މަރީ މިކިޔަނީ ކީކޭ ؟

DSCN2633.jpg

މަރީ ،ސްކިން ކެންޑީގެ އުފެއްފުން ތަކެއް ދައްކާލަނީ -ފޮޓޯ :އީވީ

ރ. އަތޮޅު މާކުރަތަށް އުފަން އޭދަފުށީގައި ދިރިއުޅޭ މަރްޔަމް އީސާ (މަރީ ) ދަންނަ މީހުންނަށް އޭނާ ފާހަގަ ކުރެވޭނީ ފިސާރި ދޫ ހެލޭ އަންހެނެގެ ގޮތުގައެވެ. ޕޯޑިއަމްތައް ކައްކުވާލުމުގެ ކުޅަދާނަ ކަން ލިބިފައިވާ ކޮންމެ މައުޟޫއަކަށްވެސް ފަސޭހަ ކަމާއެކު ފޯރީގައި ވާހަކަ ދައްކަމުން ދާއިރު އެވާހަކަ ތަކަށް މީހުން ލައްބާލުމުގެ ބާރު ލިބިފައިވާ އަންހެނެއްގެ ގޮތުގައެވެ. އެކަމަކު ނުދަންނާނެ ކަމަކީ މަރީއަކީ އޭނާ އެންމެ އެދޭ ކަހަލަ ދިރިއުޅުކަށް ޓަކައި ގިނަ ކަންތައް ތަކެއް ގުރުބާން ކޮށްފައިވާ އަންހެނެއް ކަމެވެ. މަދަރުސީ ކިޔެވުން ނިމުނު ފަހުން މިއަދާ ހަމައަށްވެސް ކުރަމުން އެ އަންނަނީ މި ތަޖްރިބާތަކެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ކިޔަވައިގެން މިހާރު އެ މަރުކަޒުގެ ލެބޯޓްރީ އެސިސްޓެންޓެއްގެ ވަޒީފާ އަދާ ކުރުމުގެ ކުރިންވެސް އޭނާ ވަނީ ބ.އަތޮޅު ހޮސްޕިޓަލް ގައާއި އަމިއްލަ އެހެން ތަންތަކުގައިވެސް  އިދާރީ ވަޒީފާތަކެއް އަދާ ކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް މަރީގެ ދިރިއުޅުމުގެ ކަށި އެނބުނީއެވެ. އެއް ދިމާއަކަށް ހުއްޓުމުގެ ބަދަލުގައި ރަނގަޅު ދިމާއެއް ހޯދަނީއެވެ. މައްސަލަ އެއް ނެތެވެ. މަރީ ޒުވާނެވެ. ދިރިއުޅުން ފެންނަން އޮތީ އުޖާލާ ކޮށެވެ. އެންމެ ގާތުގައި އެހީތެރިވުމަށް ލޯބިވާ ފިރިއެއް އެބަހުއްޓެވެ.  އުމުރުގެ ސަބަބުން ނުވަތަ އަނތްބަކަށް ވުމަކުން ކެރިއަރަށް އެޅޭނެ ހުރަހެއް ނެތެވެ. ދެކުދިންގެ މަންމައަކަށް ވެ އިނދެ އޭދަފުށީގައި ހުންނަ އެމް އައި ކޮލެޖް އިން ބެޗެލަރސް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ކޯހެއް މިހާރު ވެސް ގެންދަނީ ފުރިހަމަ ކުރަމުންނެވެ.

މަރްޔަމް އީސާ

މަރީ އެންމެ ފަހުން އަހަރެމެންނަށް ފެނުނީ އައިސްކްރީމް ގެ އެކި ފްލޭވާތައް ބޭނުންކޮށްގެން މޭވާގެ ރަހަތަކާއެކު މާލޭގައި އައިސްކްރީމް ވިއްކުމަށް މަޝްހޫރު “ސްކޫޕް ” ކޮންސެޕްޓަށް ގޭގައި އައިސްކްރީމް ވިއްކާ ތަނެވެ. އެކަމަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ. އެ މަސައްކަތް ހުއްޓާލަން ޖެހުނީ އެކަން ކުރަމުން އައީ ގޭގެ ފުރަތަމަ ފްލޯގައި ކަމަށް ވެފައި މަރީއަށާއި ކަސްޓަމަރުންވެސް  މައްޗަށް އަރާ ފޭބުމަކީ ފަސޭހަ ކަމަކަށް ނުވާތީއެވެ. މި ކަހަލަ ތަނެއް ވަކިން ހަދައިގެން އެވިޔަފާރި ކުރަން ވަގުތާއި ހާލަތު އަދި ތަން ނުދޭތީ އެވެ. އެޚިޔާލު އަދިވެސް އެބައޮތެވެ.

