އޭދަފުށީގައި މާސްޓާޒް ހަދާކުދިންނަށް ރެޑްވޭވްސަލީމް 1 ލައްކަރުފިޔާ ދެއްވަން ނިންމަވައިފި

saleem_news1.jpg

ވިލާކޮލެޖް އޭދަފުށީ ކެމްޕަހުގައި މިއަހަރު އަލަށް މާސްޓާޒް ޑިގްރީއަށް ކިޔަވަންފެށި ހުރިހާ ދަރިވަރުންނަށް އެހީއެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ނިންމަވައިފިއެވެ.
ސަލީމް މިގޮތަށް ނިންމެވީ އެކޮލެޖްގައި މާސްޓާޒް އަށް މިއަހަރު ކިޔަވަންފެށި ދަރިވަރުންކޮޅަކާއެކު މިދިޔަ ހަފްތާ ތެރޭ ބޭއްވި ބައްދަލުވުމަކަށްފަހުއެވެ. ސަލީމް ވިދާޅުވީ މިވަރުގެ އެހީއެއް އެދަރިވަރުންނަށް ދޭން ނިންމީ އޭދަފުށީގައި މިއަހަރު އަލަށް މާސްޓާޒް ޑިގްރީއަށް ކިޔަވަން ފެށުމާގުޅިގެން މިކަމަށް ފުރަތަމަ އިސްނެގި ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުންނާއި، އޭދަފުށީގެ ތައުލީމް ކުރިއެރުވުމުގެ މަގްސަދުގައި ކަމަށެވެ.
“އަޅުގަނޑު ކޮންމެހެން އިންތިހާބާދިމާވާތީ ދޭ އެހީއެއްނޫން މީއަކީ، އޭދަފުށީގެ ތައުލީމް މިހާހިސާބުންވެސް މައްޗަށް ގެންދިއުމަށް އަޅާބާރެއްމީ. އެހެންނޫނަސް މިފަދަކޯސްތައް އޭދަފުށިކަހަލަ ރަށެއްގައި ކޮންމެހެންވެސް ދެމެހެއްޓުމަށް އޭދަފުށީގެ ކޮންމެ ދަރިއަކުވެސް ބާރުއަޅަންޖެހޭނެ” ސަލީމް އީވީއަށް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ކޮލެޖްގެ ކުރިއެރުމަށް މީގެ އިތުރުންވެސް ވެވެންއޮތް އެހީތެރިކަމެއް ދެއްވާނެކަމަށާ، އޭދަފުށީގެ ތަރައްޤީއަށް އެޅޭކޮންމެ ފިޔަވަޅެއްގައިވެސް ބައިވެރިވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއްކަމަށެވެ.
މިދިޔައަހަރު ޖެނުއަރީމަހު އޭދަފުށީގައި ގާއިމްކުރި ވިލާކޮލެޖް ކެމްޕަހުގައި މިއަހަރު މާސްޓާޒް ކޯސްތައް ފެށިއިރު މިދިޔައަހަރުވަނީ ޑިގްރީކޯސްތައްވެސް ފަށާފައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު