”ފަސްއަޅާ ފޮރުވާލިޔަސް ބަލި ޖިސްމަކަށް އެންމެން އަތުން ، އަސްލުގައި ކުރި ޚިދުމަތާ ޒިކުރާ ވަޅެއް ނުލެވޭނެއޭ”
ޅެންވެރިޔާގެ މި ބަސްކޮޅު ހަނދާނަށް މިއައީ ގާތް އެކުވެރިއަކު ވަކިވެ ދިއުމުގެ ހިތި ހަނދާންތަކަކާ އެކުގައެވެ. ޅެމުގައި ބުނާ ފަދައިން ބަލި ޖިސްމަކަށް ފަސް އަޅާ ފޮރުވާލިޔަސް އޭނާގެ ޚިދުމަތްތައް ފޮރުވައެއް ނުލެވޭނެއެވެ. އެ ހަނދާންތައް ‘އަބަދަށް ދެމިހުރެ ނުމެވެ ފަނާވާ’ ގޮތުގައި ދިރި ދެމި ހުރެއެވެ. އެފަދަ މީހުންގެ ޒިކުރާއަކަށް ނިމުމެއް ނެތެވެ.
އޭދަފުށީ ގުލްއަލާމާގޭ އިބްރާހީމް ސަމީރަކީ މީގެ ހެއްކެކެވެ. ހަނދާނުން ނުފޮހެވޭނެ ޚިދުމަތްތަކެއް އޭނާގެ ސީރަތުން ފެންނަން އެބަހުއްޓެވެ. އޭދަފުށީގެ ތާރީޚުގައި އޭނާގެ ނަން ރަންއަކުރުން ލިޔާނެ ސަފްހާތަކެއްވެސް ފާޅުވެ ފެންނަން އެބައޮތެވެ. އެކަން ކަން މިއަދުގެ ޒުވާނުންނަށް ނޭނގި އޮވެދާނެއެވެ.ކޮންމެވެސް މީހަކު އެވާހަކަތައް ތާރީޚާ ހަމައަށް ގެނގޮސްދޭން ޖެހޭނެކަމަށް ދެކެމެވެ. އީވީ އިސް ނެގީ އެހެންވެގެންނެވެ.
ސަމީރަކީ ކުޑައިރުވެސް ބަސްއަހާ މަޑުމައިތިރި އަދި ލަދުރަކި ކުއްޖެކެވެ. ކިޔެވުމަށް މޮޅު ތޫނު ކުއްޖެކެވެ. އެއީ ތައުލީމީ އާއިލާއަކުން އައި ވާރުތަވުމެއް ނޫނެވެ.
ބަހިއްޔާއިން ދަރިވަރުވެފައިވާ ހާހުން ގުނާލެވޭ ދަރިވަރުންގެ ތެރެއިން އެންމެ ބޮޑެތި ކާމިޔާބު ހޯދި މަދު ދަރިވަރުންގެ ތެރޭގައި ސަމީރު ހިމެނެއެވެ. ހަމައެކަނި އޭނާ ހޯދި ވަނަތަކާއި އިނާމު ތަކަކުން ނޫނެވެ. މުދައްރިސުން ވެސް ސަމީރު ފާހަގަ ކުރެއްވީ އޭރު ހުރި އެންމެ މޮޅު އަދި އެންމެ ރަނގަޅު ދަރިވަރުގެ ގޮތުގައެވެ. އެކަމާ އެންމެ ރުޅިއައީ އަހަންނެވެ. މައްސަލައަކީ އަހަންނަށް ސަމީރު ފަދަ ބަސް އަހާ ކުއްޖަކަށް ނުވެވުނީއެވެ. ބަހިއްޔާގެ ހިސާބު މުދައްރިސް އަދި އަހަރެންގެ ބައްޕަ އަބަދުވެސް ކޮންމެ ކަމެއްގައިވެސް ސަމީރު މިސާލަކަށް ނަގައި އޭނާއާއި އަޅާކިޔާތީއެވެ.
