ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބްލް އަހުމަދު ސަލީމަށް އެމަނިކުފާނުގެ އުފަން ރަށް، އޭދަފުށީން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް ގެ މަގާމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އޭދަފުށީ ރައްޔިތުންގެ ފަރާތުން މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާރުގައި ބައިވެރިވެގަތުމަށް އިއްޔެ ހަވީރު އެމަނިކުފާނު އޭދަފުއްޓަށް ވަޑައިގެންނެވި އިރު އެސަރަހައްދު ވަނީ ގައުމީ ދިދަތަކުން ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ.
ރަސްމީ ފާލަމަށް އެމަނިކުފާނު ފައިބާވަދައިގެންނެވި އިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އޭދަފުށީ ކައުންސިލުގެ ރައީސް ޝާމީ އިބްރާހީމާއި ކައުންސިލުގެ މެންބަރުންނާއި އޭދަފުށީ އަންހެނުން ކޮމެޓީގެ މެންބަރުންގެ އިތުރުން ޕީއެންސީގެ މެންބަރުންނާއި އާއްމު ރައްޔިތުން ހިމެނޭ ގޮތަށް ދިގު ސަފެއް ރުކުރުވާލާފައިވެ އެވެ. ހަމައެވަގުތު އޭދަފުށީގެ ޒުވާން އަންހެން ކުދިންކޮޅެއްގެ ކުރުފަލި ޖެހުމުގެ ފަރި ހަރަކާތްތަކެއް ފަޅުތެރޭގައި ހިނގަމުން ދިޔަކަން ފާހަގަ ކުރެވުނެވެ. ރައްޔިތުންނާ ސަލާން ކުރެއްވުމަށްފަހު އެމަނިކުފާނުގެ ޝަރަފުގައި ބޭއްވި އަންހެން ކުދިންގެ މާފަތިޖެހުމުގެ ހަރަކާތެއްވެސް ބައްލަވައިލެއްވިއެވެ.
އޮނަރަބްލަ އަހުމަދު ސަލީމުގެ ޝަރަފުގައި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އެރުވި ޖާފަތް ބާއްވާފައިވަނީ ރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައެވެ. މި ޖާގަތުގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ދުވެލި މިހާ ހިސާބަށް ދަތުރުކުރި ގޮތުގެ ޚުލާސާ ޕްރެސެންޓޭޝަނެއް ހުށަހަޅާފައިވެ އެވެ.
ޕްރެސެންޓޭޝަނަށްފަހު އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން އޭދަފުށީ ރައްޔިތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާ އާއި އަދާކުރެއްވި ފުރިހަމަ މެހްމާން ދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިޔާސީ ހަޔާތް ފެއްޓެވުމުގެ ކުރިން އުމުރުން 18 އަހަރުން ފެށިގެން ސަރުކާރުގެ ޚިދުމަތުގައި މެދު ނުކެނޑި 24 އަހަރު ހޭދަކުރެއްވި ގޮތުގެ ތަޖްރިބާ ހިއްސާ ކުރެއްވި އެވެ.
”މަޖިލީހަށް އަޅުގަނޑު އައީ އޭރުވެސް އަދި މިހާރުވެސް އެބައެއްގެ ހިންގުންތެރިކަމާއި ގާބިލު ކަމާމެދު އެންމެން އެއްބަސްވާ ހަތަރު މިނިސްޓަރުންގެ އަރިހުގައި މަސައްކަތް ކޮށް އެބޭފުޅުންގެ ޚިދުމަތާއި ހިނގުންތެރިކަމުގެ ތަޖްރިބާ ހޯދައިގެން. އެއީ މަރުޙޫމް އަބްދުﷲ ހަމީދު، އިލްޔާސް އިބްރާހީމް، އަބްދުﷲ ޖަމީލް، ޑރ. މުހައްމަދު ލަތީފް. މި ބޭފުޅުންގެ އަރިހުން އަޅުގަނޑަށް ލިބުނު ތަޖްރިބާ ތަކަކީ މިހާހިސާބަށް އަޅުގަނޑަށް ސިޔާސީ ހަޔާތް ކުރިއަށް ދިއުމުގެ އަސްލު “އެބޭފުޅުންގެ ހިންގުންތެރިކަމަށް ތައުރީފު ކުރައްވަމުން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ އެއްބައިވަންތަ ކަމަށާއި އެއްބައެއް ވަންތަ ކަމަށްވެސް ގޮވާލައްވާފަ އެވެ. ވަނ
”އަޅުގަނޑުގެ އެންމެ ޒުވާނު އުމުރުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އުފެދިގެން އެޖަމިއްޔާގައި މަސައްކަތްކުރައްވަން ފެށި ހިސާބުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދިނީ ރަށުގެ އެންމެން އެކުގައި ވަކި އަވަށެއް ނެތް އޭދަފުއްޓެއް ދައްކައިދިނުމަށް. މިހާރުވެސް މިގޮވާލަނީ އެކަމަށް. އޭދަފުށީގައި ވަކި އަވަށެއްގެ ގޮތުގައި އެއްވެސް ބަޔަކު ދެކިގެން ނުވާނެ. މި ރަށުގެ އެންމެންނަކީވެސް އޭދަފުށީ ރައްޔިތުން. އަޅުގަނޑު ނެތް ދުވަހެއްގައިވެސް މިކަން އޮންނަންވާނީ އެގޮތަށް. އަޅުގަނޑުގެ އިލްތިމާސަކީ އެއީ“
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިޚާބު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސަލީމް ވިދާޅުވި ގޮތުގައި ހަގީގަތުގައި އެ މަގާމު ބޭނުން ނުވާ ކަމަށާއި، ނަމަވެސް ހާލަތާއި ޕާޓީގެ މަސްލަހަތާއި އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އެ މަގާމާ ހަވާލުވެވަޑައިގަތީއެވެ.
ސަލީމް ވިދާޅުވީ އެބޭފުޅާ މަގާމާ ހަވާލުވީ ޕާޓީގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ކަމަށާއި އެހެން ނޫންނަމަ އެއީ އެއްވެސް ބޭނުމެއްހުރި މަގާމެއް ނޫން ކަމަށެވެ.
އެ ނިންމުން ނިންމިއިރު ސަލީމް ހުންނެވީ ހައްޖުގެ އަޅުކަމަށް ވަޑައިގެން މައްކާގައެވެ. ސަލީމް ވިދާޅުވީ އަމިއްލަ ވިޔަފާރިއަށް ވުރެ އޭނާއަށް ގައުމަށްޓަކައި މަސައްކަތް ކުރުން މާ މުހިންމު ކަމުގައެވެ.








