ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލައާ ބެހޭ ރިޕޯޓުގައި ހުރި ބައެއް ނުކުތާތަކުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލުން -2

big_4UNuJdV07rowsxaUFZT6UmQrA.jpg

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ ބޭރުގަނޣު --ފޮޓޯ :އަވަސް

ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް

ހުދޫދުގެ މައްސަލަ

ދީނީހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުމުގެ ރިޕޯޓުގައި ފާހަގަކޮށްލަން ބޭނުންވާ ތިންވަނަ ނުކުތާ ގުޅެނީ ހުދޫދުގެ މައްސަލައާއިވެ. ރިޕޯޓުގައި ހުދޫދުތައް ސިފަކުރެވިފައިވަނީ ‘ބާބެރިކް’ –ލާއިންސާނީ ނުވަތަ ނާތަހުޒީބީ – މި ލަފްޒު ބޭނުންކޮށް ގެންނެވެ. މިކަމާ ބެހެ ގޮތުން ދެތިން ވާހަކައެއް ލިޔެލަން ބޭނުމެވެ. އެންމެ ފުރަތަމަ ހުދޫދުގެ މާނައާ ބެހޭ ގޮތުންނެވެ. ދެން ތާރީޚީ-ސަގާފީ ކަންކަން ސިފަކުރުމުގެ މިންގަޑު ކަނޑައެޅުމާއި މިކަން ކުރުމުގެ ހައްގުއޮތީ ކޮންބަޔަކަށް ކިހިނެއްތޯއާއި މިކަންކަމުގެ މައްޗަށް އެއްޗެއް ބުނެލަން ވެސް ބޭނުމެވެ. ދެން ތިންވަނައަށް އޮތީ ރިޕޯޓުގައި އޮތް، ހުދޫދުގެ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ނަހަމަ ޖިންސީގުޅުންތަކުގެ ވާހަކައާ ބެހޭ ގޮތުން އެއްޗެއް ބުނުމެވެ. ހުދޫދުގެ ބައިގެ މައްސަލަ ނިންމާލާނީ މި މައްސަލައާއި ބެހޭ ގޮތުން މި ޒަމާނުގައި މުސްލިމުންގެ މެދުގައި ކުރެވެމުންދާ ބަހުސަށް އިޝާރަތްކޮށްލަމުންނެވެ. ހުދޫދުގެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ، ރިޕޯޓުތައް ތައްޔާރުކުރާ އިރު، ކޮންމެހެން ވެސް އެނގިފައި އޮންނަން ޖެހޭ ވާހަކަތަކަކަށް ވާކަމަށް ފެންނާތީއެވެ.

ހުދޫދުގެ މާނަ: ހުދޫދުގެ މި ލަފްޒަކީ ‘ހައްދު’ މި ލަފްޒުގެ ގިނަގޮތެވެ. ހައްދުގެ ލަފްޒީ މާނައަކީ ‘އިމެވެ’. ފިގުހު އިލްމުގައި ޚާއްސަ މާނައެއް ދެވިފައިވާ ‘ހުދޫދު’، މި ލަފްޒު އިޝާރަތް ކުރަނީ ވަކިބާވަތެއްގެ ކުށްތަކަކަށާއި އެކުށްތަކަށް ކީރިތީ ޤުރުއާނުގައި ނުވަތަ ސުންނަތުގައި ކަނޑައެޅިފައިވާ އަދަބުތަކަށް ނުވަތަ އުގޫބާތްތަކަށެވެ. ވައްކަންކުރުމުގެ ކުށާއި އެކަމަށް އޮންނަ އަތް ކެނޑުމުގެ އުގޫބާތެވެ. ޒިނޭކުރުމާއި އެކަމަށް އޮންނަ ތެޅުން ނުވަތަ ރަޖަމުކުރުމެވެ. ގަޒުފު ކުށާއި (ޒިނޭކުރިކަމުގެ ދޮގު ތުހުމަތު މީހެއްގެ ބޮލުގައި އެޅުވުން) އެކުށަށް އޮންނަ ތެޅުމުގެ އުގޫބާތެވެ. މަގު ފޭރުމާއި އެކަމަށް އޮންނަ ތަފާތު އުގޫބާތްތަކެވެ. މި ތަފާތު އުގޫބާތްތަކުގެ ތެރޭގައި ސަލީބަށް އެރުވުން، ގަތުލުކުރުން، އަތްފައި ފަދަ ގުނަވަންތަން ބުރިކުރުން، އަރުވާލުން ހިމެނެއެވެ. އަދި މީގެ އިތުރުން މަސްތުވާ ތަކެތި ބޭނުންކުރުމުގެ ކުށާއި އެކަމަށް އޮންނަ ތެޅުމުގެ އުގޫބާތެވެ. އަދި މުރުތައްދުވުމާއި އެކަމަށް ކަނޑައެޅިފައި އޮން ގަތުލުކުރުމުގެ އުގޫބާތެވެ.

