ޕިކަޕް މުހައްމަދު، ޕިކަޕް ދަތުރުތަކަށް ހަމަ މަރެއް!

DSCN3420.jpg

މުހައްމަދު ވަދީއު ---އީވީ ފޮޓޯ

(ގައްޔޫމް ނަސީރު )

އޭދަފުށީ ”ފުއްޓަރު“ މުހައްމަދު ވަދީއު ނުވަތަ އޭދަފުށީގެ މަޝްހޫރު ނަމުންނަމަ ޕިކަޕް މުހައްމަދުގެ އުމުރުން 56 އަހަރު ފުރުނީ މި ދިޔަ އެޕްރީލް މަހުގެ 11ވަނަ ދުވަހެވެ. އެއަށްވުރެ ޒުވާން ކަމަށް ދައްކާނަމަ އޭގެ ސަބަބަކީ ސްޓްރެސް ފްރީ، ހަރަކާތްތެރިކަމާއެކު ހެލިފެލިވެ އުޅުން ދިރިއުޅުމާ ގުޅިފައިވުމެވެ. އޭނާގެ މޫނުން ފެންނަން އެހުންނަ ހިނިތުންވުމަކީ ހުރިހާކަމެއް ފުރިހަމަވެފައިވާ ކަމުގެ ހިތްހަމަޖެހުމެވެ. ދިވެހި މުހާވަރާއެއްގައި ބުނާހެން ”ހަރަކާތެއް ނެތް އަތަކަށް ބަރަކާތެއް ނުލިބޭނެއޭ ބަރަކާތެއް ނެތް އަތަކަށް ރިޒްގެއް ނުލިބޭނެއެވެ.“ ބުނާ ބަހުގެ ތެދުކަން ސާބިތު ވަނީ މުހައްމަދުމެން ފަދަ މީހުންގެ ދިރިއުޅުން ދިރާސާ ކުރުމުންނެވެ.

އޭނާގެ އުމުރުން 23 އަހަރުގައި ކުރި ކައިވެނިން ލިބުނު ތިން ދަރިންނަށް ކިޔަވައިދީފި އެވެ. އެ ދަރިން ބޭނުން ވިޔަސް ނުވިޔަސް ކުޑަމިނުން އިލްމީ ސެޓްފިކެޓަކާ ހަމައަށް ކިޔެވުމަކީ ނުވަތަ ކިޔަވައިދިނުމަކީ އޭނާގެ އަމިއްލަ މުގައްރަރުގައި ދަރިން ހާސިލްކުރަން ކަނޑައަޅާފައިވާ ހިސާބެވެ. ފައިސާގެ ދަތިކަން މެދުވެރި ވިޔަސް ދަރިންނަށް އެކަން ނޭންގީ އެހިސާބަކަށް ދިއުމަށް ހުރަހަކަށް ވެދާނެތީއެވެ.

އެއީ މާޒީއެވެ. ހުރިހާ ކުދިން އުޅެނީ ރަނގަޅު ވަޒީފާގައި އަބުރުވެރި ދިރިއުޅުމެކެވެ. އޭނާގެ މުލައްދަނޑީގެ ބާރުން ހޯދި ހަލާލު ފައިސާއިން ރީތި ގެއެއް އަޅައި އެހިތްހަމަޖެހުންވެސް ހޯދައިފި އެވެ. ދަރިންނާއި ކާފަ ދަރިންނާއެކު ދިރިއުޅެނީ އެގޭގައެވެ. ހުރިހާކަމެއް ފުރިހަމަ ކުރުމަށްފަހު އަދިވެސް އޭނާއަށް ދޫކޮށް ނުލެވެނީ އެންމެ އެއްޗެކެވެ. އެއީ އޭނާ މިހިސާބަށް ގެނެސް ކާމިޔާބު ދިރިއުޅުމަކަށް މަގު ފަހިކޮށްދިން 1.5ޓަނުގެ ޕިކަޕެވެ.

ހުރިހާ ޒިންމާއެއް އަދާކޮށް ނިމިފައިވާއިރު އެޕިކަޕް ދޫކޮށްނުލެވި އުޅެނީ ކީއްވެގެން ހެއްޔެވެ.

