ބޮޑުހިލަ ޖެހުމުގެ މައްސަލާގައި ހައުސިންގ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭކަމުގައި އޭދަފުށީ ކައުންސިލްގެ ނައިބުރައީސް މުހައްމަދު ނައުރީފް ވިދާޅުވެއްޖެއެވެ. ނައުރީފްމިހެން ވިދާޅުވީ އޭދަފުށީގެ ހިއްކާފައިވާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ސަރަހައްދު ވަށައިގެން ބޮޑު ހިލަޖަހަމުން ގެންދާ ގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހި ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ އެކަމާ ގުޅިގެން ކައުންސިލްގެ ފަރާތުން ރޭ މަލްޓިޕާޕަސް ބިލްޑިންގގައި ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
“އަޅުގަނޑުމެން އެތައްފަހަރަކު މިވާހަކަތައް ( ބޮޑުހިލަޖަހާގޮތް ކަމުނުދާ ވާހަކަ) ހައުސިންގ މިނިސްޓްރީގައި ދަންނަވައިފިން. އެހެންނަމަވެސް ހައުސިންގ މިނިސްޓްރީން އެއްބާރުލުމެއް ނުދޭ. އަޅުގަނޑުމެން އެދިފައިވާނެ މިމަސައްކަތް ކުރާ ގޮތް ބަލައިލަން އިންޖިނޭރުންގެ ޓީމެއް ފޮނުވުމަށްވެސް. އެހެންނަމަވެސް މި ފަހަކުން އެކަމަށް ހައުސިންގމިނިސްޓްރީއަކުން އެދެވޭ ތަރުހީބެއް ލިބިފައެއްނުވޭ. މިކަމާގުޅިގެން އެންމެ ފަހުން ފޮނުވި ސިޓީއަށް އަދިވެސް ޖަވާބެއްލިބިފައެއް ނުވޭ. ” ނައުރީފް ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރަމުން ވިދާޅުވިއެވެ.
ނައުރީފް ވިދާޅުވިގޮތުގައި ވޭތުވެދިޔަ އޯގަސްޓްމަހު ފުރަތަމަ މިކަން ހައުސިންމިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އޭގެ ފަހުން ހައުސިން މިނިސްޓްރީގެ ބޭފުޅުން ވަޑައިގެން މަސައްކަތް ހިނގާގޮތް ބެއްލެވުމަށްފަހު ހިލަޖެހުމުގައި މައްސަލަހުރިކަން ފާހަގަކޮށްފައިވެއެވެ. އަދި އިންޖިނޭރުން އެގޮތަށް ވިދާޅުވުމުން ހައުސިން މިނިސްޓްރީންވަނީ އެކަން ރަނގަޅުކުރުމަށް ކޮންޓްރެކްޓަރއަށް އަންގާފައިކަމުގައާއި ކޮންޓްރެކްޓަރުވެސް އެކަމަށް އެއްބަސްވިކަމަށް ނައުރީފް މައުލޫމާތުދިނެވެ. އެހެންނަމަވެސް ދެންވެސް އެކަންކަން ރަނގަޅުނުކޮށް މަސައްކަތް ކުރިއަށް ގެންދަންފެށީކަމުގައި ނައުރީފް ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންވަނީ މިކަމާމެދު ވަަރަށްބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް ފައެވެ.
އޭދަފުށީ ކައުންސިލާ މުޚާތަބްކޮށް ރައްޔިތުންގެ ތެރެއިން ބޭފުޅަކު ވިދާޅުވީ ކައުންސިލާ ހައުސިންމިނިސްޓްރީއާ ވާހަކަދައްކައިގެން މިކަން ހައްލުނުކުރެވޭނަމަ ރައްޔިތުންނުކުމެ މަސައްކަތް ހުއްޓުވާ ހިސާބަށް ދާންޖެހިއްޖެނަމަ އެކަންވާނީ ވަރަށް ހުތުރުކަމެއްކަމުގައެވެ. އެހެންނަމަވެސް މިމަސައްކަތް މިހާރު ކުރަމުންގެންދާ ގޮތް ބަދަލުކޮށް މަސައްކަތް ރަނގަޅުނުކޮށްފިނަމަ އެކަހަލަ ގޮތެއްހެދުމަށް ރައްޔިތުންނަށް މަޖްބޫރުވެދާނެކަމުގައި އޭނާ ޚިޔާލު ފާޅުކުރިއެވެ. އަދިއެއީ ކުރާހިތްވާ ކަމަކަށް ނުވިނަމަވެސް ރަށުގެ މިހާ ބޮޑުމަސައްކަތެއް ކުރު މުއްދަތެއްގައި ހަލާކުވެދާ ކަހަލަގޮތަކަށް ކުރާނަމަ އެކަން ހުއްޓުވުމަށް ރައްޔިތުން ނުކުންނަހިސާބަށް ދާންޖެހިއްޖެނަމަ އެކަންވެސް ކުރަން ރައްޔިތުން ޖެހިލުން ނުވާނެކަމުގައި އޭނާގެ ވާހަކައިގާ ފާހަގަކުރެއްވިއެވެ.
ރޭގެ ބައްދލުވުމުގައި ވާހަކަދެއްކެވި ހުރިހާ އެންމެންގެ ވާހަކައިގާވެސް ރަށު ކައުންސިލުން ރަށުގައި ކުރާ މިފަދަމަސައްކަތްތަކުގައި ބައިވެރިވުން ކުޑަކަމުގައި ފާހަގަކޮށް ރަށުކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. .
ރައްޔިތުންގެތެރެއިން ބޭފުޅަކު ވިދާޅުވީ ރަށުކައުންސިލުން މިކަމާ އަޅާނުލާތީވެ ދެން އަޅުގަނޑުމެން އެންމެފަހުން މިދިޔަ ހަފްތާގައި ނުވަމީހުން އަތޮޅު ކައުންސިލަށް ގޮސް މި މައުލޫމާތު ހިއްސާކުރުމުން އެބޭފުޅުންވެސް ވިދާޅުވީ ބޮޑުހިލަޖެހުމުގެ މަސައްކަތްކުރާ ކުންފުނިންވެސް ، ރަށު ކައުންސިލުގެ އެއްބާރުލުން ނުލިބޭކަން ފާހަގަ ކުރެއްވިކަމުގައެވެ. އަދި ކައުންސިލުން މިކަން ހައްލުކުރަން އުޅެފިނަމަ ހައްލުކުރެވޭނެކަމުގައިވެސް ކޮންޓްރެކްޓަރ ވިދާޅުކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެފައިވާ ކަމުގައެވެ.
އޭދަފުށީ ހިއްކި ސަރަހައްދުގައި ބޮޑުހިލަޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑާ އެވެ. އެ ކުންފުނިން ރަށުގެ އިރު ދެކުނުން ހުޅަނގަށް 1300މީޓަރުގައި ބޮޑުހިލަ ޖަހަންޖެހެ އެވެ. މި މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިންމާފައެވެ.
ރޭގެ ބައްދަލުވުމުގައިވެސް ހަތް ކައުންސިލަރުން މަސައްކަތްކުރާ އޭދަފުށީ ކައުންސިލުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެންމެ ތިންކައުންސިލަރުންނެވެ.