވި މަންޒަރެކެވެ.

ކަނބުރުގޭގެ ފާރުގައި ވަހީދުގެ އުފެއްދުންތައް ދައްކާލާފައި ހުއްޓެވެ. އެކި ސައިޒުގެ ރޮށި ފިހާ ތަވައާއި ވަޅިއާއި ނަގިލި ފަދަ ތަކެއްޗެވެ. ތާހާއި ކަތިވަޅިއާއި ރޮށިފިހާ ތަވައެވެ. ކޮންމެ އުފެއްދުމަކީވެސް ނިކަން ލޯބިން އެހާމެ ރީތި ”މޭޑް އިން އޭދަފުށި “ގެ ފަޚުރުވެރި ނަމާ އެކުގައެވެ.

ވަހީދުގެ އުމުރު މިހާރު އަސުރަށް ލަނބާލާފައިވާއިރުވެސް ކަނބުރެއްގެ ގޮތުގައި އޭނާ ފެންނަނީ ޒުވާނަކަށް ދޫނުކުރާ ވަރުގެ ހަލުވި ކަމާއެކުގައެވެ. އޭނާގެ ބަރު ހަށިގަނޑާއެކު އެމަސައްކަތަށް ކުޅަދާނަކަމާއި ފަރިތަކަން ދައްކަމުން ދިޔައެވެ.

ސުވާލު އުފެދުނީ އެންމެ ޒުވާން އިރު ރާނާ އުވަޖަހަން ކުޅަދާނަ ޒުވާނެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު މަސްވެރިކަމުގައި ކާމިޔާބު ކެޔޮޅަކަށް އުޅެފައި އޭގެ އަމިއްލަ ޑިންގީއެއްގައި ފަރުމަހަށް ވެސް ގޮސްއުޅޭ ފިސާރި މުރާލި މީހެއްގެ ގޮތުގައި ފެނުނު ވަހީދު އެންމެ ފަހުން ކަނބުރުގެއަށް ވަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟

”އާނ. އެެންމެ ފުރަތަމަ ބައްޕަ ފަދައިން ރޭނުމާ އުވަ ޖެހުމުގެ މަސައްކަތުގައި އުޅުނީ.“ އޭނާ ބުންޏެވެ.

މާޒީގެ އެސަފްހާތަކުގެ ތެރެއިން ފާހަގަކުރެވުނު ތަންކޮޅެއް ކިޔައިދިނެވެ.

”ކޮމިއުނިޓީ ސްކޫލް (ބ.އަތޮޅު ކޮތައުލީމީ މަރުކަޒު) ރާނައި އުވަޖަހަން ގޮސް އުޅުނު އިރު މުސާރައަކީ ދުވާލަކު 3.90 ރު. އޭރު މި ވަރުންވެސް ފުދޭ.“

އެފަންނު ދޫކޮށްލަން މަޖްބޫރުވީ މަސައްކަތުގައި އުޅެނިކޮށް ވެއްޓި އަނިޔާ ވެގެންނެވެ. އަނިޔާއަށް ފަހުވެސް އަލްމަރުހޫމް އިސްމާއީލް ކަލޭފާނުގެ އެދުމަކަށް ރަށުގެ ބޮޑު މިސްކިތް ރޭނުމުގެ މަސައްކަތުގައި އުޅުނެވެ.

”އޭރުވެސް ރޭގަނޑު ކެޔޮޅުކަމު ދިއުމާއި މަސްވެރިކަން ކުރަމުން އައީ .“އުމުރުން 79 އަހަރުގެ އިސްމާއީލް ވަހީދު ބުންޏެވެ.

ކަނބުރުގެއަށް ވަނީ އޭގެ ފަހުންނެވެ. މިއީ ކޮން އިރަކު، ކޮންތާކުން، ކާކު ގާތުން ދަސްކުރި މަސައްކަތެއް ހެއްޔެވެ؟

”އިނގުރައިދޫއަކީ ރާއްޖޭގެ އުތުރުގައި އެންމެ މޮޅު ވަޑިންނާއި މާވަޑިން ތިބި ރަށް. އަހަރެމެންނަކީ ވެސް ވަޑިން ނާއި މާވަޑިން ގިނަ އާއިލާ އެއް. އެމީހުން ބަންނަ ދޯނި ފަހަރުގައި ޖަހަން ލޮއި ވިރުވައިގެން ކަބީލާ ހަދާ ގޮތް ބަލައިގެން ދަސްކުރީ.“

އެއަށްވުރެ މޮޅަށް އެކަން ކުރެވޭތޯ ވަހީދު މާލެއަށް އައިސް އައްޑޫ މީހުން ގާތަށް ގޮސް އެމީހުން ލޮއި ވިރުވާ ގޮތް ދަސްކުރަން މަސައްކަތް ކުރި އެވެ. އެކަމެއް ނުވި އެވެ. އެމީހުން ދަސްކޮށްދޭން ބޭނުން ނުވީއެވެ.

އެހެންވެ އަމިއްލައަށް ވިސްނައިގެން އާޚިޔާލު ނެރެގެން އާ ތަކެތި އުފެއްދުމުގައި އޭނާވަނީ މީހުންގެ މަގުބޫލުކަން ހޯދާފައެވެ.

