އަންނަ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކޮށް އެކަޑަމިކް ކަލަންޑަރު ނެރެފި އެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދިރާސީ އަހަރުގެ ފެށުން އޮގަސްޓަށް ބަދަލުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، 2021 ވަނަ އަހަރު އެވެ. އެގޮތުން އޭރު އެގޮތަށް ނިންމީ ކޮވިޑުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އިމްތިހާނުތަކަށް އައި ބަދަލުތަކާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް ގިނަ ބައެއް އެދުމުގެ މަތިންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައްޔިތުން އެންމެ ގިނައިން އެދުނު ކަންތައްތަކުގެ ތެރޭގައި، ދިރާސީ އަހަރު ފެށޭ ދުވަސްވަރު ކުރިން އޮތް ގޮތަށް އަނބުރާ ބަދަލުކޮށްދިނުން ހިމެނެއެވެ. އެހެންކަމުން، ބޮޑު ޗުއްޓީ އަލުން ޑިސެންބަރު މަހަށް ބަދަލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ އިންތިޚާބީ ވައުދެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ވަގުތީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 27 ގަ އެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. ފުރަތަމަ ޓާމު ނިންމައި ޗުއްޓީ ލިބެނީ ޖުލައި 17 އިން އޮގަސްޓް އެކަކަށެވެ.
ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027ގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ގަ އެވެ.






