ކޮވިޑްގެ އާ ވޭރިއެންޓެއް ފެތުރޭތީ ސަމާލުވާން އަންގައިފި

large_161236552159cFQe.jpg

ފޮޓޯ: ސަން

ކޮވިޑު-19ގެ އާ ވޭރިއަންޓެއް ފެތުރޭތީ އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

މިއަދު އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަހުގެ ތެރޭގައި ކޮވިޑު-19ގެ އާ ވޭރިއަންޓެއް ކަމަށްވާ JN.1 ދުނިޔޭގެ ވަރަށް ގިން ގައުމު ތަކަކުން ފެނި، މި ބަލި ފެތުރުން އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މި ފެށުނު ހަފުތާއަކީ ސްކޫލްތަކާއި ކޮލެޖުތަކުގެ އިތުރުން ޔުނިވާސިޓީތަކަށް ޗުއްޓީ ފެށޭ ހަފުތާ ކަމަށް ވެފައި، ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ މީހުން އުމްރާއަށް ގޮސް އައިސް ހަދާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އޭގެ ސަބަބުން އަރިދަފުސް ރޯގާއާއި، ވައިރަލް ހުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިން ގަޔަށް އަރާ ބަލި އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނީ އެހެން އަަހަރުތަކެކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ކޮވިޑް-19ގެ އާ ވޭރިއަންޓު ‘ޖޭއެން-1’ ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނި، ކޮވިޑް-19 ފެތުރުން އިތުރުވެފައިވާ ކަމަށެވެ.

އަދި އެކަމަށް ރައްކާތެރި ވުމަށްވެސް އެޗްޕީއޭއިން ވަނީ ވަރަށް ބޮޑަށް ބާރު އަޅާފައެވެ. އެގޮތުން ރޯގާ ޖެހިއްޖެ ނަމަ އާންމު ސާފުތާހިރުކަން އިތުރުކުރުމާއި، ކެއްސާނަމަ އަނގަޔައި ނޭފަތް ފޮރުވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީމް ވަނީ އެދިފައެވެ.

މީގެ އިތުރުން ހުމާއި ރޯގާ ޖެހިއްޖެ ނަމަ ގޭގައި ފަރުވާ ދިނުމުގެ ގޮތުން ގިނައިން ދިޔާތަކެތި ބޭނުންކޮށް، އަރާމުކޮށް، ލުނބޯ ފަނި/ ސައި އިނގުރު ސައި އަދި މާމުއި ފަދަ ބުއިންތައް ބޭނުން ކުރުމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

ހަމައެއާއެކު އެޗްޕީއޭއިން ވަނީ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުން ވެސް ވަރަށް މުހިންމު ކަމަށް ބުނެފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ނިސްބަތް, އޭގެ ކުރީ ހަތަރު ހަފުތާއާ އަޅައިބަލާއިރު ވަނީ 52 ޕަސެންޓް އިތުރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top