މި ކުށްތަކާއި މިކުށްތަކުގެ އުގޫބާތްތަކަށް އިޝާރަތްކުރުމުގެ އިތުރުން ‘ހުދޫދު’ މި ލަފްޒު ފިގުހުގެ އިސްތިލާހީ، އެބަހީ، ފިގުހު އިލްމުގައި ޚާއްސަ މާނައެއް އެކުލެވޭ ލަފްޒެއްގެ ގޮތުގައި ބޭނުންކުރެވޭ އިރު، ‘ކަނޑައެޅި ނިންމިފައިވާ’ މި މާނަވެސް އެކުލެވެއެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ މި ހުދޫދުގައި ނަންގަނެވިފައިވާ އުގޫބާތްތަކަކީ އެ އުގޫބާތްތަކަށް ބަދަލު ނުގެނެވޭނޭ ކަމެކެވެ. ކީރިތި ޤުރުއާނުގައި ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުގައި އެކަންތައް ކަނޑައެޅިފައި އޮތުމުންނެވެ.

ހުދޫދުގެ މަފްހޫމު ނުވަތަ މާނަ އާއި ދޭތެރޭ ފާހަގަކޮށްލަން ޖެހޭ މުހިއްމު ނުކުތާއެއް އެބަ އޮތެވެ. ހުދޫދުގެ މި މާނައަކީ ޤުރުއާނީ މާނައެއް ނޫންކަމެވެ. ކީރިތި ގުރުއާނުގައި ހުދޫދު މަތީގައި ނަންގަތް ފިގުހީ އިސްތިލާހީ މާނައިގައި ބޭނުން ކުރެވިފައެއް ނެތެވެ. ކީރިތި ޤުރުއާނުގައި ސާދަ ފަހަރަށް ‘ހުދޫދު’ ބޭނުން ކުރެވިފައިއޮތް އިރު، މިއިން ކޮންމެ ފަހަރަކުވެސް ބޭނުންކުރެވިފައިވަނީ އެ ބަހުގެ ލަފްޒީ މާނަ ކަމުގައިވާ ‘އިންތައް’ މި މާނައިގައެވެ. އުގޫބާތުގެ މާނައެއްގައެއް ނޫނެވެ. ‘ހައްދު’ އިމުގެ މާނައިން ‘އުގޫބާތުގެ’ މާނައިގެ ގޮތުގައި ބޭނުން ކުރެވެން ފެށުނީ، ލަފާކުރެވޭ ގޮތުގައި، ގިނަ އުގޫބާތުތަކުގައި ‘ތެޅުން’ ހިމެނިފައި އޮވެފައި އެ ތެޅުމަށް ‘ހައްދެއް’ –އެންމެ މަތީ އަދަދެއް (ސާޅީސް އެތިފަހަރު، ނޫނީ އަށްޑިހަ އެތިފަހަރު ނޫނީ ސަތޭކަ އެތިފަހަރު) – ކަނޑައެޅިފައި އޮވެ، ދެން ހުރި އަދަބުތަކުގެ މައްޗަށް ވެސް މިނަން އާންމު ކުރެވުމުންނެވެ.

ހުދޫދުގެ މި ނަންގަތް މަފްހޫމަކީ ފިގުހީ މަފްހޫމެއް ކަމާއި އަދި ޤުރުއާނީ މަފްހޫމެއް ނޫންކަން ފާހަގަކޮށްލަން ޖެހެނީ، ހުދޫދުގައި ހިމެނޭ އުގޫބާތްތަކަކީ މިއަދުވެސް ހިންގާލަން ދީނީ ގޮތުން ލާޒިމުކުރާކަމެއްތޯ ނުވަތަ ނޫންތޯ މުސްލިމުންގެ މެދުގައި ކުރެވޭ ބަހުސުގައި މިކަން ފާހަގަކުރެވޭތީއެވެ. މިކަން މިއީ ދީން ލާޒިމުކުރާކަމަށް ދެކޭ މުސްލިމުންގެ އެއް ހެއްކަކީ ހުދޫދަކީ ކަނޑައެޅި އެއަށް ބަދަލު ނުގެނެވޭނޭ ކަމަކަށް ވުން ‘ހުދޫދު’ މިމަފްހޫމުންވެސް އިޝާރަތްކުރާކަމެވެ. މިއީ އެގޮތަށް އޮތް ކަމެއް ނޫންކަމަށް ދެކޭ މުސްލިމުންގެ އެއް ހުއްޖަތަކީ އެފަދަ ދަލީލެއް، ހެއްކެއް، ހުދޫދުގެ މަފްހޫމުން ނުލިބޭ ކަމެވެ. ސަބަބަކީ އެއީ ޤުރުއާނީ މަފްހޫމަކަށް ނުވުމެވެ. އަދި ޚުދް އޭގެ ތެރެއިން ބައެއް އުގޫބާތްތައް އޮތީ ޚިޔާރުތަކެއް ވެސް އޭގައި އެކުލެވޭ ގޮތަށް ކަމަށްވާތީ ވެސް މެއެވެ. މި ކަމުގެ އިތުރު ތަފްސީލު މި މައްސަލައިގެ ފަހު ބައިގައި ކޮންމެވެސް ވަރަކަށް ގެނެސް ދެވޭނެއެވެ.