“ކީއްވެގެން މުހައްމަދަށް ސަމީރު އުޅޭހެން ނޫޅެވެންވީ.! އޭނާ ނުފެންނާނެ ގެއިން ބޭރަކުން. ކްލާހުގައި އިންނާނީ ފިލާވަޅަށް ސަމާލުކަން ދީގެން. ބޭކާރު ވާހަކަތަކެއް ނުދައްކާނެ. ފިލާވަޅު ނުހަދައިގެން ނޫނީ ދަސްނުކޮށްގެން އިދާރާއަށް ގެންދާކަށް ނުޖެހޭނެ.” މިހފަދަ ވާހަކަތަކުން ސަމީރުއަށް ތައުރީފް ކުރައްވަމުން ބައްޕަ ބުނުއްވާނެ އެވެ.
“ބައްޕަ މާބޮޑަށް ސަމީރު ކޮޅަށް ޖެހެނީއެެވެ.” މިހެން ބުނަން ހިތަށް އަރައެވެ. އެކަމަކު ނުބުނަމެވެ. އަހަންނަށް ވުރެ މަތީ ކްލާހެއްގައި އުމުރުންވެސް އަހަންނަށްވުރެ ދޮށީ އަޅާ ކިއުމަކީ އިންސާފެއް ނޫނެވެ. އެކަމަކު ބައްޕަ އެހެން ބުނުއްވާތީ އެންމެ ފަހުން ބޮޑު ކަމަކަށް ވެގެން ސަމީރުގެ އުޅުން ކޮޕީ ކުރަން ފެށީމެވެ. ފިލާވަޅުތައް ބަރާބަރަށް ދަސްކުރަމުން ދިޔައީމެވެ. ސަމީރުގެ ހުންނަ ތާހިރުކަން ވެސް ކޮޕީ ކުރީމެވެ. އޭނާ ހެދުން ބަދަލުކުރާ ގޮތާ ލައިއުޅޭ ގަމީހުގެ ކުލައަށް ދާންދެން ބެލީމެވެ. އޭނާ ހެނދުނާއި ހަވީރު ފެންވަރައިގެން ހެދުން ބަދަލު ކުރާތީވެ އަހަރެންވެސް ދެއިރު ދެދަޅައަށް ފެންވަރައި ހެދުން ބަދަލުކުރުމުގެ ދުވަސްވަރެއް ދިޔައެވެ. ނަމާދުގެ ޖަމާއަތަށް މިސްކިތަށް ދާތީ އޭނާއަށް ވުރެ ކުރިން މިސްކިތަށް ގޮސް ބައްޕައަށް ދެއްކެން އިންނަމެވެ. މީގައި މަޖަލީ އެކަން ސަމީރަށް ނޭގޭނެތީ އެވެ. ބައްޕައަށް އެކަން ފާހަގަ ކުރެވުނެވެ. އޭގެ ރަނގަޅު ނަތީޖާވެސް އަހަންނަށް ލިބުނެވެ. އެ އަހަރު މުޅި މަދަރުސާ އިން އެއްވަނަ ލިބުމުގެ އިތުރުން އަހަރުގެ އެންމެ ސާފުތާހިރު ކުއްޖަކަށް ހޮވުނީ އަހަންނެވެ. އެކަމަކު އެޗެލެންޖާ ކުރިމަތިލީ ބައްޕަގެ ސަޕޯޓު ހޯދާށެވެ. އެވާހަކަ މިހާ ދުވަސް ވީއިރު އެކެއްގެ ގާތުވެސް ނުބުނަމެވެ.
ސަމީރު ވަނީ އޭނާގެ ޅައުމުރުގައި ބަހިއްޔާގެ ތާރީޚުގައި ރީތި ސަފްހާއެއް ލިޔެލަދީފައެވެ. އެ މަރުކަޒުން ދަސްވެނި ވުމަށްފަހު މާލެއަށް ސަނަދު ނަގަން ފުރަތަމަ ދިޔަ ތިން ކުދިންގެ ތެރެއިން އެކަކީ އޭނާއެވެ. އުމުރުން ސާދަ އަހަރު ނުފުރޭ ކުޑަކުޑަ ތިން ކުދިން މާލެގޮސް އެއް ނަންބަރު ކާތިބު ކަމާ ހިސާބު މުދައްރިސްކަމާ ލިއުމުގެ މުދައްރިސްކަމާ ރާއްޖެތެރޭގެ ރަށެއްގެ ވެރިކަމުގެ ސަނަދު ނެގިއިރު ސަމީރުއަށް 14 އަހަރު ނުފުރެއެވެ. މިއީ މިހާ ތަނަށް ރާއްޖޭގެ އެއްވެސް ދަރިއަކަށް، އެއްވެސް ސްކޫލަކަށް އާދެވިފައިވާ ހިސާބެއް ނޫނެވެ.