އެކަމަކު މިހާރު މަރީ މިކިޔަނީ ކީކޭ ހެއްޔެވެ.

“ސްކިން ކެންޑީ” ކިޔާ ޕްރޮޑަކްޓެއްގެ ވާހަކަ މަރީ ފުރަތަމަ ދެއްކީ އޭނާގެ ބިޒިނަސް ވައިބަރ ގްރޫޕްގައެވެ. މުޅިން އަންހެނުން ހިމެނޭ މި ގްރޫޕްގައި ސްކިން ކެންޑީގެ އުފެއްދުން ތަކެއްގެ ފޮޓޯތަކެއް ވައިބަރ ކޮށްލުމުން އޭދަފުށީގެ އަންހެނުންތައް ހީވީ ކެކި އަރައިގަތް ހެންނެވެ. މި ބްރޭންޑަކީ ކެމިކަލް ފްރީ އުފެއްދުން ތަކަކަށް ވާތީއެވެ. ޚާއްސަކޮށް އަންހެނުން ރީތި ވުމަށް ބޭނުން ކުރާ ފޭސް ވޮޝް އާއި ފޭސް މާސްކާއި ހަށިގަނޑުގެ އެހެން ގުނަންތައްވެސް ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ ސްކިން ކެންޑީގެ އުފެއްދުން ތަކެއް ވައިބަރ ކޮށްލުމުން މަށަށް މަށަށް ކިޔާފައި މަރީ ހާސްކޮށްލިއެވެ.

މި އުފެއްދުން ތަކާ މަރީއާ ހުރި ގުޅުމަކީ ކޮބައިތޯ އަހާލުމުން އަސްލު ވާހަކަ އަށް ދިއުމުގެ ކުރިން މަރީ ދިނީ “ސްކިން ކެންޑީ”ގެ ކުރު ތައާރަފެކެވެ.

“ސްކިން ކެންޑީއަކީ ހ.ނީލްވިލާ ލުބްނާ ޒާހިރުގެ އަމިއްލަ ބްރޭންޑެއް. އޭނާ ޔޫރަޕަށް ދަތުރުކޮށްގެން މި ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމަށްފަހު އުފައްދާފައިވާ ކެމިކަލް ފްރީ އުފެއްދުމެއް. މި ބްރޭންޑް ގެ އުފެއްދުން ތަކުގެ ތެރެއިން މި ގެންގުޅެނީ ފޭސް ވޮޝް އާއި ފޭސް ކްރީމް އަދި ފޭސް މާސްކް އާއި ޓޯނާ ގެ އިތުރުން ބޮލުން އިސްތަށި ފޭބުން ކޮންޓްރޯލް ކޮށްދޭ އުފެއްދުން ތަކެއް. އަދި އަވިން ހަންގަނޑަށް ލިބޭ ގެއްލުން ތަކުން ސަލާމަތް ކޮށްދޭ ސަން ބާމް އާއި ދަތްތައް ހުދު ކޮށްލުމަށް ބޭނުންކުރާ ޓޫތު ވައިޓްނިންގެ ޕައުޑަރ އާއި އޭގެ ޕޭސްޓް.”

މަރީއަކީ “ސްކިން ކެންޑީ “ގެ އޭދަފުށި ޑިސްޓްރިބިއުޓަރ އެވެ. މި އުފެއްދުން ވިއްކަމުން އެތަކެތީގެ ބޭނުން ކުރާނެގޮތާއި ބައެއް ކަހަލަ ތެރަޕީވެސް ދެމުން ގެންދާއިރު އޭނާ ވަނީ މި ތަކެތި ބޭނުންކުރާ ގޮތް ދަސްކޮށް ، ޕްރޮޑަކްޓް ނޮލެޖް ސެޓިފިކެޓާ ޑިސްޓްރިބިއުޓަރ ސެޓިފިކެޓްވެސް ހޯދާފައެވެ.