ދެވަނަ ނުކުތާއަށް އެނބުރިލަމާތޯއެވެ. ކަމެއްގެ މައްޗަށް ނަޒަރު ހިންގައި އެކަމުގެ މޮޅު-ދެރަ ކަނޑައަޅާލައި ހުކުމްކުރުމުގެ (ވެލިޔު-ޖަޖްމެންޓް) މައްޗަށް ބަލާލުމަށެވެ. ކުރީގައި ވެސް ނަންގެން ފަދައިން، ރިޕޯޓުގައި ހުދޫދުތައް ސިފަކުރެވިފައި އޮތީ ‘ބާބެރިކް’ ކަމެއްގެ ގޮތުގައެވެ. ލާއިންސާނީ ނުވަތަ ނާތަހުޒީބީ ކަމެއްގެ ގޮތުގައެވެ. މިކަމުގެ މައްޗަށް ނަޒަރު ހިންގާލާއިރު ފުރަތަމަ ފާހަގަކޮށްލަން ޖެހެނީ މޮޅު-ދެރަ ކަމަކީ ބަދަލުވަމުންދާ ކަމެކެވެ. ވަގުތާއި ތަނަށް ނިސްބަތްކޮށެވެ. އެއް ތަނެއްގައި ވަކި ޒަމާނެއްގައި އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ބެލެވުނު ކަމެއް އެހެން ތަނެއްގައި އެއީ ރަނގަޅު ނޫން ކަމެއްގެ ގޮތުގައި ބެލެވިދާނެއެވެ. މިސާލަކަށް ކައިވެނި ކުރެވޭ އުމުރުގެ މައްޗަށް ބައްލަވާލައްވާށެވެ. ދާދީ ފަހަކާ ޖެހެންދެން، ވަރަށް ޅަ އުމުރުގައި މީހުން ކައިވެނިކޮށް އުޅުނެވެ. ބާރަ ތޭރަ އަހަރުގައެވެ. އަދި އެއަށް ވުރެވެސް ހަގު އުމުރުގައި ކައިވެނީގެ އަގުދުކޮށް އުޅުނެވެ. ހުޅަނގާއި އިރުމަތީގައެވެ. ތަފާތު ދީންތަކާއި ސަގާފަތްތަކުގެ އަހުލުވެރިންގެ މެދުގައެވެ. މިސާލެއްގެ ގޮތުން އިންޑިޔާގެ މިޒަމާނުގެ ގައުމީ ބައްޕަ ކަމުގައި ބެލެވޭ މަހަތުމާ ގާނދީގެ ކައިވެނިކުރެއްވި އިރު އޭނާގެ އުމުރުފުޅަކީ ތޭރަ އަހަރެވެ. އޭނާގެ އަނބިކަބަލުންގެ އުމުރުފުޅަކީ ސާދަ އަހަރެވެ. މިއަދުގެ ރަނގަޅު-ނުބައިގެ މިންތަކުން ބަލާނަމަ މިއީ ގާނޫނީ ކުށެކެވެ. އަދި ކައިވެނި ކުރެވުނު އެކަކުގެ އުމުރު އަށާރަ އަހަރަށް ވުރެ މަތިވެފައި އަނެކަކުގެ އުމުރު އެއަށްވުރެ ދަށްވެއްޖެނަމަ ކުޑަކުދީންނާ ޖިންސީގޯނާކުރި ކަމުގެ ކުށަށް ދޮށީ އުމުރުގެ މީހާ ފެތޭނެއެވެ. ރާއްޖޭގައި ވެސް ދާދި ފަހަކާ ޖެހެންދެން އުމުރުން ސާދަ ފަނަރަ އަހަރުގެ އަންހެން ކުދިން ކައިވެނި ކޮށްއުޅުނެވެ. އަދި އެފަދަ ކުދިންގެ ފިރިންގެ އުމުރު ވަރަށް ގިނަފަހަރު އަށާރަ އަހަރަށްވުރެ މައްޗެވެ. އަދި، މަދުން ނަމަވެސް، ރާއްޖޭގައި ވެސް ފަސްދޮޅަސް އަހަރަށް ވުރެ މަތީ ފިރިހެނުން ވެސް ފަނަރަ އަހަރުގެ އަންހެން ކުދިންނާ ކައިވެނިކޮށްފައި އެބަ ހުއްޓެވެ. އެ ފަދަ ކައިވެނިތަކުން ލިބިފައި ތިބި