އާ އާއްމު ހާލަތުގައި ކިޔަވައިދިނުމަށް ބ.އަތޮޅު ތައުލީމީ މަރުކަޒު ހުޅުވަން ތައްޔާރު!

12321150_1263367330356481_6047369521127213543_n.png

ބ.އަތޮޅު ތައުލީމީ މަރުކަޒު

މާދަމާއިން ފެށިގެން އާ އާއްމު ހާލަތުގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދޭން ފެށުމަށް އެސްކޫލް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް އެސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވެއްޖެ އެވެ.

ސްކޫލް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީ ތަކާ ބެހޭ ގޮތުން އީވީއާ ވާހަކަ ދައްކަވަމުން ރަފީއު ވިދާޅުވީ ސްކޫލް މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ފުރިހަމަކޮށް މިހާރު ނިމިފައިވާ ކަމަށެވެ.

“ސްކޫލްގައި ގާއިމުކުރަން ޖެހޭ ހޭންޑް ވޮޝިން ސްޓޭޝަންތައް ހުރީ ނިމިފައި. ސްކޫލްގައި ޖިސްމާނީ ގައިދުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްކޫލަށް ވަދެ ނިކުންނަ 3 ގޭޓް ކައިރީގައި ގައިދުރު ކުރަން ލާން ޖެހޭ ފާހަގަ ތަކުގެ އިތުރުން ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު މޭޒުތަކުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިން ހުންނަ ގޮތަށް ކްލާސް ރޫމްތައްވެސް ހުންނާނީ އިންތިޒާމް ކުރެވިފަ.” ރަފީއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ވަދެވޭނީ ހުން ބެލުމަށްފަހުގައި ކަމަށާ ސްކޫލަށް ވަދެ ނުކުމެވާ 3 ގޭޓް ކައިރީގައި އެކަމަށް ޓްރޭނިންގ ދީފައި ތިބި މުވައްޒަފުންގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުން ފޮނުވާފައި ތިބޭ 2 މުވައްޒަފަކުވެސް ތިބޭނެ ކަމަށެވެ. އެ މުވައްޒަފުންގެ ޓެސްޓަށް ފަހު ނޫނީ އެކަކަށްވެސް ސްކޫލަށް ނުވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މަސައްކަތު މީހުންނާ އެހެނިހެން މުވައްޒަފުންނަށް ޑިސްއިންފެކްޓް ކުރުމުގެ މައުލޫމާތުވެސް ދީފައިވާނެ ކަމަށާ އެއްވެސް މީހަކަށް މާސްކާ ނުލާއި ސްކޫލަށް ނުވަދެވޭނެ ކަމަށް ރަފީއު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވީ މާދަމާ ސްކޫލްތައް ހުޅުވިގެންދާ ދިއުމަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވާނެ ކަމަށެވެ. އެތައް ދުވަހަކަށްފަހު ރަހުމަތްތެރިންނާއި، މުދައްރިސުންނާ ކުލާހުން ބައްދަލުވުމަކީ ހުރިހާ ދަރިވަރުންނަށްވެސް ލިބޭނޭ ނުހަނު ބޮޑު އުފަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހެނީ ހަފްތާއަކު ހަތަރު ދުވަހުއެވެ. ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 4 ގަޑިއިރެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top