“ކުރިން އަހަންނަށް މަޖްބޫރުވޭ ދުވަހު ފުރާގު ހޯދުމަށް މީތި ދުއްވަން. އެކަމަކު މިހާރު އެމަޖްބޫރު ކަމެއް ނެތް. މިހާރުގެ މަޖްބޫރަކީ އެހެން މީހުންނަށްޓަކާ އަމިއްލައަށް ކޮށްގެން އުޅޭ މަޖްބޫރެއް. އަހަރެން މި މަސައްކަތް ހުއްޓާލަން ރައްޔިތުން ބޭނުން ނުވާނެކަން އަމިއްލައަށް ގަބޫލު ކުރެވޭތީ. ހަމައެއާއެކު މަސައްކަތް ހުއްޓާލާފައި ގޭގައި އޮތުން އަދި މާއަވަސް. ދެވަނަ ސަބަބަކީ މި ޕިކަޕަކީ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ މުރާލިކަމާއެކު މަސައްކަތް ކޮށްގެން ކަން ދަސްކޮށްދިން އަހަރެންގެ އެކުވެރިޔާ.” އޭނާ ބުންޏެވެ.

”ހަގީގަތަށް ބުނާނަމަ އަހަރެން ޕިކަޕް ދުއްވަން ހުއްޓާލާކަށް މިރަށުގެ އެކަކުވެސް ނޭދޭނެ .އެއީ އަހަރެން މަސައްކަތް ކޮށްދޭ ގޮތަށް ކޮށްދޭނެ އެހެން މީހަކު ނުހުންނާނެތީވެ. ފަޚުރުވެރިކަމާއެކު މިބުނަނީ.” މުހައްމަދު ބުންޏެވެ.

އެއީ ރަނގަޅު ވާހަކައެކެވެ.

އޭނާއާ ގުޅާލުމުން ނިމުނީއެވެ. މާލޭ ފެރީން ނުވަތަ މާލެދަތުރު ކުރާ ބޯޓަކުން އައިސްފަ އޮތް ފޮށިގަނޑެއް، ވިޔަފާރި މުދަލެއް ވިޔަސް މެއެވެ. ނޫނީ މާލެއިން މުދާތަކެއް ބޯޓަށް އަރުވާ ހިސާބުން އޭނާއަށް އެމައުލޫމާތު ފޯރުދިނުމުންވެސް ދެން އެކަމާ އިތުރަށް ވިސްނާކަށް ނުޖެހޭނެ އެވެ. އެހިސާބުން އޭނާ އެހަވާލުވީ އެވެ. ރައްކާތެރިކަމާއެކު އެއެއްޗެއް ރައްދު ކޮށްދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް ގަބޫލު ކުރެއެވެ.

މުހައްމަދު ދިރިއުޅުމަށް އެޅި ފުރަތަމަ ފިޔަވަޅަކީ މަހަށް ދިއުމެވެ. އެއީ މުހައްމަދުގެ އާއިލާ ނެގެހެއްޓުމާއި ބެލެހެއްޓުމަށް ބައްޕަ ކުރި މަސައްކަތެވެ. އޭނާގެ ބައްޕަ، ޔޫސުފް އަހުމަދަށް ”ބޮޑު ޔޫސުފް“ގެ ލަގަބް ރައްޔިތުން ދީފައިވަނީ އިސްކޮޅުން ބޮޑު މީހަކަށް ވާތީއެއް ނޫނެވެ. މަސް ކެޔޮޅުންގެ ތެރެއިން ހޮވާލެވުނު މޮޅު ކެޔޮޅަކަށް ވާތީއެވެ. މުހައްމަދު ވެސް ބައްޕަ ފަދައިން އޭނާގެ ނަމުގެ ކުރިއަށް ބޮޑު އިތުރުކޮށް ”ބޮޑު މުހައްމަދު“އަކަށް ނުވީ ކަނޑުގެ ދިރިއުޅުމަށް އޭނާ ފިޓް ނުވުމެވެ. މަސްވެރިކަން ދޫކޮށްލައި ބައްޕައާއި ބޭބެ ބާނައިގެން ގެންނަ މަސްކަނޑަން ރަށުގައި ހުރީ އެހެންވެގެންނެވެ.

އެހެންނަމަވެސް 1994 ގައި ގޭތެރެއިން އުފަންވި ”ކުރިބޯށި“ ޔޮޓް ދޯންޏާއި ހަވާލުވެގެން ދެން ވެސް އޭނާއަށް އުޅެން ޖެހުނީ ކަނޑުމަތީގައެވެ. މި މަސައްކަތުގައި 5 އަހަރު އުޅުމަށްފަހު 1997 ގައި އަތަށް އެރި ޕިކަޕަކީ ދިރިއުޅުން އޭނާއަށްވެސް ފަހި ދަތުރު ތަކެއް ހޯދައިދިން އެކުވެރިޔާއެވެ. ނަސީބު އައިސް އަތުގައި ހިފާލީ އެހިސާބުންނެވެ. 

