20 ސްޓިކާ ޖެހުމުން ލައިސަންސް ބާތިލްވާގޮތް ހަދައިފި

img_md_202102031131221612377082.3204.jpg

”ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކު ކުރި މީހާގެ ލައިސަންސް އިން ފަސް ޕޮއިންޓް އުނިވާނެ. މި ގޮތުން 20 ސްޓިކާ ހަމަވުމުން ލައިސަންސް ބާތިލުވާނެ.“

ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ކްރެޑިޓް ފަސް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖައްސާ 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވުމުން ލައިސަންސް ބާތިލުވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ގެޒެޓް ކޮށްފި އެވެ.

ރޭ ގެޒެޓްކޮށް މިއަދު އަމަލުކުރަން ފަށާފައިވާ އެ ގަވާއިދުގައި ބުނާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 75 ޕޮއިންޓް ކްރެޑިޓް އުނިވާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 50 ޕޮއިންޓް އުނިވާނެ އެވެ.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރުވެއްޖެ ނަމަ ތަކުރާރުވާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސުން 25 ޕޮއިންޓް އުނިވާނެ އެވެ. އަދި އުޅަނދު ދުއްވި މީހާގެ އިހުމާލުން އެއް އަހަރު ދުވަހުގެ ތެރޭގައި ފަސް އެކްސިޑެންޓަށް ވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސުން 20 ޕޮއިންޓް އުނިވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގާނޫނުގައި ނުވަަތަ ގަވާއިދުގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑާ ހިލާފުވުމުގެ އަމަލު ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ އެ މީހެއްގެ ލައިސަންސް އިން 15 ޕޮއިންޓް އަދި އެއްކޮޅަށް ދުވުމަށް ކަނޑައަޅާފައިވާ މަގެއްގައި އެއާ ހިލާފަށް ދުއްވުން ނުވަތަ ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ ކޮންމެ ފަހަރަކު އެ މީހެއްގެ ލައިސަންސް އިން 10 ކްރެޑިޓް ޕޮއިންޓް އުނިވާނެ އެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުރުކުރި މީހާގެ ލައިސަންސުން ފަސް ޕޮއިންޓް އުނިވާނެ ކަމަށާ 20 ސްޓިކާ ހަމަވުމުން ލައިސަންސް ބާތިލުވާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

އަދި މިއިން ކޮންމެ ގޮތަކުން ލައިސަންސް ބާތިލުވީނަމަވެސް އަލުން ލައިސަންސް ހޯދަން ހުށައެޅޭނީވެސް 180 ދުވަސް ( ހަ މަސް ދުވަސް) ފަހުންނެވެ.

ރޭ އާންމުކުރި ގަވާއިދުގައި ވަނީ ޖޫރިމަނާ ކުރެވޭނެ އަދަދުތަކާއި ލައިސަންސް ހިފެހެއްޓޭނެ ހާލަތުތައްވެސް ބަޔާންކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top