މި ރެކޯޑާއެކު ސަމީރު ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީ އުމުރަށްވުރެ އަވަހަށް ތައުލީމު އުނގެނުމުގެ ”ހިތި ނަތީޖާ” އާއި ކުރިމަތިލާން ޖައްސުވާފައެވެ. ރާއްޖޭގެ ތައުލީމީ ސިޔާސަތު އޮންނަ ގޮތުން ސާނަވީ ތައުލީމު ނިމޭއިރު ކުއްޖާގެ އުމުރު ހުންނާނީ 17 ނޫނީ 18 އަހަރުގައެވެ. އެހިސާބުން އެހެރީ ވަޒިފާއަށް ފައްކާވެފައެވެ. އެކަމަކު ސަމީރު ސާނަވީ ތައުލީމު މި ނިންމީ 13 އަހަރުގައެވެ. ވަޒީފާ ލިބެނީ 18 އަހަރުގައެވެ. އެނބުރި ރަށަށް އައިސް ބަހިއްޔާގެ މަތީ ކްލާސްތަކަށް ކިޔަވައިދޭ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރީ އެހެންވެގެންނެވެ.
އޭދަފުށީގެ އޭރުގެ ތައުލީމީ މަންހަޖުގައިވެސް ތައުލީމާ އެއްވަރަށް ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ބޮޑެތި ކުރުމުގެ ގޮތުން ކުޅިވަރު، މާއްދާއެއްގެ ގޮތުގައި ހިމަނާފައިވެއެވެ. ކަސްރަތު ކުރުމާ ފެތުމުގެ އިތުރުން ޚާއްސަ ކުޅިވަރަކީ ފުޓްބޯޅައެވެ. މަދަރުސާއިން ނިމޭ ކޮންމެ ކުއްޖެއްގެ ޓާާގެޓަކަށް ވަނީ ބސމދ. ޖަމިއްޔާގެ ފުޓްބޯޅަ ޓީމްގައި ހިމެނުމެވެ. ޖެހިގެން އައި އަހަރު ގައުމީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ބސމދ ޖަމިއްޔާގެ ޓީމު ލިސްޓުގައި ސަމީރުގެ ނަންއޮތެވެ. މި ޓާގެޓާ ހަމައަށް ވެސް އޭނާ އައީއެވެ.
1973ވަނަ އަހަރު ބސމދ ޖަމިއްޔާގެ ފުޓްބޯޅަ ޓީމު، ގައުމީ ފުޓްބޯޅަ މުބާރާތުގައި މާލޭގައި ކުޅެމުން ދިޔަ މެޗުތައް ރޭޑިއޯ މޯލްޑިވްސް އިން ލައިވް ކުރަމުން ދިޔައިރު ސަމީރުގެ ނަމަށް އާއްމު ކޮށް ބޭނުން ކުރަމުން ދިޔައީ “ކުޑަކުޑަ ސަމީރު”ގެ ނަމުންނެވެ.
މި މުބާރާތް ނިންމާފައި ސަމީރު މާލޭގައި ވަޒީފާ އަދާކުރަން ފެށީއެވެ. މާލޭގައި ދާއިމީކޮށް ހުންނަން ބޭނުންވެގެން ނޫނެވެ. ކިޔަވައިގެން ސަރުކާރުގެ ވަޒީފާއެއް އަދާކުރުމަކީ ކޮންމެ ކުއްޖެއްވެސް އެކުދިންގެ މައިން ބަފައިންވެސް ބޭނުންވާ ގޮތެވެ. ރަށުގައި ވަޒީފާއެއް ނެތީމާ ދެން އޮންނަ ހަމައެކަނި ގޮތަކީ މާލެއަށް ހިޖުރަ ކުރުމެވެ. މާލެއަށް ނުތަކާ ވަރަށް މީހުން ގިނަވެ ތޮއްޖެހުނު ސަބަބަކީ މިއީ ނޫންތޯއެވެ.
ސަރުކާރުގެ ވަޒީފާއަށް ސަމީރު ފުރަތަމަ ވެންނެވީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އަށެވެ.