ކުދިން ދުނިޔޭގައި އަދުވެސް އެބަ ތިއްބެވެ. އަދި މުޖުތަމައުގައި އެ މީހުންނަކީ ވަރަށް ގަދަރުވެރި ބޭފުޅުން ވެސް މެއެވެ. ނަމަވެސް މިއަދު މިކަން މިއޮތީ ބަދަލުވެފައެވެ. އެހެން ކަމަށް ވިޔަސް، ކުރިން މި އިޝާރަތްކުރި ކައިވެނިތައްކުރި މީހުންނަކީ ކުޑަކުދީންނާއި ޖިންސީ ގޮތުން ގޯނާކުރި ބައެއްގެ ގޮތުގައި މިއަދު އަޅުގަނޑުމެންނަށް ސިފަކުރެވިދާނެތޯއެވެ؟ މިއަދު ދުނިޔޭގައި ތިބި އެފަދަ މީހުންގެ ދަރިން، އެމީހުންގެ ބައްޕަމެންނަކީ ކުޑަކުދީންނާ ބެހި އުޅުނު ބަޔެކޭ ބުނެފިނަމަ އެމީހުންނަށް އެކަން ބަލައިގަނެވޭނެތޯއެވެ؟ ޝައްކެތް ނެތް ގޮތުގައި އެކަން ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ސަބަބަކީ އެކަން އެގޮތަށް އެއިރު އޮތީ އެއީ އެއިރު މުޖުތަމައު ގަބޫލުކުރި ގޮތް ކަމަށްވީމައެވެ. މީގެ މާނައަކީ މިއަދު އެކަން އޮންނަން ޖެހޭނީ ހަމަ އެގޮތަށޭ ބުނުމެއް ނޫނެވެ. މިތާ ފާހަގަކޮށްލަން ބޭނުންވަނީ މިފަދަ ކަންކަމާ ދޭތެރޭ ނަޒަރު ހިންގާ، އެކަމުގެ މައްޗަށް މޮޅު-ދެރަ، ރަނގަޅު-ނުބައި، ކަމުދޭ-ކަމަކުނުދޭ، ފަދަ ހުކުމްތައް ކަނޑައަޅާލާއިރު ވަގުތާއި ތަނަށް ރިއާޔާތް ކުރަން ޖެހޭނޭކަމެވެ. އިހުގައި ފަސްދޮޅަސް އަހަރަށް ވުރެ ދޮށީ މީހުން އުމުރުން ފަނަ އަހަރުގެ ކުދިންނާއި ކޮށްފައިވާ ކައިވެނިތަކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށް މަގުފަހިކޮށްދިނުމެކޭ ނުބުނެވޭނޭ ފަދައިން، ހުދޫދުގައި ހިމެނޭ އުގޫބާތްތަކަކީ ނާތަހުޒީބީ ނުވަތަ ލާއިންސާނީ ހުކުމްތަކެކޭ ވެސް ނުބުނެވޭނެއެވެ. ސަބަބަކީ އެހެން ކަންތައްކޮށްފި ނަމަ، އަޅުގަނޑުމެންނަށް މުޖުތަމައީ އަގުތައް ވަޒަން މިކުރެވެނީ ތަފާތު ދެ ހަމަތަކެއް ބޭނުން ކުރެވިގެން ކަމަށް ވާތީއެވެ. އޭރުންވާނީ ރާތަލާއި ކިލޯއަކީ ހަމަ ހަމަ އެކައްޗެކޭ ބުނެ،  އެ ދެ މިނެކިރުމުގެ މިންގަނޑަކީ އެކައްޗެއް ކަމަށް ބަލައިގަނެ، އެއްޗެއް މިނެކިރުން ފަދަކަމަކަށެވެ. މީގެ މާނައަކީ ހުދޫދުގައި ހިމެނޭ އުގޫބާތްތަކަށް ފާޑުނުކިޔޭނޭ ވާހަކައެއް ނޫނެވެ. އެކަން އަންނަނީ މުސްލިމުންގެ ތެރޭގައިވެސް ކުރެވެމުންނެވެ. މި ދެންނެވި ކަންކަމަށް ރިއާޔަތްކުރެވިގެންނެވެ. މީގެ އިތުރު ވާހަކަކޮޅެއް ފަހުން ލިޔެލާނަމެވެ.