ހަމައެކަނި ޕިކަޕް ދުއްވައިގެން މިވަރުގެ އާމްދަނީއެއް ލިބި ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަވާ ނަމަ އެންމެން ޕިކަޕް ދުއްވަންވީ ނޫން ހެއްޔެވެ؟

އާއެކެވެ. އެކަމަކު އެވަރަށް މަސައްކަތްވެސް ކުރަން ޖެހޭނެއެވެ. މީހުން ގަބޫލު މީހަކަށް ވެވި މަސައްކަތުގައި އިޚްލާސްތެރި ވެވޭނަމަ ކޮންމެ މީހަކަށްވެސް މުހައްމަދާ ހަމައަށް އާދެވިދާނެއެވެ. އެކަމަކު އޭނާ ފަދައިން އިޚްލާސްތެރިކަމާއެކު ޕިކަޕް ދަތުރުކުރާ އެހެން މީހަކު މި ރަށުގައި އެބަހުރި ބާއެވެ. ޖަވާބު ދެއްވާށެވެ. އާއެކޭ ނަމަ އެމީހާ ވެސް ހުންނާނީ މުހައްމަދާ ހަމައިގައެވެ. ނޫންކަމަށް ވާނަމަ މުހައްމަދު ފަދަ މީހަކަށް ވެވޭތޯ އިތުރަށް އަދި މަސައްކަތްކުރަން ޖެހެއެވެ.

މުހައްމަދުވެސް ގަބޫލު ކުރަނީ މިގޮތަށެވެ. އޭނާގެ ވާހަކައަކީ ކޮންމެކަމެއްގައި ކޮންމެ މަސައްކަތެއްގައި ދެމިހުރި ކަމަށްވިޔަސް މުރާލިކަމާ އިޚްލާސް ތެރިކަން އިސްކުރާނަމަ ނަސީބު އައިސް އަތުގައި ހިފުން އަވަސް ވާނެއެވެ.

އަދިވެސް އޭނާގެ ހަށިގަނޑަކުން ވަރުބަލި ކަމެއް ނުފެނެއެވެ. ހަމަ ފިޓެވެ. ނޫކަށި ފުރައިގެ ޒުވާނެކޭ  ތަފާތެއް ނެތެވެ. އެކަން ދައްކަނީ އޭނާގެ މަސައްކަތުންނެވެ. އެހިނިތުން ވުމާއި އެ ސަމާސާ ކަމެވެ. މިޒާޖުގައި ހުންނަ ހިތްހެޔޮ ކަމަކީވެސް ފާހަގަކުރެވޭ ރަނގަޅު ސިފައެކެވެ.

އޭދަފުށީގެ ވިޔަފާރިވެރިއަކު މުހައްމަދުގެ މަސައްކަތަށް ތާރީފު ކުރަމުން ބުނީ އެއީ މަސައްކަތުގެ އަޚުލާގަށް ބަލާއިރު އެއްވަނަ ކަމަށެވެ.

“ކިތަންމެ ދަންވަރު ގޮވާލިޔަސް މައްސަލައެއް ނޯންނާނެ. މާލެއިން އަންނަ މުދާ ޕިކަޕަށް ލޯޑު ކުރާނީވެސް ފިހާރައަށް ގެނެސް އަންލޯޑު ކުރާނީވެސް އޭނާ އެކަނި. ތަންކޮޅެއް ބަރު ދަތުރެއްނަމަ އަހަރެމެންގެ ފަރާތުން އެހީއަކަށް ވެސް އެދެވިދާނެ. އެކަމަކު އޭނާ އަންނާނީ އެހީތެރިއަކު ގޮވައިގެން .އެކަމަށް އިތުރު ޗާޖެއްވެސް ނުކުރާނެ. ”

އެވިޔަފާރިވެރިޔާ ބުނީ ޕިކަޕް މުހައްމަދަކީ ޕިކަޕް ދަތުރަށް ހަމަ މަރެއް ކަމަށެވެ. އެވަރުގެ ދެވަނަ އެއް އަދި ފެންނާކަށް ނެތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top