ގޮއިދޫ ކުޅިވަރު ދަނޑުތަކުގައި ދަނޑުވެރިކަން

god.jpg

ބ.ގޮއިދޫ ވޮލީކޯޓުގައި ފަޅޯ އިންދާފައި

ބ.ގޮއިދުގައި އަޅާ ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށް ނުދާތީ، އެކަމާ ހިތްހަމަނުޖެހި އެންމެ ފަހުން  ޒުވާނުން ނުކުމެ އެދަނޑުތަކުގައި ދަނޑުވެރިކަން ކުރަން ފަށައިފި އެވެ.

ރާއްޖޭގެ ނިސްބަތުންވެސް އެންމެ ބޮޑެތި ރަށްރަށުގެ ތެރޭގައި ހިމެނޭ ބ. ގޮއިދޫއަކީ ޒަމާނުއްސުރެ ދަނޑުވެރި ރަށެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮއިދޫގައި އަޅާ ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށް ނުދާތީ އެރަށުގެ ބަޔަކު ހިތްހަމަނުޖެހި އެތަންތާގައި ގަސް އިންދީއެވެ.

ގޮއިދޫން އީވީއަށް މައުލޫމާތު ހިއްސާ ކުރި މީހަކު ބުނި ގޮތުގައި މަސައްްކަތް ހުއްޓިފައި އޮތް ފުޓްސަލް ދަނޑުގައި އެ ރަށު މީހުން އިންދީ ފަޅޮލާއި ފަތްކޭލެވެ. ވޮލީ ކޯޓުގައި އިންދީ ފަޅޮލެވެ. ދަނޑުތަކުގައި ފަތްކޭލާއި ފަޅޯ އިންދީ ރޭގެ ވަގުތެއްގައެވެ.

ގޮއިދޫ ކައުންސިލުގެ ރައީސް މުހައްމަދު ސިޔާން މައުލޫމާތުދެއްވިގޮތުގައި، އެ ރަށު ފުޓްސަލް ދަނޑުގެ މަސައްކަތް ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އަށް ލައްކަ ރުފިޔާ އަށެވެ. ހަތަރު މަސް ތެރޭ މަސައްކަތް ނިންމާލަން ހަވާލުކުރި ނަމަވެސް އެމަސައްކަތް އެމުއްދަތުގައި ނުނިންމަ އެވެ.

ވޮލީ ކޯޓަކީ ޔޫތު މިނިސްޓްރީން އެރަށުގައި އަޅާ ތަނަކަށް ވުމާއެކު އެތަނުގެ މަސައްކަތް ކުރިޔަށް ނުދާތީ ގޮއިދޫ ކައުންސިލުން މިނިސްޓްރީ އާއެކު މަޝްވަރާ ކުރިއަށް ދިޔަ ކަމަށް ސިޔާން ވިދާޅުވިއެވެ. އެގޮތުން މަސައްކަތް ނުނިމި ލަސްވާތީ ކުރިން އެ މަސައްކަތް ހަވާލުކުރި މީހުންގެ އަތުން ކޮންޓްރެކްޓް ނެގުމަށްފަހު އަލުން އިއުލާނު ކުރަން މިނިސްޓްރީން އެންގި ކަމަށް ސިޔާން ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ދަނޑުގެ މަސައްކަތް ފަށާނެ ކަމަށާއި މާރޗް މަހަށް މަސައްކަތް ނިންމާލެވޭ ވަރުވާނެ ކަމަށް އެކުންފުނިން މައުލޫމާތު ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top