އެއާޕޯޓް އޮފީހުގެ އިނގިރޭސި ކާތިބުކަމާ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ވަޒީރުލް އައުޒަމްގެ އޮފިހާއި ރައީސް އޮފީހުގައިވެސް ޒިންމާދާރު މަގާމްތަކެއް އަދާކުރެއްވިއެވެ.
ދިރިއުޅުމުގެ ބައިވެރިއެއްގެ ގޮތުން 1977ވަނަ އަހަރު ފެބްރުއަރީ 3ގައި ހ.ވީސަންގޭ ޝީރީން މުހައްމަދު އާއި ކައިވެނި ކުރައްވައި ދަރިން ލިބެން ފެށިއިރުވެސް ހުންނެވީ ސަރުކާރުގެ ޚިދުމަތުގައެވެ. އެހެންނަމަވެސް ސަރުކާރުން އެކަނި ލިބޭ އެއްޗަކުން އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ނުކުރެވޭތީވެ ސަރުކާރު ވަޒީފާ ދޫކޮށްލައްވައި ވިޔަފާރިއަށް މިސްރާބު ޖެއްސެވިއެވެ. އެކަމަކު މި ދާއިރާއަކީ އޭނާގެ ދިރިއުޅުން ނޫންކަން އެނގިލެއްވީ ކާމިޔާބު ވިޔަފާރިވެރިއަކަށް ނުވިކަމުގެ ތަޖްރިބާ ކުރައްވަން ޖެހުމުންނެވެ. އެހެންވެ އަލުން ސަރުކާރަށް ވެންނެވިއެވެ. މައުހަދުއްދިރާސާތިލް އިސްލާމިއްޔާ އާއި އެޓޮލްސް އެޑްމިނިސްޓްރޭޝަން އަދި ހެލްތު މިނިސްޓްރީއާއި މިނޫންވެސް ސަރުކާރުގެ އެކި މުވައްސަސާ ތަކުގެ ޕޮލިސީ ލެވެލްގައި އުމުރުން 55 އަހަރުވެ ވަޒީފާއިން ރިޓަޔަރ ވަންދެން މަސައްކަތް ކުރެއްވިއެެވެ. ރިޓަޔަރ ވީއިރު ހުންނެވީ ހޯމް މިނިސްޓްރީގެ ޒިންމާދާރު މަގާމެއްގަ އެވެ.
ދިރިއުޅުމުގެ ހުރިހާ ފަސޭހަތަކަކާއެކު އަމިއްލަ ގެދޮރުގައި މާލޭގައި ދިރިއުޅުއްވިޔަސް އުފަން ރަށް ދެކެ ލޯބިވުމުގައި ސަމީރު ދައްކާފައިވާ އެއް މިސާލަކީ 80ގެ ކުރީކޮޅު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އުފެއްދުމުގައި އޭނާ ކުރައްވާފައިވާ މަސައްކަތެވެ. މާލޭގައި ދިރިއުޅޭ އޭދަފުށީ ހުރިހާ ޒުވާނުން ކަހަަލަ ގޮތަކަށް ބައިވެރިވެގެން އުފެއްދި މި ޖަމިއްޔާގެ އެއް މަސްއޫލު ވެރިއަކީ އެއީ އެވެ. ސަމީރު ނިޔާވުމާ ހަމައަށް ވެސް ހުންނެވީ އެމަގާމުގަ އެވެ.
ޒުވާނުންގެ ޖަމިއްޔާގެ ޒުވާން ދުވަސްތައް ހޭދަކޮށްފައިވަނީ ފުޓްބޯޅައިގާ ކަމަށް ވާތީ އެކަމުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވި ވިއެވެ. ޖަމިއްޔާއަށް ފަންޑު ހޯދުމަށާއި އާމްދަނީ ހޯދުމަށް ކުރެވުނު ގިނަ މަސައްކަތުގައި ސަމީރުގެ ބައިވެރިވެއެވެ. ސަމީރު އަހަންނާ އެންމެ ފަހުން ދިމާވީ މީގެ ދޮޅު އަހަރެއަހއި ދުވަސް ކުރިން އޭދަފުށި އުތުރު ފަރާތު ބަނދަރު މަތިންނެވެ. އެދުވަހު އޭނާ ބުންޏެވެ.
