ރައްޔިތުންނަށް ގޮވާލުމުން ތަރުހީބު ނުލިބެނީ ކީއްވެ؟

12301761_782084788562703_2527088108061295943_n.jpg

"ތަސްވީރު ބަލާލާނީ،ތަސްވީރު ބުނާހެންނޭ."

އޭދަފުށީގައި ހިއްކާފައިވާ ސަރަހައްދުގައި ބޮޑުހިލަޖަހާގޮތާ މެދު ހިތްހަމަނުޖެހިގެން އެކަމުގެ ޝަކުވާ އޭދަފުށީގެ ގިނަ ރައްޔިތުން ކައުންސިލާ ކުރަމުން ގެންދާތީ އެކަމުގެ މަޝްވަރާއަކަށް ރައްޔިތުންނަށް ގޮވާލުމުން ހާޒިރުވެފައިވަނީ އެންމެ 35 މީހުންނެވެ. 3000އަށްވުރެ ބޮޑު އާބާދީއެއްއޮތް އޭދަފުށީގައި ކައުންސިލްގެ ފަރާތުން މިފަދަ މުހިއްމުކަމަކަށް ގޮވާލުމުން މިހާ މަދު އަދަދެއްގެ ބަޔަކު އައުމަކީ ހައިރާންވާންޖެހޭ ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރައްޔިތުންނަށް ގޮވާލެވޭ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ނުލިބޭވާހަކައަކީ ރަށުކައުންސިލުގެ އެންމެ އަތްމަތީބަހެވެ. އެކަމަކު މިކަން މިގޮތަށް ދިމާވީ ކައުންސިލަރުންގެ ސަބަބުންނޭ ބުނާ މީހުންގެ އަދަދު ގިނައެވެ. އާބާދީގެ ބޮޑުބައެއް މިކަމުގައި ކައުންސިލަރުންނާދިމާލަށް އިނގިލި ދިއްކުރެއެވެ.  ސަބަބަކީ މިއީ ކައުންސިލަރުންގެ ދަށަށް ރައްޔިތުން އައުމުގެ ކުރިން ކަން ހިނގަމުންއައި ގޮތެއްނޫނެވެ. ކަތީބާއި މުދިމުން ރަށް ހިންގިދުވަސްވަރު ރައްޔިތުންނަށް ގޮވާލެވޭ ކޮންމެ ކަމެއްގައި ވަރަށް ފުރިހަމައަށް ރައްޔިތުން ބައިވެރިވަމުން ދާކަމީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. މިއީ ހަމައެރަށެވެ. އެ ރައްޔިތުންނެވެ. ބަދަލުވެގެންއުޅެނީ ރައްޔިތުން ގޮވައިގެން އުޅެން ތިއްބެވި ވެރިންނެވެ.

ދެން އެހެންވިއްޔާ މިހާ ދަށުދަރަޖައަކަށް ރައްޔިތުންގެ ބައިވެރިވުން ދަށްވެގެން ދިއުމުގެ އަސްލު ސަބަބަކީ ކޮބާހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދެއްވީ އޭދަފުށީގެ ކަމުވޮށިވެގެންވާ ބޭފުޅެކެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި އެވެރިންގެ ކިބައިގާ ރައްޔިތުން ގޮވައިގެން އުޅުމުގެ ގާބިލްކަން ނެތީއެވެ. ނުވަތަ ރައްޔިތުން ގޮވައިގެން އުޅެން ނޭގެނީއެވެ. ނުވަތަ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިއްބެވި ކައުންސިލަރުންނަށް ނަމޫނާ ދެއްކުމުގައި ފެއިލްވީއެވެ.

ހަމަގައިމުވެސް އެނގޭކަމަކީ ރަށަށް ބޭނުންވެފައިވާ އަސާސީ ކަންކަމުގައިވެސް ކައުންސިލަރުން ފެއިލްވެފައިވާ ކަމެވެ. މުޅި ރަށަށް އެއްކަޅިން ބަލާލާއިރު ފެނަނީ ދިރުމެއްނެތް އޭދަފުށްޓެކެވެ. ރައްޔިތުންގެ އިމާރާތްތައް ވީރާނާވަމުންދާތަނެވެ. ސަރުކާރުން ރައްޔިތުންނާ ހަވާލުކޮށްފައިހުރި ތަންތަންވެސް ނުބެލެހެއްޓުމުގެ ސަބަބުން އެތަންތަންވެސް ފަހުނޭވާލަމުންދާތަނެވެ.
އެކަމަކު މިވެރިން އައުމުގެ ކުރިން މިރަށް އޮތީ މިހެންނެއްނޫނެވެ. މަގުތައް އޮންނަނީ ކުނިކަހާރީތިކޮށްފައެވެ. ސަރުކާރާއި ރައްޔިރުންގެ އިމާރާތްތައް ހުންނަނީ އޮފް އަރުވާލާފައެވެ. އެއީ ކީއްވެގެންހެއްޔެވެ. ޖަވާބަކީ އެއީރައްޔިތުންނަށް ވަފާތެރި ވެރިންތަކެއްގެ ދަށުގައިރައްޔިތުން ގޮވައިގެން އުޅެން ދަންނަ ވެރިންތަކެއް ތިބުމުގެ ނަތީޖާއެވެ. އޭދަފުށީގެ ބޮޑުމިސްކިތާއި އެއްގަމު ތޮށިލުމާއި މިނޫނަސް މިރަށުގެ ތަރައްގީއަށް ކޮށްފައި ހުރި ގިނަ ކަންތައްތަކަކީ މީގެ ފާޅުކަން ބޮޑު ހެކިތަކެވެ.

