ރޯދަމަހުގެ ހޮޅުއަށި : ކަޑިބެ ގެއްލުނު ހާދިސާ

DSCN2567.jpg

ހާދިސާގައި ސަލާމަތްވި އަހްމަދު ވަހީދު އީވީއަށް އިންޓަވިއު ދެނީ

އެޑިޓަރުގެ ނޯޓް : މިއީ 80ގެ އަހަރު ތަކުގެ ކުރީކޮޅު ހިނގާފައިވާ ހާދިސާ އެކެވެ. ބ. މުއްދޫ (ޑުސިތު ތާނީ ރިސޯޓް ) އަށް އޭދަފުށިން ފުރައިގެން ކާށި ހޮވަން ދިޔަ ދެމީހުން  އެކަން ނިމިގެން އޭދަފުއްޓަށް އަންނަން ކުރި ދަތުރު މޫސުން ގޯސްވެގެން އެދަތުރު ކުރި ދޯނި ބަންޑުން ޖަހާލީއެވެ. އެހާދިސާގައި އެކަކު ސަލާމަތް ވިއިރު ދޯނީގައި ދަތުރު ކުރި އެދަފުށީ މަބުސްތާނުގޭ އިބްރާހީމް އަހްމަދު (ކަޑިބެ ) އަށް ވީގޮތް އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ. މި ހާދިސާ ހިނގި ގޮތް ކިޔާ ދެއްވީ އެ ދަތުރުގައި ކަޑިބެއާއެކު ބައިވެރިވި އޭދަފުށީ ދިލާވަރުގޭ އަހްމަދު ވަހީދު އެވެ. 

ހުޅަނގު މޫސުން ކަމަށް ވިޔަސް މޫސުން ރީތި ދުވަހެކެވެ.  ހެނދުނު 9 ޖަހާކަށް ހާއިރުއެވެ. މިޔަރު ކަނޑަން އަހުމަދު ވަހީދު އޭނާގެ ބައްޕަ އާއެކު އަތިރިމަތީގައި އިންދާ އޭނާގެ ޅިޔަނު އެދުނީ އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ ވަރުވާ އަށް ލިޔެގެން އުޅޭ މުއްދޫ އަށް ކާށި ހޮވަން ދިއުމަށެވެ.  މުއްދޫއަކީ އޭދަފުއްޓާ ފަސްކިލޯމީޓަރެއްހައި ކައިރީގައި އޮތް މިހާރުގެ ޑުސިތު ތާނީ ރިސޯޓެވެ. އެދަތުރުގައި އޭނާ އާއެކު ދެން ބައިވެރިވަނީ މުހައްމަދު އަލީ ގެންގުޅޭ މަބުސްތާނުގޭ އިބްރާހީމް މުހައްމަދު (ކަޑިބެ ) އެވެ.

މުހައްމަދު އަލީގެ 12 ރިޔަނު ވަދު ދޯނީގައި ދެމީހުން މުއްދުއަށް ދާން ފުރިއިރު ހެނދުނު ދިހަ ގަޑި ބައެވެ. މަޑު ރޯޅީގާ ބޮޑުދަންމާނުގައި ދުއްވަމުން ނިޔާމަ ދަތުރަކަށް ފަހު މުއްދޫއަށް ދެވުނު އިރު އެއްގަޑި ބައިވީއެވެ.

މުއްދޫން 400 ކާށި ހޮވާ ނިމުމުން ހަވީރުވެސް ވާތީއާއެކު ތިން ގަޑި ބައިގާ އެނބުރި ރަށަށް އައުމަށް ދަތުރު ފެށި އިރުވެސް މޫސުން ގޯހެއް ނޫނެވެ. އެކަމަކު ހުޅަނގު ފަރާތުން އުދަރެހަށް ބަލާލިއިރު ހޮރުބަދޫ (ރޯޔަލް އައިލެންޑް ރިސޯޓް ) އާދިމާލުން ވައި އަންނަ ކަހަލަ ގޮތަކަށް ހުރި ކަޅު ވިލާ ކޮޅެއް ހުއްޓެވެ. އެކަމަކު އެއީ މާބޮޑު ކަމަކަށް ނުހަދައި ތީރި ވައިގާ އައިސް ބޮޑުފަރު ފަޅަށް ވަންތަނާ މަޑުމަޑުން އެ  ވިލާ ކޮޅު ބޮޑު ވިލާ ގަނޑަކަށް ބަދަލު ވެއްޖެއެވެ. މޫސުން ގޯސްވީއެވެ.

