އެޑިޓޯރިއަލް

medium_68611.jpg

މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުކަމަށްވާއިރު މީޑިއާގެ ދައުރަކީ ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް ބޭނުންވާނެ މުހިއްމު ބަހާއެކެވެ. މީޑިއާގެ ޒިންމާއަކީ ރައްޔިތުންނަށް ތެދުޚަބަރު ގެނެސްދިނުމެވެ. މުޖްތަމައުގައި ހިނގާ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނަށް ރައްދުކޮށްދޭންޖެހޭ މައުލޫމާތާއި ޚަބަރުތައް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުމެވެ. މިމަސައްކަތްކުރުމަށް ވަރަށް ބޮޑެތި ގޮން ޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

ވިސްނާލުން ހުއްޓެވެ. މީޑިއާއަަކީ މީހުންގެ ފަހަތުން ދުވާބައެއްނޫނެވެ. މީޑިއާ ދުވާނީ ޚަބަރުތަކުގެ ފަހަތުންނެވެ. ހާދިސާއާ ކާރިސާތަކުގެ ފަހަތުންނެވެ. މިއީ މިކަން އޮންނަގޮތެވެ. މިސާލަކަށް ރައްޔިތުންނަށް ޚިދުމަތްދޭ އޮފީހެއްގެ ޚިދުމަތްތަކާ މެދު ހިތްހަމަ ނުޖެހިގެން ނުވަތަ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައްތައް ދެވެނީ އެންމެ އެކަށިގެންވާގޮތުގައި ނޫންކަން ފާހަގަކޮށް އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށްޓަކާ ރިޕޯޓްކުރީމާ އެއަދާކުރީ މީޑިއާގެ ވާޖިބެެވެ. އެރިޕޯޓްގެ ބޭނުމަކީ އެޚިދުމަތް ރަނގަޅު ކުރުވުމެވެ. އެކަމަކު އެއީ ޚިދުމަތް ދޭން ތިބި މީހުންނާ ޒާތީ ގޮތުން ދިމާކުރަން ކުރިކަމެއްކަމުގައި ދެކޭނަމަ ނުވަތަ އެއީ އެ މަހުކަމާއެއްގައި ތިއްބެވި ވެރިންގެ އަގުވައްޓާލުމުގެ ގޮތުން ލިޔެފައިވާ އެއްޗެކޭ ހީކުރާނަމަ އެހެން ހީކުރާ ބަޔަކު އެއުޅެނީ ދެހާހުގެ އަހަރުތަކަށްވުރެ ތަންކޮޅެއް ފަހަތުގައެވެ. ނޫސްވެރިޔާ ފާޑުކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދޭންވާގޮތުގައި ނުދެވޭތީ އެކަމަށެވެ. އެހެންކަމުން އެއޮފީހުން ބަލަންޖެހޭނީ އެކަން ރަނގަޅުކުރުމަށެެވެ. އާޓިކަލްލިއުނީ ކާކުތޯއާއި އޭނާގެ މަގުގައި ކުރިއަށް ދިއުމަށް ހުރަސް އަޅާކަށްނޫނެވެ.

ސަރުކާރުގެ ކޮންމެ ލެވެލެއްގައި މަސައްކަތްކުރިނަމަވެސް އޭނާ އެހުރީ ރައްޔިތުންގެ ޚާދިމަކަށެވެ. އޭނާއަށް މުސާރަދެނީ ރައްޔިތުންގެ ފައިސާއިންނެވެެ. އެހެންވީމާ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި ފަސްޖެހޭނަމަ ނުވަތަ ރައްޔިތުން ބޭނުންވާ ސްޕީޑްގައި ބޭނުންވާ ގޮތަށް ޚިދުމަތް ނުދެވޭނަމަ އެވާހަކަ ދައްކާނެއެވެ. އެވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން އެންމެ ކުރީސަފުގައި މަސައްކަތްކުރާ ނޫސްވެރިން މީޑިއާގެ އެކި ވަސީލަތްތަކުގައި އެވާހަކަތައް ލިޔާނެއެވެ. ސަރުކާރުގެ އެންމެ އިސްމަގާމުން ފެށިގެން އެންމެ ދަށް މަގާމުގައި ހުރި މީހާގެ މަސްއޫލިއްޔަތުތަކާ އެމަސްއޫލިއްޔަތު އަދާކުރާގޮތްވެސް ރިޕޯޓަރުން ބަލާނެއެވެ. އެކަމަކު ރަނގަޅަށްކުރާ ކަންތަކަށް ތައުރީފު ކުރުމުގެ ބަދަލުގައި ރިޕޯޓަރުން ބޮޑަށް ބަލާނީ އިޖްތިމާއީ ފޭރާމުގައި ލެވިފައި ހުރި ބާގަނޑުގެ ވާހަކަތައް ދެއްކޭތޯއެވެ. އެއީ އޮރިޔާން ކުރުމެއްނޫނެވެ. އެއީ އެ ބާގަނޑު ބެއްދުމުގެ ބޭނުމުގައި ކުރާ ކަމެކެވެ.

