ރޯދަމަހު ހަފުތާއެއްހައި ދުވަހު ކިޔަވައި ދިނުމަށް ފަހު ސްކޫލުތައް ބަންދުކޮށްފިއެވެ.
އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުން ދެން ދަރިވަރުންގެ ކިޔެވުން ފެށޭނީ އަންނަ މާޗު މަހުގެ 23ވާ ހޯމަ ދުވަހުއެވެ.
އެކެޑަމިކް ކަލަންޑަރުގައި ކުރިއަށް އޮތް ހަފުތާ ކަނޑައަޅާފައި ވަނީ ޕްރޮފެޝަނަލް ޑިވޮލޮޕްމެންޓް ވީކެއްގެ ގޮތުގައެވެ. އެހެންކަމުން އެ ހަފުތާގައި ދަރިވަރުން ސްކޫލަށް ދާކަށް ނުޖެހޭނެއެވެ. އަދި އެއަށްފަހު އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް ސްކޫލު ބަންދުކޮށްފައި ވަނީ ރޯދަމަހުގެ ފަހު 10 އަކަށެވެ.
ނިމިދިޔަ އަަހަރުވެސް ސަރުކާރުން ވަނީ ރޯދަމަހުގެ ފަހު 10 ބަންދުކޮށްފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަދުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދާއިރު އެ ކުދީންނަށް 24 ދުވަހު ޗުއްޓީއެއް ލިބޭނެއެވެ.
މި ދިރާސީ އަހަރުގެ ކިޔެވުން ފަށާފައި ވަނީ، ނިމިދިޔަ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންކަމުން ދަރިވަރުން މިއަދު ބޮޑު ޗުއްޓީއަކަށް އެ ދަނީ އެއް މަސްދުވަހު ކިޔެވުމަށް ފަހުއެވެ.