ނަހަމަ ޖިންސީގުޅުމުގެ މައްސަލަ

ދެން އޮތް ނުކުތާއަކީ ރިޕޯޓުގައި އޮތް ނަހަމަ ޖިންސީގުޅުމާއި ބެހޭ މައްސަލައެވެ. މި މައްސަލައަކީ ހުދޫދާ ބެހޭ މައްސަލައެކެވެ. ނަހަމަ ޖިންސީ ގުޅުމޭ ބުނެ އިޝާރާތްކުރެވެނީ ކައިވެނިން ބޭރުގެ ޖިންސީ ގުޅުންތަކާއި އަދި އެއް ޖިންސުގެ ޖިންސީ ގުޅުންތަކާއި އަދި އިންސާނުން ޖަނަވާރުންނާއި ހިންގާ ޖިންސީގުޅުމަށެވެ. މިގުޅުންތަކަކީ ރިޕޯޓުގައި ފާހަގަކުރެވިފައިވާ ގުޅުންތަކެވެ. މިކަންކަން ފާހަގަކުރެވިފައިވަނީ ދެ ކަމެއް ބަޔާންކޮށް ދިނުމުގެ ގޮތުންނެވެ. އެއްކަމަކީ އިސްލާމީ ފިގުހުގައި ކަނޑައެޅިފައިވާ އުގޫބާތުތަކުގެ ހަމަ ނުޖެހޭކަން ފާހަގަކޮށް ދިނުމެވެ. ދެވަނަ ކަމަކީ ޖިންސީ ގުޅުންތަކާ ބަލިބަލި ޖެހުމާއި އޮންނަ ގުޅުމަކީ މާ ބޮޑު ނޫން ގުޅުމެއްކަން ބުނެ ދިނުމެވެ. އަދި މިގޮތުން މިކަން ކަމަށް ފާޑުކިޔައި ދީނީ ތައުލީމާތުތަކުގައި ހުރި އުނިކަން ފާހަގަކޮށްދިނުމެވެ. މި ދެނުކުތާގެ މައްޗަށް ބަލައިލަމާތޯއެވެ.

ނަހަމަ ޖިންސީ ގުޅުންތަކުގެ އުގޫބާތުތަކުގެ ވާހަކަ ބަޔާންކުރަމުން، ރިޕޯޓުގައި ފާހަގަކޮށްލެވެނީ ބައެއް ކަންކަމުގެ އުގޫބާތު ބޮޑުކަމާއި އަނެއްބައި ކަންކަމުގެ އުގޫބާތު ކުޑަކަމެވެ. މި ގޮތުން ފިރިހެނުން އެއްޖިންސުގެ ގުޅުން ހިންގުމުން ޒިނޭއަށް އޮންނަ އުގޫބާތް– މާނައަކީ ތެޅުން ނުވަތަ މެރުން- އޮންނަކަމެވެ. ނަމަވެސް އަންހެނުން އެފަދަ ގުޅުމެއް ހިންގައިފިނަމަ ނުވަތަ ޖަނަވާރުންނާ އެފަދަ ގުޅުމެއް ހިންގައިފިނަމަ އުގޫބާތު އޮންނަނީ ތައުޒީރުގެ މައްޗަށްކަމެވެ. ގާޒީގެ ރައުޔުގެ މައްޗަށްކަމެވެ. މިކަމުގެ މައްޗަށް ނަޒަރު ހިންގާލާއިރު، ބުނަންޖެހޭ ފުރަތަމަ ކަމަކީ އުގޫބާތްތަކުގެ ސޫރަ ނުވަތަ ސިފަ ފިގުހުގައި ކަނޑައަޅާލެވެނީ ޝަރުއީ ހެއްކެއްގެ މައްޗަށް ބިނާވެގެންނެވެ. އެފަދަ ހެއްކެއް ނެތްނަމަ، އުގޫބާތުގެ ސޫރަ ބިނާވާނީ ތައުޒީރުގެ މައްޗަށެވެ. މީގެ މާނައަކީ އުގޫބާތް ކުޑަވެ ބޮޑުވުމެއް ނޫނެވެ. ތައުޒީރުގެ މައްޗަށް ބިނާކޮށް ހުދޫދުގެ އުގޫބާތާ އެއްވަރު އުގޫބާތެއް ދިނުމުގެ އިޚުތިޔާރާއި ބާރު ގާޒިއަށް ލިބިގެން ވެއެވެ. އަނެއްކާވެސް ފާހަގަކޮށްލަން ބޭނުންވަނީ ރިޕޯޓުގައި މިކަން ބަޔާންކުރެވިފައި އޮތީ ކޮންމެހެން ކުށެއްގެ އަދަބު ބޮޑުވެ ނުވަތަ ކުޑަވެގެންނެއް ނޫންކަމެވެ. އިސްލާމް ދީނާ ގުޅޭ ކަމެއްގެ ހުރި އުނިކަން ފާހަގަކޮށް ދިނުމުގެ ގޮތުންނެވެ. އެހެންވެ، މި ރިޕޯޓަކީ ކޮން ބަޔަކު އިސްލާހުކުރަން، ކާކުގެ ބޭނުމެއްގައި، ކޮން މަގުސަދެއްގައި ތައްޔާރުކުރެވުނު ރިޕޯޓެއްކަމުގެ ސުއާލު އުފެދެއެވެ.