“މިދިރިއުޅުން ކިހާ ހިތްފަސޭހެ. މި މާހައުލުގައި ވިސްނަންޖެހޭނީ އިތުރަށް ކޮން ކަމެއް. އަހަރެންވެސް ބޭނުންވަނީ ތިޔަ ގޮތަށް ރަށުގައި ހުރެ އުމުރު ހުސް ކޮށްލަން. އެކަމަކު އަހަރެންގެ އަތްމަތި އެއަށްވުރެ މާބަރު.”
އެކަމަކު ސަމީރުގެ ބަރު ދިރިއުޅުއްވުމާއެކުވެސް ދޭތެރެއަކުން ރަށަށް ޖައްސާލުމަކީ އޭނާގެ އުފަލެކެވެ.
ސަމީރުއާ އެންމެ ގާތް ގުޅުމެއް ބޭއްވެވީ އާއިލީ ގޮތުން ދެބެއިންގެ ދެ ދަރި އަބްދުލް އަޒީޒު މޫސާ (އަޒީ) އެވެ. އުމުރުގެ ގޮތުން ސަމީރަށް ވުރެ ދޮޅު މަހެއްހައި ދުވަސް ހަގުވިޔަސް ކައިރި ކައިރީގައި ހުންނަ ދެ ގެއެއްގައި ދެބެއިން އުޅެ ބޮޑުވީ އެކްލާހެއްގައި އުޅެމުންނެވެ. ކިޔަވައި ނިމިގެން މާލެއައިސް ވަޒީފާއަށްވެސް ވަނީ އެކުގައެވެ. ކިތަންމެ ގާތްކޮށް އުޅުނު ނަމަވެސް އެކަކު އަނެކަކަށް ކުރިއަރައި ދިއުމުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެއެވެ. އެކަމަކު މިދެމީހުން ވެސް އެހާ މޮޅު ވެފައި 13 އަހަރުގައި ކިޔެވުން ނިންމައި ސަނަދު ނަގަން އެކުގައި މާލެ އާދެވުނީ މި ވާދަވެރި ރޫހު އޮވެގެންނެވެ.
ސަމީރު މިދުނިޔެ ދޫކުރުމާ ހަމައަށްވެސް އެދެމެދުގައި އޮތީ އުޚުއްވަތްތެރި ކަމުގެ ވަރުގަދަ ގުޅުމެކެވެ. ސަމީރު ނިޔާވުމުން އެކަމުގެ އެންމެ ހިތި އަސަރެއް ކުރީވެސް އަޒީއަށެވެ.
ސަމީރުގެ ރީތި ދިރިއުޅުމުން އަޒީއަށް ފާހަގަކުރެވުނީ ކޮން ކަމެއް ހެއްޔެވެ ؟
“ސަމީރުގެ ސާދާ ދިރިއުޅުން. ދެގޮތެއް ނުވާ ލޯތްބާއި އެކުވެރިކަން. ” އަޒީފެއްޓެވިއެވެ.
“އެއީ އަހަރެންގެ އެންމެ ގާތް މިތުރު. ހޭވެރިކަން ވީއްސުރެ އެކުގައި އުޅުނީ. ކިޔެވީ އެއްކްލާހުގައި. ސަނަދުނެގީވެސް އެކުގައި އެއް ދުވަހު. ސަރުކާރަށް ވަނީވެސް އެކުގައި. މިއަދު އާއިލާ އެއްބިނާކޮށް ކުޑަކޮށް ދުރުގައި އުޅެން ޖެހުނަސް ފަހުވަގުތާ ހަމައަށް ގާތް ގުޅުމެއް އޮތް. އެކަކު އަނެއްކެއްގެ ހާލު ބަލަމުން އައީ. ގެއްލިގެން އެދިޔައީ އަހަރެންގެ ތިމާގެ މީހަކަށް ވުރެ ބޮޑަށް ހަށިގަނޑުގެ އެއްބައިހެން ހީކުރެވެނީ.”
އިތުރަށް އޭނާއަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އަރުތެރެ ބެދުނީއެވެ. ކަރުނައިން ދެލޯ ފުރުނީއެވެ.
