ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ކުދި ފެންފުޅި ވިއްކުން މަނާކޮށްފި!

big_Z1wxlacJl5mMgo3colWgEutt3.jpg

ރައީސް ، އިބްރާހީމް މުހައްމަދު ސޯލިހު

މިއަދުން ފެށިގެން ސުޕާރީ ޕެކެޓާއި ކުދި ފެންފުޅި ވިއްކުން މަނާކޮށްފި އެވެ.

މި ދެބާވަތް ހިމެނޭހެން ޕްލާސްޓިކްގެ ދިހަ ބާވަތެއް އެތެރެކޮށް ވިއްކުން ވެސް އިއްޔެއިން ފެށިގެން މަނާ ވާނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ނެރުއްވި ގަރާރެއްގައި ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެތީގެ ތެރެއިން، ރާއްޖެއަށް އެތެރެކުރުމަށާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކް ބާވަތްތަކުގެ ލިސްޓު އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހުތިޔާރު އެމަނިކުފާނަށް ލިބިވަޑައިގެންވާ ކަމަށެވެ.

ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީޚް ތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި މި ގަރާރުގައި ބަޔާން ކުރައްވާފައި ވެއެވެ.

އެލިސްޓުގައި ހިމަނާފައިވާ ބާވަތްތަކަށް ބަލާއިރު، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި 19 ޑިސެމްބަރު 2022 އިން ފެށިގެން އުފެއްދުން މަނާކޮށް، ހަމަ އެދުވަހުން ފެށިގެން ބާޒާރަށް ނެރުން ވަނީ މަނާކޮށްފަ އެވެ. ޕްލާސްޓިކުން ހަދާފައި ހުންނަ ތަށި، އޫ، ވަޅި، ސަމުސާ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު ވެސް ވަނީ 19 ޑިސެމްބަރު 2022 އިން ފެށިގެން އުފެއްދުން މަނާކޮށް، ހަމަ އެދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާކޮށްފައެވެ.

މިއަދުން ފެށިގެން އުފެއްދުމާއި ބާޒަރަށް ނެރުން މަނާ ތަކެތި:

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލައިފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި އާއި ކޮންޑިޝަނާ އަދި ލޯޝަން
  • ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
  • ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)

2023 އާއި 2024 ގައި ބާޒާރަށް ނެރުން މަނާ ޕްލާސްޓިކްގެ ބާވަތްތައް:

  • ބާޒާރު ކުރަން ބޭނުން ކުރާ 50 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން

ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުމުގެ ގާނޫނު ރައީސް އިބްރާހީމް ތަސްދީގުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top