މަރީ ބުނީ އޭދަފުށީގައި މި ކަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިކަމަކީ ލުބްނާ އާއި “ސްކިން ކެންޑީގެ ” ދެ ޓެރަޕިސްޓުން އޭދަފުއްޓަށް ގެނެސްގެން މި އުފެއްދުން ތަކުގެ ތަޖްރިބާ ކުރުވީއެވެ. އޭދަފުށީގެ އަންހެނުން މިކަމަށް ޝައުގު ވެރިވީ ހީކުރި ވަރަށް ވުރެވެސް މާ ބޮޑަށެވެ. ދެ ދުވަހަށް ޒިޔާރަތް ކުރި ސްކިން ކެންޑީގެ ޓީމް އުޅެން ޖެހުނީ ވަރަށް ބުރަ ކޮށެވެ. އެކަމަކު އެ މުއްދަތުގައި އެޕޮއިންޓްމެންޓް ހަދާފައި ތިބި މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ވެސް ފުރުސަތެއް ނުދެވުނެވެ.

ސްކިން ކެންޑީއަށް ހިތް ޖެހި އެއަށް ޝައުގު ވެރިވީ ގޮތް ކިޔާ ދެމުން އޭނާ ބުނީ އަންހެނުންގެ ހަންގަނޑު ރީތިކަމާ ދުޅަހެޔޮކަމުގައި ގެންގުޅެން ބޭނުން ކުރާ ކޮންމެ އެއްޗަކީވެސް ހެސްކިޔާފައި ކެމިކަލް ހުންނަ އެއްޗެތި ކަމަށް ވެފައި އެކަމުން އޭނާ އަށް ލަނޑެއްވެސް ލިބުމުން އެ ދިމާލަށް ދެވުނީ ކަމުގައެވެ.

“އަބަދުވެސް ވަރަށް ރީތިކޮށް މޫނު ޚާާއްސަ ކޮށް ބަހައްޓަން ބޭނުންވޭ. އެހެންވެ އިތުރަށް މޫނު ރީތި ކޮށްލުމުގެ ގޮތުން މާލެއިން އޮންލައިންކޮށް 700ރުފިޔާ އަށް ގަތް ފޭސް ޕެކެއް ބޭނުންކުރުމުން މުޅި މޫނު އެއްކޮށް ބިހި ތަކެއް ނަގައި ވަރަށް ބޮޑަށް މޫނު ހަލާކުވީ. ”

އެކަމަށް އޮތް ފަރުވާ އެނގުނީ ކޮމްޕިއުޓަރ ހާވަމުން ދަނިކޮށް ލުބުނާ ގެ އިންސްޓަރގްރާމުން މި ޕްރޮޑަކްޓްތައް ފެނުމުންނެވެ.

“މާލެ ގޮސް ލުބުނާ ޒާހިރުގެ ސްކިން ކެންޑީއަށް ވަން އިރު ލުބްނާ ނޫޅުއްވަ. ޚިދުމަތް ދޭން ތިބީ ދެ ތެރަޕިސްޓް.  އެމީހުން ގާތު ވީގޮތް ކިޔާ ދިނުމުން މޫނު ބަލާފައި ދީފި އަނެއްކާވެސް ޕެކެއް. ” މަރީ ބުނީ އެ ބޭނުން ކުރަން ފެށުމުން މުޅިން ރަނގަޅު ވި ކަމުގައެވެ.

އެހާ ހިސާބުން މަރީއާއި ލުބްނާ ބައްދަލުވެ އޭދަފުށީގައި މި ޕްރޮޑަކްޓް ތައާރަފް ކުރުމުގެ ފުރުސަތު ލިބުނީއެވެ.

މަރީ މިހާރު ގެންދަނީ ސްކިން ކެންޑީ ބޭނުންކޮށްގެން އޭނާގެ ގޭގައި ފޭޝަލް ހަދައި ދިނުމާ ފޭސް މަސާޖް ކޮށްދިނުމާއި ފުޓް މަސާޖް އަދި މެނިކިއުގެ ޚިދުމަތް ވެސް ދެމުންނެވެ. ހަމަ އެއާއެކު ޕާޓީ ތަކަށް ފޭޝަލް ހަދައިދިނުމާއި މޭކަޕް ކޮށްދިނުންވެސް މެނޫގައި ހިމެނެއެވެ.