“ދަތުރު ކޮށްފާ އައިސް ނެލިވަރު ހާމައްޗާ އަރާ ހަމަވިތަނާ ވިލާ ގަނޑުން ބާރު ވައި އަންނަން ފަށައިފި . ކަނޑު އައީ ކެކެމުން. އިރު ކޮޅެއް ވެސް ނުވަނީސް އޮބި ނޯންނަ ވަރުވެއްޖެ. ވައި އައިލެއް ބާރު ކަމުން ދެމީހުން އުޅެގެން ވެސް ރިޔާ ދޫކޮށްލެވޭވަރެއްނުވި. އިރުކޮޅެއްވެސް ނުވެ ރިޔަލާއެކު ދޯނި ވައްޓާލީ. ”

އެވަގުތު އިބްރާހީމް ފެށި ރޯށެވެ. އަހްމަދުއަކަށް ރޯކަށް ނޭގުނެވެ. ގޮތް ހުސްވީކަމަށް ދެކޭ ހިތް ނުވީއެވެ. އޭނާ ބެލީ  ދޯނި ކޮޅަށް ޖެހޭ ތޯއެވެ. އެކަމަކު އެކަން ވާން އޮތީ ދޯނީގެ ކުނބު ދަމައިގަނެގެން ކަމަށް ވާތީ އޭނާ އުޅުނީ އެކަމާއެވެ.

އަހްމަދު ބުނީ ވިލާގަނޑުގެ ވަޔާއެކު ދޯނީގެ ރިޔާ ދޫކޮށްލެވުނުނަމަ ދޯނި ފެންމަތީގައި އޮތީސްކަމުގައެވެ. އެހެންނަމަވެސް އެދޯނީގައި ތިބި ދެމީހުންނަކީވެސް މިކަހަލަ ކަމެއްގެ ވައްޓަފާޅި ނެތް ދެމީހުން ކަމަށް ވާތީ އެކަން ނުކުރެވުނީއެވެ.

އަހްމަދުގެ މަސައްކަތުން ކުނބުގައި އައްސާފައި ހުރި ސަވާ މޮހާލިއެވެ. އެއަށް ފަހު ކުނބު ދަމައިގަނެވޭތޯ މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބު ނުވެއުޅެނިކޮށް ދޯނި ރީތިކޮށް ބަންޑުން ޖަހައިފިއެވެ.

އެވަގުތު ކަޑިބެ ފެންނަން ނެތުމުން ވަރަށް ބާރަށް ކަޑިބެއަށް ގޮވިއެވެ. އަހްމަދު ބުނީ ކަޑިބެ އަށް ވީގޮތެއް ނުވަތަ ވީތަނެއްވެސް ނޭގުނު ކަމުގައެވެ. ވަރަށް ބާރަށް ވަރަށް ގިނަ ފަހަރުގޮވިކަމަށާ އަގައިން ލޭ ރަހަ ލަން ދެން ގޮވިން ކަމަށް ބުންޏެވެ.

“ބަންޑުން ޖެހީމާ ދޯނީގެ ފަށަން މައްޗަށް އެރީ. އެކަމަކު އަރާ އިރަށް ވައްޓާލާ. އެހާވެސް ރާޅު ބޮޑުވެފައި ވައިބާރު. ނެލިވަރު ހަލަކީ އާއްމުކޮށް ވެސް ގަދަ ތަނަކަށް ވެފާ އެވަގުތަކީ މޫސުން އެހާ ގޯސް ވަގުތަކަށް ވީމާ އެއް ގޮތަކަށްވެސް އިށީދެވޭގޮތެއް ނުވި. ހަމައަރާއިރަށް ވައްޓާލާ.” އެ ހާދިސާގެ ފަހުން އެތައް އަހަރެއް ވީއިރުވެސް އަސަރާއެކު ކިޔައިދިނެވެ.

އޭރު އިރު އޮއްސެނީއެވެ.  އެހެން އުޅެނިކޮށް އޭނާ ދޯންޏާ ވަކިވެ ބިޔަރާޅާ ގަދަ ވައިގެ ތެރޭގައި ފަތަމުން އަނެއް ބައި ފަހަރު ފެތެމުން ފީނަމުން ގެންދަނިކޮށް އެންމެ ފަހުން ގައި ބާރު ދެރަވެ އަޑިއަށް ދިޔައީއެވެ.

“މީހުން ބުނޭތާ ކަނޑުވާން ފެށުމުން ބިރު ގަތަސް ކަނޑު ވުމަކުން ބިރެއް ނުގަންނާނެއޭ. ބިރު ގަނެވޭނީވެސް މީހާ ހަމަ ހޭގައި ހުރެގެން ރަނގަޅަށް ނޭވާ ވެސް ލެވިގެންތާ.ވާނުވާ އެއްވެސް އެނގިގެންތާ  ” ހަނދާންތައް އާކުރަމުން އަހުމަދު ބުންޏެވެ..