އެކަމަކު މިއަދު މަސްރަހް ބަދަލުވެއްޖެއެވެ. ރައްޔިތުން ގޮވައިގެން އުޅެން ރައްޔިިތުން އިންތިޚާބުކޮށްފައި ތިބި ކައުންސިލަރުން ރައްޔިތުންގެ އިތުބާރުގައި ކޮޅުފައިންޖެހީއެވެ. އޭގެ މާނައަކީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އެންމެ ރަނގަޅުވާނެކަމަށް ފެންނަބަޔަކު ހޮވިީ އިތުބާރާއެކު ކަމަށް ވިޔަސް ކައުންސިލަރުންނަށް އެމީހުންގެ ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ބަދަލުގައި ޚިދުމަތަށްވުރެބޮޑަށް ލިބޭ މާލީ ފައިދާއަށް ބުރަވީއެވެ. ރަށުގެ ތަރައްގީއަށް ރައްޔިތުންނާގުޅުންހުރި އެއްވެސް ކަމެއް ކޮށްނުދެވުނުތާގައި ކޮންމެހެން ކުރަންޖެހިފައިވާ ކަންކަންވެސް މިބޭފުޅުންނަކަށް ފެނިވަޑައެއް ނުގަންނަވައެވެ. ޚުދު އެބޭފުޅުންނާ މަތިކޮށްފައިވާ ވަޒީފާގެ ޒިންމާއާމެދުވެސް ފެންނަމުންދަނީ ޚިޔާނާތްތެރިވަމުންދާތަނެވެ.

ރަށުތެރެ ސާފުކުރުމަށް ނުވަތަ އެންމެންބައިވެރިވެގެންކުރަންޖެހޭ ކަންކަމުގައި އެންމެން ބައިވެރިވުމަކީ އެދެވިގެންވާކަމެކޭ ކައުންސިލުގެފަރާތުން ، ގޮވުންތައް އިއުލާނުކުރަން ގެންގުޅޭ މެގަފޯނުން އަޑުގެ ކޮޅަށް މުޅިރަށަށް އިވޭވަރަށް ގޮވުމަށްފަހު ކައުންސިލަރުންގެ ބައިވެރިވުން ނެތްނަމަ ރައްޔިތުންނަށް އެދެވެނީ ކޮން މެސެޖެއް ހެއްޔެވެ؟. ރައްޔިތުންނަށް އަމުރުކޮށްފައި މި ބޭފުޅުން މިމަސައްކަތުގައި ބައިވެރިނުވާނަމަ އެކަން ރައްޔިިތުން ދެކޭނީ ކޮން ގޮތަކަށް ހެއްޔެވެ. ގަބޫލުކުރައްވާށެވެ.  ކައުންސިލުގެ ގޮވާލުންތަކަށް ރައްޔިރުން އިޖާބަ ނުދޭ ސަބަބަކީ މިއީއެވެ.

މީގެ ކުރީގައި ކަންތައް ހިނގާ ގޮތަކީ ރައްޔިތުންނަށް ގޮވާލެވޭ ކަންކަމުގެ އެންމެ ކުރީގައި ތިއްބަވާނީ ވެރިންނެވެ. އެ ނަމޫނާ މިހާރަކު ނުދެއްކެއެވެ. އެނަމޫނާ ދެއްކޭނީ ރައްޔިތުން ގޮވައިގެން އުޅެން ދަންނަ ބަޔަކަށެވެ. އެނަމޫނާ ދެއްކޭނީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ ކަންކަމަށް އިސްކަންދޭ ބަޔަކަށް ކައުންސިލަރުން ވީދުވަހަކުންނެވެ . އެނަމޫނާ ދެއްކޭނީ ވާޖިބާ ޚިދުމަތަކީ ކޯއްޗެއްކަން ދަންނަ ކައުންސިލަރުންތަކެއް އެމަގާމުގައި ތިބެގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top