އޭނާ އުފައްދާ ތަކެތި ރާއްޖޭގެ ގައުމީ އަތްތެރި މަސައްކަތުގެ މައުރަޒުގައި ބައިވެރިކޮށްގެން ރަންވަނަ ހޯދާފައިވެއެވެ. މިކަމުގައި އޭނާއަށް ދިމާވި ހިތުން ނުފިލި ހިތި ތަޖްރިބާއެއް ހިއްސާކުރި އެވެ.

”ރަށު އޮފީހުން ބުނެގެން ރާއްޖޭގެ ގައުމީ އަތްތެރިމަސައްކަތުގެ މައުރަޒަށް އެލްމެނިއަމުން ފޯއްވަޅި އަކާއި މަސްވަޅިއަކާއި  ވަނަކާއި މި ނޫނަސް މިތަނުގައި އުފައްދާ ކޮންމެ ވައްތަރަކުން އެއްޗެއް ހެދިން. މައުރަޒަށް ވީމާ ވަރަށް އޮމާންކޮށް ވަރަށް ރީތިކޮށް ގިނަ ވަގުތުވެސް ހޭދަކުރާނެތާ! އެކަމަކު އަގާމެދު އޮފީހުން ހިތްހަމަ ނުޖެހިގެން ނުގެންދިޔަ. އެއީ އާއްމުކޮށް ވިއްކާއަގަށްވުރެ އެއްޗަކުން 10 ރުފިޔާ ބޮޑުވީމާ.“

ނަމަވެސް ހަމައެ މައުރަޒުގައި އެތަކެތި ތުޅާދޫން ބައިވެރި ކުރީ ކޮންމެ އެއްޗަކުން 150 ރުފިޔާ ބޮޑު ކޮށް ގަނެގެންނެވެ. އެލްމެނިއަމް އިން ތަކެތި ތައްޔާރު ކުރުމުގެ ރޮނގުން އެފަހަރު ތުޅާދޫން ވަނަ ހޯދީ ވަހީދު ތައްޔާރު ކުރި އެތަކެތިންނެވެ. އޭދަފުއްޓަށް ލިބެން އޮތް ރަން ވަނައެއް ރަށު އޮފީހުގެ އިހުމާލުން ގެއްލުނީ އެވެ.

މި މަސައްކަތަށް މާކެޓް އެބައޮތެވެ. އެއްވެސް އެއްޗެއް ނުވިގެން އުޅޭކަށް ނުޖެހެއެވެ. ވިއްކަން އިޝްތިހާރު ކުރާކަށްވެސް ނުޖެހެއެވެ. މިކަން ހުއްޓާލުމުގެ ޚިޔާލެއް ނުގެންގުޅެއެވެ. އޭނާ ނެތް ދުވަހަކުން މި މަސައްކަތުގައި ކުރިއަށްދާން ހަމްޒާ ހުރީ ތައްޔާރުގައެވެ.

”އަހަރެންގެ އަންހެން ދެދަރިންނާވެސް އެކު ހުރިހާ ދަރިންވެސް މި މަސައްކަތް މޮޅަށް ދަންނާނެ. އެކުދިން ދަސްކުރީ އަހަރެން ބުނެގެން އެދިގެން ނޫން. އެކުދިން އަމިއްލައަށް ފެނިގެން. “ހަ ކުދިންގެ ބައްޕަ ވަހީދު ބުންޏެވެ.

ކަނބުރުގޭގައި ވަހީދު ކިތަންމެ ހަލުވިކޮށް އުޅުނަސް އޭނާއަކީ 79 އަހަރުގެ މީހެކެވެ. އުމުރު އެހިސާބާ އަރާ ހަމަކުރާއިރު ހަށިގަނޑު ހުންނާނީ ވަރަށް ބޮޑަށް ބަލިކަށިވެފައިކަން ގަބޫލު ކުރަން ޖެހެ އެވެ. އެހެން މީހުންގެ އެހީއަށް ބޭނުން ވާ ހިސާބުގައެވެ. އެއީ އިންސާނީ ސުންނަތެވެ. ދުނިޔެ ހިނގާ އެ އުސޫލުން ވަހީދުވެސް ހުރީ އެ ހާލަތުގައެވެ. ގެއިން ބޭރަށް ގޮސް އުޅެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ގަވާއިދުން މިސްކިތަށް ޖަމާއަތަށް ނަމާދަށް ދެއެވެ. މުރާލި ކަަމަކަށް ބަދަލެއް ނާދެއެވެ. ދުވާލު ހަތަރުދަމު މަސައްކަތުގައެވެ. މިހާރުވެސް ކެޔޮޅު ކަމުދެއެވެ. ވަރުބަލިވުމެއް ނެތެވެ. ބަލާ މީހުންނަށް ބަލި މީހެކޭ ހީވިޔަސް އޭނާގެ އެހުންނަ ހީވާގި ކަމާއެކު އެލްމެނިއަމް އިން ތަކެތި އުފެއްދުމުގައި އަދިވެސް ރާއްޖޭގައި ވަހީދުވަރެއް ހަމަނެތޭ ބުނެވިދާނެ އެވެ.

 

 

 

 

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top