ތުޅާދޫ ޕްރީސްކޫލްގެ ރިހިޔޫބީލް ފާހަގަކޮށްފި

medium_87451.jpg

ތުޅާދޫ ޕްރީސްކޫލްގެ ރިޔޫބީލްގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާ. ފޮޓޯ: ތުޅާދޫ ޕްރީސްކޫލް

ބ.ތުޅާދޫ ޕްރީސްކޫލަށް 25 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ރިހިޔޫބީލްގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތައް ނިންމާލައިފިއެވެ.

1990ވަނައަހަރު އޭރުގެ ޑިޕާޓްމަންޓްއޮފް ވިމެންސް އެފެއަރޒް އާއި ނުރަސްމީ ތައުލީމުދޭ މަރުކަޒުގެ އެހީތެރިކަމާއެކު އުފެއްދި މި ޕްރީސްކޫލްވަނީ ތުޅާދޫގެ ތައުލީމަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. ތުއްތުކުދިން ސްކޫލްގެ މާހައުލަށް ފަރިތަކުރުމާ ތައުލީމުގެ ފުރަތަމަ ބިންގާ ދަރިވަރުންނަށް އަޅައިދިނުމުގައި ތުޅާދޫ ޕްރީސްކޫލްވަނީ ގިނަކާމިޔާބުތަކެއްވެސް ހޯދާފައެވެ.

ރިހި ޔޫބީލްގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ރޭ ވަނީ އެސްކޫލްގައި ޚާއްސަ ޖަލްސާއެއްވެސް ބާއްވާފައެވެ.

ތުޅާދޫ ސްޕޯޓްސްކްލަބްގެ ޖަލްސާކުރާ ހޯލުގައި ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ތުޅާދޫސްކޫލްގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝަހީންއެވެ.

ޝަހީންގެ ވާހަކައިގާ ޅަފަތުގައި ދެވޭ ތައުލީމިގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދެއްކެވުމަށްފަހު ތުޅާދޫ ޕްރީސްކޫލްގެ ހީވާގި މުދައްރިސުން އެއްވެސް އުޖޫރައަކާނުލައި ސްކޫލަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ކިޔަވައިދިނުންފަދަ ބުރަ މަސައްކަތެއްް ހިލޭސާބަހަށް ކޮށްދެއްވަމުން ގެންދެވިކަމީ ތުޅާދޫގެ ތައުލީމަށާއި ރަށުގެ ދަރިންގެ ކުރިމަގަށް ކޮށްދެއްވި ވަރަށް އަގުހުރި ޚިދުމަތެއްކަން ފާހަގަ ކުރެއްވިއެވެ.

ޖަލްސާގައި9 ބައިވެރިވެވަޑައިގަތް ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ޢަބްދުއްރަޙީމުގެ ވާހަކައިގައި އަމިއްލަ ޖަމާޢަތަކުން މިކަން ރަނގަޅު ފެންވަރުގައި 25 އަހަރު ކުރެއްވިކަމީ ތުޅާދޫ ފަޚުރުވެރިވާން ޖެހޭފަދަ ކަމެއްކަމަށް ވިދާޅުވެ، ތުޅާދޫ ޕްރީ ސްކޫލަކީ ރާއްޖޭގެ ނިސްބަތުން އަދި ބ.އަތޮޅުން ވެސް ފާހަގަކޮށްލެވޭ ނަމޫނާ ސްކޫލެއް ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ސްކޫލަށް ވޭތުވެދިޔަ 25އަހަރުގެ ތެރޭގައި ޚިދުމަތްކޮށްދެއްވާފައިވާ އާންޓީންނަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ހަވާލުކުރުންވެސް އޮތެވެ.

ތުޅާދޫ ޕްރީސްކޫލް ހިންގަމުން ގެންދަނީ ތުޅާދޫސްޕޯޓްސްކްލަބްގެ އަންހެން މެންބަރުންގެ އެހީތެރިކަމާއެއްބާރުލުމާއެކުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top