”ބޮޑުއީދު ޗުއްޓީއަށް އޭދަފުއްޓަށް 1000 މީހުން އަންނާނެ“

IMG_20200929_123943379.jpg

މިއަހަރުގެ ބޮޑު އީދު ޗުއްޓީ ހޭދަކުރުމަށްޓަކައި ހާހަކަށްވުރެ ގިނަމީހުން އޭދަފުއްޓަށް ޒިޔާރަތްކުރާނެކަމަށް އޭދަފުށީގެ ލާންޗް ސާވިސްތަކާއި، ކައުންސިލުން ލަފާކޮށްފިއެވެ. 

ކޮވިޑާއި ގުޅިގެން މިދިޔަ އަހަރު އީދު ޗުއްޓީގައި ދަތުރު ފަތުރުތައް މެދުކެނޑިފައި އޮތް ނަމަވެސް އާންމު ގޮތެއްގައި އީދަށް އޭދަފުއްޓަށް ގިނަ ބަޔަކު ޒިޔާރަތްކުރެއެވެ. އޭދަފުށީ ކައުންސިލުން ބުނީ ރަސްމީ ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ހަތްސަތޭކަ އަށްވުރެ ގިނަ މީހުން އޭދަފުއްޓަށް އައިސްފައިވާ ކަމަށާ މިއަދާއި މާދަމާގެ ދަތުރު ފަތުރުގެ ހަރަކާތްތަކަށް ބަލާއިރު ހާހެއްހާ މީހުން ދަތުރުކުރުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ. ކައުންސިލްގެ ކޮވިޑް ފޯކަލް ޕޮއިންޓް އަދި ކައުންސިލަރު ޒައިދު އަލީ އީވީއަށް ވިދާޅުވީ ދަތުރުކުރާ ފަރާތްތަކުގެ ހުއްދަތައް ހަމަޖެއްސުމުގެ މަސައްކަތުގައި މިއަދާއި މާދަމާވެސް ކައުންސިލް އިދާރާ އެލާޓްގައި މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. 

“ލުއިތައް ދިން ފަހުން މިދިޔަ ދިހަވަރަކަށް ދުވަހުވެސް ފައްސަތޭކައަށްވުރެ ގިނަމީހުން އަތުވެއްޖެ. އޭގެކުރިން ދުއިސައްތައަށްވުރެ ގިނަމީހުން އައި. މިއަދާއި މާދަމާވެސް ވަރަށް ބިޒީކޮށް ދަތުރުތައް ހުރީ. މިހާރުވެސް އަޅުގަނޑަށް ކޯލްތައް އެބައާދޭ ފުލުފުލުން. އިދާރާ ހުޅުވައިގެން ހުއްދަތައް ދިނުމުގައި ވަރަށް ބިޒީކޮށް މިއުޅެނީ.” ޒައިދު ވިދާޅުވިއެވެ. 

އޭދަފުށީގެ ލޯންޗް ސާވިސްތަކުގެ ތެރެއިން ސޭލަމް ޓްރާންސްޕޯޓްގެ އޮފިޝަލް މުހައްމަދު ލަތީފް “މޮހޮނަ” ބުނީ ލޯންޗްތައް ވަރަށް ބިޒީކަމަށާ، މިއަދާއި މާދަމާވެސް “ޖާގަތައް ފުލް” ކަމަށެވެ. 

“ހަމަޔަގީން އެއްހާސް މީހުންނަށްވުރެ މަދެއް ނުވާނެ. އަހަރެމެން އެކަނިވެސް ކިތައް ދަތުރު މިއެޅީ؟ އަދި ކޮބާ އެހެން މީހުންވެސް ދަތުރު ކުރޭ އެބަ މަޑުނުކޮށް” މޮހޮނަ ބުންޏެވެ. 

ޔޫސުފް ސްޕީޑްގެ އޮފިޝަލް ހުސައިން ޔޫސުފްވެސް ލަފާކުރައްވާ ގޮތުން އޭދަފުއްޓަށް މިފަހަރު ދަތުރު ކުރާ މީހުން އާދަޔާ ހިލާފަށް އިތުރެވެ. 

“ލޯންޗްތައް އެކަންޏެއް ނޫން މަތިންވެސް ވަރަށް ގިނަ މީހުން އަތުވެއްޖެދޯ. މިއަދު އަހަރެމެން ލޯންޗް މާލެ ނުގޮސް މަޑުކޮށްލީ އަންނަން ތިބި މީހުންގެ ބޮޑުބައި ޕީސީއާރު ޓެސްޓް ނުލިބިގެން. މާދަމާ ހަމަ ފުލްކޮށް ދައްކަނީ” ހުސެން ބުންޏެވެ. 

އޭދަފުށީ ކައުންސިލުން ބުނީ އޭދަފުއްޓަށް ގިނަ ބަޔަކު ދަތުރު ކުރަމުންދާ މިދަނޑިވަޅުގައި އެޗްޕީއޭގެ ގަވާއިދުތަކަށް އާންމުން ސަމާލުކަން ދެއްވުން އެދިވަޑައިގަންނަވާކަމަށެވެ. 

އޭދަފުށީގެ އިތުރުން ބ. އަތޮޅުގެ ހުރިހާ ރަށަކަށްވެސް އީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރަމުން އެބަގެންދެއެވެ. އަދި ބައެއް ރަށްރަށުގައި އެޗްޕީއޭއިން ހުއްދަދޭ މިންގަނޑުތަކަށް އީދުކުޅިވަރު ކުޅުމަށް ތައްޔާރުވަމުންވެސް އެބަދެއެވެ. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top