ސަމީރުގެ އެއްބަޑުއެއްބަފާ ކޮއްކޮ މުހައްމަދު ސަމީރު، އޭނާގެ ބޭބެއާ ބެހޭ ގޮތުން ބުނަނީ މިހެންނެވެ. “ބޭބެއަކީ އާދަޔާ ޚިލާފަށް ރަނގަޅު މީހެއް. މައިންބަފައިންގެ ބަސް އަހާ ކިޔަމަންތެރި ދަރިއެއް. ބޭބެ ކިޔެވުމަށް ފަހު ބޭބެފަދަ މޮޅު ކުދިންތަކަކަށް ހެދުމަށް އެއްބަނޑުގައި ތިބި 4 ކުދިން މާލެ ގެންގޮސް ކިޔަވައިދިން.”
ކޮއްކޮ ސަމީރު ބުނީ ބޭބެގެ ބެލުމުގެ ދަށުގައި އޭނާ މާލޭގައި ހުރި އިރުވެސް ދުވަހަކުވެސް ބަރު ބަހެއް ބުނެފަ ނެތްކަމަށާއި ރުޅި މަޑުކަމާއި ބަސްމަދު ކަމަކީ އޭނާގެ އެންމެ ރިވެތި ސިފަ ކަމުގައެވެ. އަދި އެހީއެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ހިނިތުންވެ ހުރެ އެކަން ކޮށްދިނުމަކީ ބޭބެގެ ރަނގަޅު ސިފަތަކުގެ ތެރެއަށް އިތުރު ކުރަންޖެހޭ ކަމެކެވެ.
“ބޭބެއަށް ދިރިއުޅުމުގައި ދިމާވި އެތައް ގޮންޖެހުންތަކަކާ އެކުވެސް އެހެން މީހުންނަށް ދައްކާފައިވަނީ ހިނިތުންވުމުގެ މޫނު. އެފަދަ ރިވެތި ނަމޫނާއެއް ދެއްކި ދެވަނަ މީހަކު އޭދަފުށީގައި ނުހުންނާނެ.” މުހައްމަދު ސަމީރު އިތުރު ކޮށްލިއެވެ.
ސަމީރުގެ ލޮބިވެތި އަނބިކަނބަލުން ޝީރީން، ސަމީރު ސިފަކުރެއްވީ ނާދިރު މިސާލެއްގެ ގޮތުގައެވެ.
“ހަގީގަތުގައިވެސް އެއީ ނާދިރު މިސާލެއް. ފިރިއެއްގެ ގޮތުން ނުވަތަ ބައްޕައެއްގެ ގޮތުން ބެލިޔަސް މަދުން ނޫނީ އެކަހަލަ ދެވަނަ މީހަކު ނުފެންނާނެ.” 43 އަހަރު އެކުގައި ހޭދަކުރެއްވި ހުވަފަތް އަނބިކަނބަލުން އަދި ސަމީރުގެ 4ދަރިންގެ މަންމަ ޝީރީން ފުރަތަމަވެސް ބުނެލީ މިހެންނެވެ.
“އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް މައްސަލައެއް ނުޖެހޭ. ވަރަށް އޮމާން ކަމާއެކު ހިތްފަސޭހަ ދިރިއުޅުމެއް ވޭތު ކުރީ.”
ޝީރީން ބުނީ ސަމީރުއާއެކު ހޭދަކުރެވުނު 43 އަހަރުގެ ތަޖްރިބާގެ އަލީގައި އެއްޗެއް ބުނާނަމަ ބުނެވޭނީ ސަމީރަކީ އިންސާފަށް ލޯބި ކުރުމާއެކު ދަރިންނާމެދު ގާތް ގުޅުމެއް ބޭއްވި އެކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް ބުރަކޮށް މަސައްކަތް ކުރެއްވި ބައްޕަ އެއް ކަމުގައެވެ.
“ހުރިހާ ކުދިންގެ ސްކޫލް ހަރަކާތްތައް ބައްލަވާނެ. ހުރިހާ ކުދިންނަށް ޤުރުއާން އާއި ދިވެހި އަދި އިސްލާމް މާއްދާ ގޭގައި ކިޔަވައިދެއްވީ ސަމީރު. އޭގެ އިތުރުން ސަމީރުއަށް ކާފަ ކިޔާ 9 ދަރިން ދެކެވެސް ދަރިންނެކޭ އެއްފަދައިން ލޯބިވާނެ. އެކުދިންނާއެކުވެސް ވަގުތު ހޭދަކުރައްވާނެ. ”
އަދި އެއީއެއްވެސް ނޫނެވެ. ސަމީރު ވަކިވެގެން އެދިޔައީ އޭނާ ނެތް ދުވަހަކުން ދަރިންނަށްވެސް ބައްޕައާމެދު ޝަކުވާއެއް ނުކުރެވޭ ގޮތަށް ބައްޕައެއްގެ ހައްގުތައްވެސް ފުރިހަމަކޮށްދީފައެވެ. އޭނާގެ 9 ބުރީގެ ގެ “ފުންވިލު” ވެސް ހަތަރު ދަރިންނަށް ހަމަހަމައަށް ބަހައިދީފައެވެ.