އަހްމަދު ބުނީ އަޑިއަށް ދެވުމާއެކު ފައި ޖެހުނީ ގަލެއްގައި ކަން އެނގުމުން އާ ހިތްވަރެއްލިބި މައްޗަށް އަރާފައި އޭނާގެ ދެފަރާތުން ނަގާ ރާޅު ތަކުގެ ތެރެއިން ބޯހިއްލާލެވުނު އިރު މިއޮވެވުނީ ކުން ފުނަދޫ (ސޮނޭވާފުށި )ފަރުމަތީގައެވެ.

ފަތާފަ ގޮސް ސޮނޭވާ އަށް އެރުނު އިރު ގައިގަ ހަކަތަ މުޅިން ދިޔައީއެވެ. ހަމަ ރީއްޗަށް ދެމުނީއެވެ. ގައިގެ އެތައް މިތަނުން ނަގާ ދިލައާއި ގާތަކުގެ ތެރޭގައި ތެޅި ފޮޅެން ޖެހުމުން ބައެއް ތަންތަނުން ލޭވެސް އާދެއެވެ.

އޭރު އެއީ ކުންފުނަދޫގައި މއ.އިރުމަތީގޭ މަރްހޫމް އަހްމަދު ޖަލީލު ރިސޯޓަކަށް ތައްޔާރު ކުރެއްވުމުގެ މަސައްކަތް ހަމަފަށައިގަތްތަނާއެވެ.

އިރުކޮޅެއްގެ ފަހުން ތެދުވެ ހިނގަމުން ގޮސް ދިއްލާފަ ހުރި ބޮޑު ތަނެއް ފެނިގެން އެތަނަށް ގޮސް ސަލާން ގޮވާލުމާއެކު ސަލާން ބަލައިގަތީ އޭދަފުށީ ޕިޔާނާގޭ ހާމިދު ކަން އެނގުނެވެ. އަނެއްކާވެސް ވެއްޓުނީއެވެ. ހާމިދުއަކީ އޭރު އެރަށުގައި މަސައްކަތް ކުރަން ތިބި މީހުންގެ ތެރެއިން އެކެކެވެ.

އަހްމަދު ބުނީ ފަހުން އެނގުނު ގޮތުގައި އިރު އެމީހުންނާ ހަމައަށް އާދެވުނު އިރު ހަށިގަނޑުގައި ހަމައެކަނި އެތެރެއިން ލާފައި ހުރި ޖަގިޔާ ނޫން އެކައްޗެއްވެސް ނެތެވެ. އޭނާ ހޭވަރިކަން ވީއިރުވެސް ފުނަދޫގައި ތިބި ހުރިހާ އެންމެން ބައިވެރިވެގެން އޭނާއަށް ފަރުވާ ދެނީއެވެ.

ކަންތައް ވީ ގޮތް ކިޔައިދިނުމުން މި ޚަބަރު އޭދަފުއްޓަށް ދިނީ ފުނަދޫއިންނެވެ. އެކަމަކު އޭގެ ކުރިން ވެސް ހަވީރު އައި ވިލާގަނޑުގެ ފަހުން އެދޯނީގެ ޚަބަރެއް ނުވެގެން އޭނާގެ ބައްޕަ އިސްވެ ހުރެ ނަންބާ ދޯނީގަ ފުރިއެވެ. އެދޯނި ފުނަދުއަށް ގޮސް އެމީހުންގެ މައުލޫމާތެއް ލިބޭތޯ ބެލިއެވެ.  ނަމަވެސް ފުނަދޫގައި ތިބި މީހުންނަކަށް މިމައުލޫމާތު ދޭކަށް އޭރަކު ނޭގޭނެ ތާއެވެ.

އޭދަފުއްޓަށް މި ޚަބަރު ދިނުމުން ވަގުތުން މަސްދޯނި ފަހަރުގައި އެދޯންޏާއި ކަޑިބެގެ ޚަބަރެއް ވޭތޯ މަސައްކަތް ފެށިއެވެ. އެކަމަު އެމީހުން އެރެއާއި އަނެއް ދުވަހު ކުރިމަސައްކަތުންވެސް ދޯންނާއި ކަޑިބެގެ ޚަބަރެއް ނުވިއެވެ. މިއަދާ ހަމައަށްވެސް ވަނީ އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބިއެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު