އެދުނު އެންމެންނަަށް ގޯތި ނުދެވޭތީ، ގޮއިދޫ ކައުންސިލުން ހިތްހަމަނުޖެހިއްޖެ

goidhoo.jpg

ބ. ގޮއިދޫން ގޯއްޗަށް އެދި އެރަށު ކައުންސިލަށް ހުށައެޅި އެންމެންނަށް ގޯތި ދޭން ހުއްދަ ނުލިބޭތީ، ގޮއިދޫ ކައުންސިލުން ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

ގޮއިދޫން މިއަހަރު ގޯތި ހޯދުމަށް އެދި ހުށައަޅާފައިވާ ފޯމްތަކާ ބެހޭގޮތުން އީވީން އެރަށު ކައުންސިލަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބުނީ ގޯތި ހޯދުމަށް 60 އަށްވުރެ ގިނަ ފަރާތުން ކައުންސިލަށް ހުށައަޅާފައިވާކަމަށާ، ނަމަވެސް ހައުސިން މިނިސްޓްރީ ހުއްދަދިނީ އެންމެ 14 ގޯތި ދޫކުރުމަށްކަމަށެވެ. އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ހިތްހަމަނުޖެހި ހުންނަވައި ދެއްވި އިންޓިވިއުގައި ވިދާޅުވީ ހައުސިން މިނިސްޓްރީގެ ގަވާއިދަކީ ތާކުންތާކުޖެހޭ ގަވާއިދެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދެމަފިރިއަކަށް ގޯއްޗެއް ދޭންޖެހޭ ކަމަށެވެ.

“މީހުންނާ މީހުން އިނުން މަދެއްނުވޭ. ކައިވެންޏަށް ކުދިންވެސް ލިބުން ނުއެއް ހުއްޓޭ. ދެން ހައުސިން މިނިސްޓްރީން މިބުނަނީ ބޮލަކަށް ޖެހޭ ރޭޓުންނޭ ގޯތިދެވޭނީ، ބައްލަވާ ގޯތި ބޭނުންވާ 60 މީހުން އެބަތިއްބޭ އިނގޭތޯ. ރަނގަޅު އުފާވެރި ދިރިއުޅުމެއް އުޅެންޏާ ކޮންމެ ދެމަފިރިއަކީވެސް ވަކި ދިރިއުޅުމެއް، ވަކި ގޯއްޗެއް ލިބެންވާނެ މީހެއް. މިއީ ވަރަށް ހެއްވާ ގަވާއިދެއް” އާމިރުގެ އިހްސާސްތައް އެއްނޭވައިން އޮއްސަވާލެއްވިއެވެ.

އާމިރު ވިދާޅުވީ ގޮއިދުއަކީ ބިންބޮޑު ރަށަކަށް ވީއިރު ރައްޔިތުންގެ އިހްސާސްތަކަށް ޖާގަދިނުމުގެ ވިސްނުން ސަރުކާރުގެ ގަވާއިދުތަކުގެ ތެރޭގައި ހިމެނުން މުހިއްމުކަމަށެވެ.

“މިރަށުގެ ބިމަކީ ސަތޭކަ ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް. އަދި ރައްޔިތުން ދިރިމިއުޅެނީ ވަރަށް ކުޑަ ސަރަހަައްދެއްގައި. ބިން އޮތިއްޔާ ބިންނުދެވެންވީ ސަބަބެއް އެބައޮތްތޯ؟”

އޭނާ ވިދާޅުވީ ގޯއްޗަށް އެދި ހުށައަޅާފައިވާ ފޯމްތައް މިހާރު އިވެލުއޭޓް ކުރައްވަމުންދާކަމަށާ، އިތުރު ގޯއްޗަށް ހުއްދަލިބޭތޯ އަދިވެސް ބައްލަވާނެކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ގޯތި ދޫކުރެއްވުމަކީ އަމާޒެކަމަށްވެސް އާމިރު ވިދާޅުވިއެވެ.

115 ހެކްޓަރ ބޮޑު ބިމެއް އޮންނަ ގޮއިދޫން މިވަގުތު 180 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާކަމަށް ކައުންސިލް އިދާރާއިން ބުނެއެވެ. އާބާދީގައި 800 އެއްހާމީހުން ތިބި ގޮއިދޫން އެންމެފަހުން ގޯތިދޫކުރީ މީގެ ފަސްވަރަކަށް އަހަރުކުރިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top