އައިމިނާފުޅު ނިޔާވުން ، އޭދަފުށްޓަށާއި ބ.އަތޮޅަށް ލިބުނު ފުން ހިތާމައެއް

image-0-02-06-ccfe96b4530659235294c690ebcbc40a7807bc037da7fcaba8847671e2dbed4b-V.jpg

އޭދަފުށީގެ ތަރައްގީގެ ބާނީ އަލްމަރްހޫމް ޔޫސުފްކަލޭފާނުގެ ހުވަފަތް އަނބިކަނބަލުން އާމިނަތު މުހައްމަދު (އައިމިނާފުޅު) ރޭ ނިޔާ ވެއްޖެއެވެ. މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު އައިމިނާފުޅު ނިޔާ ވެފައިވަނީ އުމުރުން 94 އަހަރުގައި މާލޭގައެވެ.

އައިމިނާފުޅަކީ އޭދަފުށްޓަށް ތަރައްގީ ގެނައުމަށް މަރްހޫމް ޔޫސުފްކަލޭފާނު ގެ އަތޮޅުވެރިކަމުގައި އަދި ކަތީބުކަމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އިރު އެންމެ ގާތުގައި އެކަމަށް އެހީތެރިވެދެއްވުމަށް ހުންނެވި އެއް މަދަދުގާރެވެ.

ޔޫސުފްކަލޭފާނާއި އައިމިނާފުޅަށް ލިބިވަޑައިގެންނެވި އަށް ބޭފުޅުންގެ ތެރެއިން ފިރިހެން ތިން ބޭފުޅުނާއި އަންހެން ފަސް ބޭފުޅުން އެބަތިއްބެވިއެވެ. އެބޭފުޅުންގެ ތެރެއިން ޑރ އަބްދުއްސައްތާރު ޔޫސުފް ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ނެންގެވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވިއެވެ. އަބްދުލްހަންނާން ޔޫސުފަކީ އާކިޓެކްޓްގެ ރޮނގުން އިނގިރޭސި ވިލާތުން މަތީ ތައުލީމު ހޯއްދަވައިގެން ހުންނެވި ފާހަގަ ކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަސްޓަމްސް އަދި ވެލާނާ ބިލްޑިންގ އަކީ އޭނާގެ “ހަންނާން އާކިޓެކްޓް” ގެ މުއްސަނދި އުފެއްދުން ތަކުގެ ތެރެއިން ފާހަގަ ކުރެވޭ ތަންތަނެވެ. އަބްދުލްބާރީ ޔޫސުފަކީ ވެސް އިނގިރޭސި ވިލާތުން ސިވިލް އިންޖިނިއަރިންގ ދާއިރާއިން މަތީ ތައުލީމު ހޯއްދަވަައިގެން އެރޮނގުން ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އަންހެން ދަރިކަނބަލުންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ޝަޚްސިއްޔަތަކީ ރާޝިދާ ޔޫސުފް އެވެ. އެކަމަނާގެ ޚިދުމަތުގެ އުސްއަލިތަކުގެ ތެރޭގައި ވިމެންސް މިނިސްޓަރ ކަމާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަންގެ ހައިކޮމިޝަނަރގެ މަގާމު ހިމެނެއެވެ. މީގެ އިިތުރުން ތާޖުއްދިން ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވާފައިވުމުން ދިވެހި ތާރީޚްގައި އެކަމަނާ ލިޔެވިގެން ދާނީ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރިންސިޕަލްގެ ގޮތުގައެވެެ.

އައިމިނާފުޅުނިޔާވި އިރު 33 މާމަ ދަރިންނާއި 50 މުނިމާމަ ދަރިންގެ އިތުރުން މުނިމުނި މާމަކިޔާ އެއް ކުއްޖަކު ދުނިޔޭގައި އެބަތިއްބެވިކަމަށް އާއިލާއިން މައުލޫމާތު ދެއްވައެވެ.

އައިމިނާފުޅުގެ ވަކިވެދިއުމަކީ އޭދަފުށްޓަށާއި ބ. އަތޮޅަށް ލިބުނު ފުން ހިތާމައެކެވެ. އެކަމަނާވަނީ ގައުމަށާއި ރަށަށް ބޭނުންތެރި އަދި އަގުހުރި އެތައް ދަރިން ތަކެއް އުފައްދަވައި އެދަރިންގެ މިންނެތް ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ކާމިޔާބު އަދި ނަމޫނާ މަންމައެއްކަން ސާބިތު ކޮށްދެއްވާފައެވެ.

އޭދަފުށީ ވޮއިސްގެ ފަރާތުން އައިމިނާފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރަމުއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވައި ތައުޒިޔާ ރައްދު ކުރަމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top