މީޑިއާގެ ވާޖިބާ އެމީހުންގެ ދައުރަކީ ކޮބައިކަން އަޅުގަނޑުމެންނާ އެންމެގާތުގައި ރައްޔިތުންނަށް ޚިދުމަތްދޭން ތިއްބެވި ބައެއް ބޭފުޅުންނަށް އޮޅިފާކަމުގައި ހީވެއެވެ. އެއީ އެބޭފުޅުންގެ އިލްމީ ގާބިލުކަން ނުހުންނަނީއޭ ބުނަން ތަންކޮޅެއް އުނދަގުލެވެ. އެކަމަކު އަމަލުތަކުން ފެންނަނީ އެގޮތެވެ.

މިފަދަ ބޭފުޅުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭ ވާހަކަ ލިޔެފިނަމަ އެނޫހަކަށް ހަމަލާދެވޭތޯ މަސައްކަތް ކުރުމަކީ މީގެ ހެއްކެއްނޫންތޯއެވެ. އެނޫހަށް މައުލުމާތު ނުދޭން ނިންމައި އެވާހަކަ ލިއުނު ލިއުންތެރިޔާގެ އަބުރަށްއަރައިގަތުމަކީ އޭނާގެ ނޫސްވެރިކަމުގެ ގަލަމުގައި ދޯރިޖަހާނެކަމަށް ހީކޮސް ކުރާކަމެކެވެ. . މިފަދަ ،ޑިމޮކްރަސީ އާ ބީރައްޓެހި ކަންތައް މި ކުރަނީ އެބޭފުޅުންގެ ވަޒީފާގައި ހުރިތެދުވެރިކަން ، އެބޭފުޅުން ތުރުކުރައްވައިގެން ތިއްބަވާ ހުދު ގަމީހާއި އޮފުގަދަ އަންހެން ހެދުންކޮޅުހާ ސާފުކަމަށް ރައްޔިތުންނަށް ދައްކަން ވެގެންނެވެ.

އެކަމަކު ހަނދާން ނައްތާލައްވައިގެން ނުވާނެއެވެ. މިއަދުގެ ދުނިޔޭގައި އެއްވެސް ބަޔަކަށް މީޑިއާއަށް ފިލައިގެން ނޫޅެވޭނެއެވެ. ސަރުކާރުގެ މަހްކަމާތަކުގައި ތިއްބަވާ ބޭފުޅުން އެބޭފުޅުންނާ މަތި ކުރެވިފައިވާ ކަންތައްތަކާމެދު އިހުމާލުވާނަމަ އެވާހަކަތައް ދައްކާނެއެނެ. ނޫސްތަކުގެ އިތުރުން ހޮޅުއަށިތަކުގައާއި ޕާޓީތަކުގެ އަށިތަކުގައިވެސް ދައްކާނެއެވެ. އެވެ. އެއީ ކިތަންމެ އިއްޒަތްތެރި ކިތަންމެ ބާރުގަދަ ފަރާތެއްކަމުގައިވިޔަސްމެއެވެ. ކުރިން ވެސް ދެންނެވިފަދައިން ނޫސްވެރިޔާ ބަލާނީ ޚަބަރަށް ނުވަތަ ހާދިސާއަށެވެ. އެކަން ކުރާ މީހާއަކަށްނޫނެވެ. އެހެނޭ ކިޔާފައި އެފަދަ ވާހަކަތަކެއް ލިޔާ ނޫހަކަށް މައުލޫމާތު ނުދޭން ނިންމުމާއި ލިއުންތެރިޔާގެ އަބުރު ކަތިލަން މަސައްކަތްކުރުމަކީ ވަރަށް ނާތަހްޒީބު އަމަލެކެވެ.

މިއަދުގެ ހަގީގަތަކީ ނޫސްވެރިޔަކު ނޫންނަމަވެސް ދިވެހިކޮންމެ ރައްޔިތަކު ސަރުކާރުގެ ކޮންމެ އިދާރާއެއްގެ ދޮރުގައި ޓަކިޖަހާލިޔަސް އެމީހަކު ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުދިނުމަކީ ގާނޫނީގޮތުން ލާޒިމްކުރާ ކަމެކެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު