ޓީޗަރުންގެ މުސާރައަށް ބަދަލުގެނެސް ޕޭ ކޮމިޝަނަށް ފޮނުވައިފި

large_154563119651mWeH.jpg

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ - ފޮޓޯ : އެޑިއުކޭޝަން މިނިސްޓްރީ

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް ޕޭ ކޮމިޝަނަށް މިހާރު ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޑރ.އައިޝަތު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ސިވިލް ސަރިވިސް މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮބަދަލެއް އަންނާނެ ކަމަށެވެ.

ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ޕޭ ކޮމިޝަނަށް ފޮނުވާފައިވީ ނަމަވެސް، އެ އޮނިގަނޑަށް އަމަލުކުރައްވާނެ ވަކި ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް އެންމެފަހުން 2015 ވަނަ އަހަރު ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަށްވުރެ ރަނގަޅު ބަދަލެއް ފެނިގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތައް މިނިސްޓްރީން އިއުލާން ކުރާނެ ކަމަށެވެ. އަދި ޓީޗަރުންގެ އޯވާ ޓައިމްގެ އުސޫލުތަކަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު އިނާޔަތްތަކެއް ވެސް ޓީޗަރުންނަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

2015 ވަނަ އަހަރު އާއްމުކުރި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން މާސްޓާސް ފެންވަރުގެ ލީޑިން ޓީޗަރެއްގެ މުސާރައަށް 31.44 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ގެނެސްފައެވެ. އެ ބަދަލާއެކު މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލީޑިން ޓީޗަރަކަށް 13،218.50 ރުފިޔާ، މާސްޓާސް ފެންވަރުގެ ލީޑިން ޓީޗަރަކަށް 17،374 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެއެވެ.

މާސްޓާސް ފެންވަރުގެ ޓީޗަރަކަށް 34.01 ޕަސެންޓްގެ ކުރިއެރުމެއް ގެނެސް ހުރިހާ އެލެވެންސަކާއި އޯޓީއާ އެކު ޓީޗަރަކަށް 16374 ރުފިޔާ ލިބެއެވެ. އެ އޮނިގަނޑުގެ ދަށުން ޑިގްރީ ފެންވަރުގެ ލީޑިން ޓީޗަރަކަށް މުސާރައާ އާއި އިނާޔަތުގެ ގޮތުގައި 14894 ރުފިޔާ ލިބެއެވެ. އަދި ބެޗްލާސް ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް 13894 ލިބެއެވެ.

މީގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް އާ އޮނިގަނޑުގެ ދަށުން މިހާރު 11337.5 ރުފިޔާ ލިބެއެވެ.

2015 ވަނަ އަހަރު އެކުލަވާލި ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށީ 2016 ވަނަ އަހަރު ދިރާސީ އާ އަހަރާއެކުގައެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ  ވައުދެކެވެ. ރިޔާސީ ކެމްޕޭނުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ ބުރަ އަދި ގިނަ ވަގުތު މަސައްކަތްކުރާ ޓީޗަރުންނަށް ލިބެނީ އެންމެ އެކަށޭނަ މުސާރައެއް ނޫންކަމަށާ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް އިތުރު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top