އޭދަފުށިން ލިބޭ ތަރުހީބު ރަނގަޅު ކަމުން މަރީ މިހާރުވަނީ ބ. މާޅޮހުގައިވެސް ވަނީ ސްކިން ކެންޑީ ތައާރަފްކޮށް ވައިބަރ ގްރޫޕެއް ހަދައި ޚިދުމަތަށް ފައްކާ ކޮށްފައެވެ. އެރަށުންވެސް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މަރީ މިހާރު ހުރީ އުފަލުންނެވެ. އޭނާ ރީތި ވެފައި އެހެން މީހުން ރީތި ކޮށްދެވުމުން އެލިބޭ އުފަލާ މި ޕްރޮޑަކްޓް ތަޖްރިބާ ކުރި އޭދަފުށީގެ ޒުވާން އަންހެން ކުދިން ދެވަނަ ފަހަރަށްވެސް ތިން ވަނަ ފަހަރަށްވެސް ބޭނުންކުރަމުން ދާތީއެވެ. މަރީ ބުނީ އަންހެނުންނާ ގުޅުވައިގެން މި ވާހަކަތައް ދެއްކި ނަމަވެސް ސްކިން ކެންޑީގެ އުފެއްދުންތަަކަކީ ފިރިހެނުންނަށްވެސް ބޭނުންކުރެވޭނެ އުފެއްދުން ތަކެއްކަމުގައެވެ.

އެކަމަކު މި ދާއިރާގައި މަރީގެ އެންމެ ބޮޑު އުފަލަކީ އޭނާގެ މަސައްކަތް ލުބްނާ ބަލައިގެންފައިވަނީ މި ޕްރޮޑަކްޓް ވިއްކުމާ ހަވާލުވެ ތިބި އެހެން މީހުންނަށް ނަމޫނާއެއްގެ ގޮތުގައެވެ.

“ފަސް އަތޮޅުގައި ޑިސްޓްރިބިއުޓަރުން ތިބޭ އިރު އެ އެންމެން ބައިވެރިވާ ވައިބަރ ގްރޫޕެއް އޮންނާނެ. އެ ގްރޫޕްގައި މަރީގެ ތައާރަފްގައި ލުބުނާ ވިދާޅުވެފައިވަނީ މަރީއަކީ ލުބުނާ އަށް މިހާ ތަނަށް ލިބުނު އެންމެ ރަނގަޅު ޑިސްޓްރިބިއުޓަ ކަމަށާއި އޭދަފުށީގެ ޑިސްޓްރިބިއުޓާ މަރީއަކީ ނަމްބަރ ވަން ކަމަށް. ” އަބަދުވެސް ހިނިތުންވެލައިގެން ހުންނަ މަރީ ފަޚްރުވެރިކަމާއެކު ބުނެލިއެވެ.

މިހާރު މަރީގެ ހުރިހާ ވިސްނުމެއް ހުރީ ސެލޫން އެއް ހުޅުވުމަށެވެ. ” މި މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރަން ބޭނުން ވެފައި މިތާ ފަސްޓް ފްލޯގައި މިކަން ކުރުމުން އެނގެނީ ހަމައެކަނި މިރަށު މީހުންނަށް. އެކަމަކު ވަކި ތަނެއް ހަދައިގެން އެތަނުގެ ނަން ބޯޑު ފެންނަން ހުންނަ ނަމަ މި ރަށުގެ އިތުރުން މި ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް އެތަން ފެންނާނެ.” މިއީ މަރީގެ ޚިޔާލެވެ.

މަރީ ،ޓްރޭނިންގ ގައި .މާލޭގައި

 

އެ ޚިޔާލަށް އަމަލީ ސިފަ އައުން ދެން ލަހެއް ނުވާނެއެވެ. އެކަމަށް ބޭނުންވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ މާލެ އައުމުގެ މަގުމަތީގައެވެ.

“ބޮޑެތި ކަންތައް ވާނީ ލަހުން ދޯ.” ނިންމާލަމުން މަރީ ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top