ދެން ފާހަގަކޮށްލަން އޮތީ ރިޕޯޓުގައި އޮތް ނަހަމަ ޖިންސީ ގުޅުންތަކާއި ބަލިބަލި ޖެހުމައި އޮތް ގުޅުމުގެ ވާހަކައެވެ. އިސްލާމް ދީން ކިޔަވައި ދިނުމަށް ރާއްޖޭގައި ބޭނުން ކުރެވޭ މަދްރަސީ ފޮތްތަކުގައި މިކަން ލިޔެވިފައި އޮތް ގޮތާމެދު ރިޕޯޓުގައި ފާޑުކިޔާފައި އޮތެވެ. ރިޕޯޓުގައި ބަލި ބަލި ޖެހުމުގެ ސަބަބުތަކަކީ މުއައްގަދު، (ކޮމްޕްލެކްސް)، އޮޅުންބޮޅުން ބޮޑު، ކަމެއްކަން ފާހަގަކުރެވިފައިވެއެވެ. ޝައްކެއްނެތެވެ، ބަލިބަލި ޖެހުމުގެ ތަފާތު އެތައް ސަބަބުތަކެއް ވެއެވެ. ތަފާތު ޖަރާސީމުތަކާއި ވައިރަސްތައް ބަލިބަލި ޖައްސުވައެވެ. އިންސާނީ އުފެދުމުގައި ހުންނަ ބައެއް މައްސަލަތައް ވެސް ބަލި ޖެއްސުމަށް މެދުވެރިކުރުވައެވެ. އަދި، އިންސާނާގެ އުޅުން ހުންނަ ގޮތުގެ ސަބަބުން ވެސް ބަލިބަލިޖެހޭ ގޮތް ވެއެވެ.

ޝައްކެއްނެތް ގޮތުގައި އިންސާނާ އާއި އޭނާގެ ޖިންސީ ހަޔާތާއި ވެސް ބަލިބަލި ޖެހުމާއި ގުޅުން ހުރެއެވެ. މީގެ ތަފްސީލަކަށް ދާކަށް ގަސްދެއް ނުކުރަމެވެ. ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތަކަކީ ކޮބައިކަން އޮޅުން ފިލުވާލުމުން މިކަން އެނގޭނެއެވެ. މިފަދަ ބަލިތައް ޖެހެނީ ޖިންސީ ގުޅުން ހިތުހުރި ގޮތަކަށް ބެހެއްޓުމުގެ ސަބަބުންކަން މިފަދަ ބަލިތައްޖެހުމާއި ބެހޭ ދިރާސާތުތައް ބަލާލީމާ ސާފުވާނެއެވެ. އެކިއެކި ދީން ތަކުގައްޔާއި އަދި އާދަކާދަތައް ހިފަހައްޓާ ތަހުފީޒީ (ކޮންސަވެޓިވް) މުޖުތަމައުތަކުގައި ޖިންސީ ގުޅުން ކައިވެނީގެ އިމުގެ ތެރޭގައި ހިފެހެއްޓިފައި ވަނީ މިސަބަބަށްޓަކައެވެ. މިކަން ގުޅެނީ ހަމަ އެކަނި އިސްލާމް ދީނަކާއެއް ނޫނެވެ. ތަފާތު ދީންތަކުގައި ވެސް މިކަން އޮތީ މިހެންނެވެ. މިކަމުގައި ޕޯޕުގެ ރައުޔު ބަލާލާށެވެ! އަދި ޔަހޫދީންގެ ދީނީ އިލްމުވެރިން، ރައްބާނީންގެ ރައުޔު ވެސް ބަލާލާށެވެ! އޭރުން މިކަން އޮތީ ހަމައެކަނި އިސްލާމީ ތައުލީމާތު ތަކުގައި ނޫންކަން އެނގޭނެއެވެ. އަދި ތައުރާތާއި އިންޖީލުވެސް ބަލާލާށެވެ! އޭރުން މިކަން މިގޮތަށް އޮތީ ހަމަ އެކަނި ގުރުއާނުގައި ނޫންކަންވެސް އެނގޭނެއެވެ. އަދި ދީނީ ތައުލީމާތުތަކުގައި ވަކި ގޮތެއް އޮތުމާއި ދީނުގެ އަހުލުވެރިން އެގޮތަށް ތަބާވުމާ ނުވުމާއި އެއީ ދެކަމެކެވެ. ހަމަ އެހެންމެ، ވަކި ބަޔަކު ދީނުގެ ތައުލީމާތުތަކަށް ތަބާނުވާތީ އަނެއް ބަޔަކު އެމީހުންގެ ގޮތް އިޚުތިޔާރުކުރުން ލާޒިމެއް ވެސް ނޫނެވެ.

ރިޕޯޓުގައި ނަހަމަ ޖިންސީ ގުޅުމާއި ބަލިބަލި ޖެހުމާއި އޮންނަ ގުޅުމުގެ ވާހަކައިގައި ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވިފައިވަނީ ފިރިހެނުންގެ އެއްޖިންސުގެ ގުޅުމާއި އެކަމާއި ބަލިޖެހުމާއި އޮންނަ ގުޅުމެވެ. މިތަނުގަ އެންމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ އެއް ޖިންސުގެ ގުޅުމާއި، ޚާއްސަކޮށް ފިރިހެނުންނާ ފިރިހެނުންގެ މިފަދަ ގުޅުމާއި ބަލި ބައްޔާއި ވަރަށް ގާތްކަމެއް އޮންނަ ކަން ފާހަގަކުރަނީ ހަމަ އެކަނި މުސްލިމު މުޖުތަމައުތަކުގައި ނޫންކަމެވެ. ހުޅަނގުގައިވެސް މިކަން ފާހަގަކުރެއެވެ. 80ގެ އަހަރުތަކުގެ ތެރޭގައި ‘އެއިޑްސް’ގެ ބަލި އެންމެ ފުރަތަމަ ފެތުރެން ފެށުނީ އެއްޖިންސުގެ ގުޅުން ހިންގާ މީހުންގެ ތެރޭގައިކަން ފާހަގަކުރެވުނީ އެމެރިކާގައެވެ. މުސްލިމު މުޖުތަމައުތަކުގައެއް ނޫނެވެ. އެ ދުވަސްވަރު އެ ބަލި އެމެރިކާގައި ސިފަކުރެވުނީ ‘ގޭ ޑިސީޒެއް’ގެ، ‘ފިރިހެންކުޅީގެ މީހުންގެ ބައްޔެއްގެ’ ގޮތުގައެވެ. ފަހުން މިކަން ބަދަލުވިއެވެ. ނަމަވެސް އަދިވެސް އެއިޑްސް ޖެހުން އެހެން މީހުންނަށްވުރެ ގާތްކަން ބޮޑީ މިފަދަ ގުޅުންތައް ހިންގާ މީހުންނަށްކަން މިކަންކަމާއި ބެހޭ ދިރާސާތުތަކުން ފެނި އެނގެއެވެ. އަދި މިކަންކަމާ ބެހޭ ތަފާސް ހިސާބުތަކުންވެސް އެނގެއެވެ. މިއީ މުސްލިމު ގައުމުތަކުގައި ތައްޔާރުކުރެވިފައިވާ ދިރާސާތުތަކެއް، ތަފާސްހިސާބުތަކުގެ ރިޕޯޓުތަކެއް ނޫނެވެ. މީގެ އިތުރު ތަފްސީލު ލިޔުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކެމެވެ. ބޭނުން ބަޔަކަށް އެކަން ފެންނަގޮތަށް އެބަ އޮތެވެ. ކަމާ ބެހޭ ފޮތްތަކާއި ދިރާސާތުތައް ބަލާލުމުން އެކަން ސާފުވާނެއެވެ.

މިފަދަ ގުޅުންތައް ހިންގާ މީހުންނަށް ތަފާތު ބަލިތައް ޖެހުން އެހެން މީހުންނަށް ވުރެ ބޮޑަށް ގާތްކަން ހުޅަނގުގައި ވެސް ފާހަގަކުރެއެވެ. މިކަމުގެ އެއް ހެކި ނަންގަނެލާނަމެވެ. އެއް ޖިންސުގެ ގުޅުން ހިންގާ މީހުންގެ ކިބައިން ސިއްހީ އެއްވެސް މަރުކަޒަކުން އެހެން މީހުންގެ ގަޔަށް ލޭ އެޅުމަށްޓަކައި ލޭ ބަލައެއް ނުގަނެއެވެ. މިކަން ގުޅެނީ ޖިންސީ ގުނަވަނެއްގެ ގޮތުގައި ފުރަގަސްފަރާތް ބޭނުން ކުރުމާއެވެ. އެހެންވެ، އެއްވެސް ގޮތަކަށް މިކަން ކުރާ މީހުން، އެއްޖިންސުގެ މީހުންކަމަށް ވިޔަސް، އަދި އެ ނޫން މީހުން ކަމަށް ވިޔަސް، އެ ފަދަ މީހުންގެ ލޭ އެހެން މީހުންގެ ގަޔަށް އެޅުމަށްޓަކައި ބަލައެއް ނުގަނެއެވެ. މިއީ ހުޅަނގުގައި މިކަން ކުރާ ގޮތެވެ. ކީއްވެތޯއެވެ؟ އެ ފަދަ ލޭގެ ސަބަބުން ބަލިބަލި ޖެހުން ގާތްވީމައެވެ. މިކަން މިހެން ވަނީ ކީއްވެގެންކަން ދެނެގަތުން އެއީ މާ އުނދަގޫ ކަމެއް ނޫނެވެ. އިންސާނާގެ އުފެދުން ނިޔާކުރާ ގޮތުން، ފުރަގަސް ފަރާތް އުފެދިފައިވަނީ ޖިންސީ ވަޒީފާ އަދާކުރެވޭ ގޮތަކަށް ނޫނެވެ. މިއީ ދީނީ ތައުލީމު ނިންމާ ނިންމުމެއް ނޫނެވެ. އިންސާނާގެ ޖިސްމާނީ އުފެދުން ނިންމާ ގޮތެވެ. ފުރަގަސް ފަރާތުގެ ސެލްތަކުން އުފެދިފައިވާ ފާރަކީ ދާދި ފަސޭހައިން ހަލާކުވެ، ފަޅައިގެން ދާ ފާރެކެވެ. ބަނޑު ހަރުވުމުން ވެސް ބައެއް ފަހަރު މިކަން ތަޖުރިބާކުރެވެއެވެ. މި ފާރަކީ ނާޒުކު ފާރަކަށްވެފައި، ޖިންސީގުނަވަނެއްގެ ގޮތުގައި ފުރަގަސް ފަރާތް ބޭނުންކުރެވުމުން، އެ ފާރު ފަޅައިގެން ދިޔުން ވަރަށް ގާތެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ބައެއްކަހަލަ ސާއިލުތައް (ފުލުއިޑުތައް، ދިޔާއެއްޗެތި) ދެއެވެ. އަދި މި އެއްޗެތި ހަށިގަނޑުގެ އެންޒައިމުތަކާއި އެހެން ކީމިޔާއީ މާއްދާތަކާއި އެއްވުމުން، ބަލިޖެހުމަށް މެދުވެރިވަނީއެވެ. މިސަބަބަށްޓަކައި، ޖިންސީ ގުނަވަނެއްގެ ގޮތުގައި ފުރަގަސްފަރާތް ބޭނުންކުރާ މީހުންގެ ލޭ އެއްވެސް ހާލެއްގައި އެއްވެސް ގޮތަކަށް ހުޅަނގުގައިވެސް ބޭނުމެއް ނުކުރެއެވެ. ބަލިޖެހުމުގެ ނުރައްކާ (ރިސްކު) ބޮޑުވީމައެވެ. އެހެންވެ، ނަހަމަ ޖިންސީ ގުޅުންތަކާއި ބަލިބަލި ޖެހުމާއި އޮންނަ ގުޅުމުގެ ނުރައްކަލަކީ ކުޑަކަމެކޭ ބުނެވިދާނޭތޯއެވެ. ޖިންސީ ތައުލީމު ދެވޭ ތަންތަނުގައި އެންމެ ބޮޑަށް ބާރުއެޅޭ އެއްކަމަކީ މިފަދަ ގުޅުންތަކުގެ ސަބަބުން، މީހާގެ އަމިއްލަ ނަފްސު ތަފާތު އެތައް ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭކަމުގެ ހޭލުންތެރިކަން އުފެއްދުމެވެ. މިއިންވެސް އެނގެނީ މިފަދަ ގުޅުންތަކާ ބަލިބައްޔާ ހުރި ގާތްކަމެވެ. (ނުނިމޭ )

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top