“ކޮންމެ ކުއްޖަކަށް ފްލެޓެއް. އެކުދިން އެތަނުގައި ދިރި ނޫޅެ ކުއްޔަށް ދިނަސް އެފައިސާވެސް އެކުއްޖަކަށް ލިބޭ ގޮތަށް ހަމަޖައްސައިދީފަ.” ޝީރީން ބުންޏެވެ.
ޝީރީން އިތުރަށް ބުނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައިވެސް ސަމީރު ދައްކައިދީފައިވަނީ އަޖައިބެއްފަދަ ރީތި މިސާލެއްކަމަށެވެ. “ސަމީރު އެންމެ ބަލި ދުވަސްކޮޅު ރަނގަޅަށް ނުހިނގޭ ހާލުގައިވެސް މިގޭގައި ބަލިވެ އޮތް އޭނާގެ މަންމަގެ ހާލުބަލަން މަންމަ ގާތަށް ވެސް ދާނެ.”
އެއަށްވުރެ އިތުރަށް ޝީރީނަށް އެންމެ ލަފްޒެއްވެސް ނުބުނެވުނެވެ. ރޮވުނީއެވެ. އޭނާ އެކަނި ކޮށްލާފައި ދިޔަ ލޮބުވެތި ފިރިމީހާގެ ހަނދާންތަކުން ރޮއްވާލީއެވެ.
ސަމީރު ވަކިވެގެން ހިނގައްޖެއެވެ. ބައިވަރު އިބްރަތްތަކެއް އަހަރެމެންނަށް އެއިން ލިބިދީފިއެވެ. މަރަކީ ކޮންމެ ވަގުތެއްގައި ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރަކީ ފުރަތަމަ ފިލާވަޅެވެ.
އޭނާ ސިއްހަތަށް ބައްލަވައެވެ. ދުންފަތުގެ އިސްތިއުމާލެއް ނުކުރައްވައެވެ. ދިރިއުޅުމުގެ ރީތި އާދަތަކާއެކު ގަވާއިދުން ކަސްރަތު ކުރައްވައެވެ. ފެތުމާއި ބައިސްކަލް ދުއްވުމާއި ޖޮގިންގ އަކީ ދުވަހު ރޫޓިންގައި ހިމަނާފައި އޮންނަަ ކަންކަމެވެ. އެކަންކަން އައީ ފުރިހަމަ ކުރައްވަމުންނެވެ. އެކަމަކު ހަމަކުއްލިއަކަށް ކެންސަރުގެ ޝިކާރައަކަށްވެ 64 އަހަރުގައި ދުނިޔެ ދޫކޮށް އެދިޔައީ މުސްކުޅިބަލީގައި މަރަށް ހާޒިރުވެފައި އޮތް އޭނާގެ މަންމަ އަށްވުރެ ކުރިންނެވެ. ކޮންމެ ވަގުތަކީ އަދި ކޮންމެ ހާލަތަކީވެސް މަރާ އިންސާނާއާ ދެމެދު އޮތް ހުރަހެއް ނޫންކަމުގެ އިންޒާރާއެކުގައެވެ.
އޭނާގެ ދުންޔަވީ ހަޔާތުގައި ގައުމަށާއި އޭދަފުށީގެ އިޖްތިމާއީ ހަޔާތަށް ކޮށްދީފައިވާ ޚިދުމަތް އަދި ނިމުނީއެއް ނޫނެވެ. އެޚިދުމަތްތަކާމެދު ކުރުކޮށް ފޮނިކޮށް ބުނާނަމަ ބުނެވޭނީ އޭދަފުށިން ގެއްލިގެން އެދިޔައީ ޖަވާހިރެއް ކަމުގައެވެ. އެކަމަކު ޖަވާހިރެއްގެ އަގު އެނގޭނީ ޖަވާހިރު ދަންނަ މީހުންނަށެވެ.
މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން