ޝައިޚް މަޖީދުގެ ދަރެސް: ކެތްތެރިކަމަކީ މާތް މީހުންގެ ސިފައެކެވެ

alternative-to-handshake-main.jpg

ދުނިޔޭގެ މުޖްތަމައުތަކުގައި ހުރިހާ ޒަމާނެއްގައިވެސް ، އުޅެފައިވަނީ އަދި އުޅެމުން އަންނަނީ، ހެޔޮލަފާ ރަނގަޅު، ޙިކުމަތްތެރި އިލްމުވެރި ޙިލްމުވެރިންނާ، ނުބައި ނުލަފާ ޙިކުމަތްތެރިކަމެއް ނެތް ޢިލްމު ލިބިފައި ވިޔަސް ޙިލްމެއް އަދި ޢިލްމާއި ޙިލްމުވެސް ލިބިފައިނުވާ ތަފާތު މީސްމީހުންނެވެ. އެހެންކަމުން ކޮންމެ މުޖްތަމައެއްގައިވެސް ނަފްސާނީ ގޮތުން ހަމަޖެހިގެން އުޅެވޭނީ ، ވަރަށް ބޮޑަށް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ އިރުޝާދުތައް ކިޔައި އޭގެ އިތުރަށް ސަލަފުއްޞާލީޙުންގެ ބަސްފުޅުތައްވެސް ކިޔައި އެއާ އެއްގޮތަށް ވިސްނުން ބަހައްޓައި އެއާއެއްގޮތަށް އަމަލުކޮށްގެންނެވެ.

ޢާއިލާގެ ތެރޭގައާއި މަސައްކަތުގެ މާހައުލުގައި އަދި ކުޅިވަރިގެ މައިދާންތަކުގައާއި އެކިއެކި އިޖްތިމާއީ ހަރަކާތްތައް ހިންގުމުގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކާއި އެކިކަހަލަ އުނދަގޫތަކާއި ކުރިމަތިވާނެއެވެ. މިފަދަ ކަންކަމުގައި އިސްލާމް ދީން ދަސްކޮށްދީފައިވަނީ ޖާހިލީ ޒަމާނުގައި ކަންކުރާ ގޮތާ ޚިލާފަށް މަޝްވަރާ ކޮށް ވާހަކަ ދައްކައިގެން މިކަމުގެ ހައްލެއް ހޯދުމަށެވެ. ތާއަބަދަށް ދެމިގެންދާ ގޮތަށް ޢަދާވާތްތެރިކަމަކަށް ބަދަލުކޮށްގެން އަރާރުންވެ ތަޅާފޮޅައި ، މަލާމާތްކުރުމާއި ފުރައްސާރަކޮށް އުޅުމަކަށް ނޫނެވެ. އަނިޔާ ލިބެމުންދާ ފަރާތުން ، ޝަރީއަތް މެދުވެރިކޮށް ޙައްލު ހޯދުމެވެ. މިގޮތުންވެސް ޙައްލު ނުވެއްޖެނަމަ ދެންއޮތީ މިކަމުގައި އަނިޔާ ލިބެމުންދާ މީހާގެ ފަރާތުން ކެތްތެރިވުމެވެ. ސޫރަތުއްޝޫރާގެ 43ވަނަ އާޔާތުގެ މާނައިގާ ވަނީ “އަދި ހަމަ ކަށަވަރުން ކެތްތެރިވެ މާފުކުރާ މީހާ ، ދަންނާށެވެ! ހަމަކަށަވަރުން އެކަންވަނީ އަޒުމް ކަޑައަޅަން ޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. މި ބަސްފުޅުން ދޭހަވަނީ  ޖެއްސުންކުރުމުގެ ގޮތުން ބުނާބަސްތަކަށާއި ، ކުރާ ކަންތައްތަކަށް ޖާހިލުންނަށް ރައްދު ނުދީ އެމީހުންނަށް މާފުކުރުމާއެކު ކެތްތެރިވުމުގެ މާތްކަމާއި މަތިވެރިކަމެވެ.

އެހެންކަމުން ދުނިޔެއާާއި އާޚިރަތުގެ ކާމިޔަބަށް އެދޭ މީހުންގެ އަޒުމަކަށް ވާންވާނީ ތަންދޮރު ނުދަންނަ ޖާހިލުންގެ ފަރާތުން ލިބޭ އުނދަގޫތަކަށް ކެތްތެރިވުމެވެ. އެފަދަ ޖާހިލުންނަށް ރައްދު ދީ ބަދަލު ހިފުމެއް ނޫނެވެ. ސޫރަތުލް ފުރުޤާންގެ 63 ވަނަ އާޔަތުގެ މާނައިގާ ވަނީ ރަޙްމާނު ވަންތަ ރަސްކަލާނގެ އަޅުންނީ މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާއުޅޭ މީހުންނެވެ. އަދި އެއުރެންނާ ،ޖާހިލުން މުޚާތަބުކޮށް ވާހަކަ ދައްކައިފި ހިނދަކު އެއުރެން ސަލާމޭ ބުނެތެވެ. ” މިބަސްފުޅުން ދޭހަވަނީ ﷲގެ އަޅުންނަކީ ދުނިޔޭގައި ހިތްތިރިކަމާ އެކު މަޑުމައިތިރިކޮށް އުޅޭ ބައެއްކަމެވެ. މަތިހަށި ނަގާފައި ކަންދައްކަން އުޅޭ ބައެއްނޫންކަމެވެ. އަދި ފުރައްސާރަ ކުރުމާއި މަލާމާތްކުރުމާއި ޖެއްސުމުގެ ގޮތުން ކުރާކަންކަމަށް ޖާހިލުންނަށް ރައްދު ނުދީ އުޅޭ ބައެއްކަމެވެ.

ދެދުނިޔޭގެ ޙަޔާތް ކާމިޔާބުވުމަށްއެދޭ މީހާގެ ގޮތަކަށްވާނީ އަނެކުންނަށް މާފުކޮށް ކެތްތެރިކަމާއެކީ އުޅުމެވެ. ކީރިތި ރަސޫލާގެ ބަސްފުޅެއްގައިވާ ފަދައިން ، ދުނިޔެއަކީ މުއުމިނުންގެ ޖަލުކަން ހަނދާންކޮށްގެން އުޅުމެވެ. އަދި ދުނިޔެއަކީ ކާފިރުންގެ ސުވަރުގެ ކަން ހަނދާން ކޮށްގެން ކެތްތެރިކަމާއެކު އުޅުމެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ފަދައިން އަނިޔާ ލިބޭމީހާގެ ދުޢާ އިޖާބަކުރައްވާނެކަން ހިތުގެ އަޑިން ގަބޫލު ކޮށްގެން އުޅުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top