މެމްބަރު ސަލީމްގެ އެހީއާއެކު މާޅޮހު ރައްޔިތުން އެރަށު ކަނޑުތޮށި މަރާމާތުކުރަން ފަށައިފި

22-800x452-800x452.jpg

މާޅޮހުގެ ބަނދަރުގެ ހުލަނގު ފައިކަށި ވެއްޓިފައި. މިފައިކަށީގެ އިތުރުން ފޮޓޯއިން ފެންނަން އޮތް ކަނޑުތޮށިގެ އަތްދަށުން ވާޓަރެއްލުމަށްވެސް އެރަށު ކައުންސިލުން ވަނީ ނިންމާފައި / އީވީ ފައިލްފޮޓޯ

މަރާމާތަށް ބޭނުންވެފައިވާ ބ. މާޅޮހު ކަނޑތޮށި، އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމްގެ އެހީއާއެކު މަރާމާތުކުރުމުގެ މަސައްކަތް އެރަށު ރައްޔިތުން ފަށައިފިއެވެ.

މާޅޮހު ކައުންސިލުން ބުނީ މަަރާމާތުގެ މަސައްކަތް ފެށުނީ މިދިޔަ ހަފްތާގެ ބަންދުތެރޭގައި ކަމަށާ، މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ މިފަހަރު މަރާމާތު ކުރެވެނީ ނެރުގެ ހުޅަނގު ފައިކައްޓާއި، ނެރުގެ ހުޅަނގުން އޮތް ކަނޑުތޮށިކަމަށެވެ. އޭނާ ވިދާޅުވީ މިމަސައްކަތް ނިމޭއިރު ފަޅުގައި އަޅާ އުޅަނދު ފަހަރަށް ޖާގަ އިތުރުވާނެކަމަށާ، މިމަސައްކަތް ފެށުނީ އެކަމަށް އަމާޒުކޮށް ކަމަށެވެ.

“ފައިކަށީގައި ސިމެންތި ގޯނި މިޖައްސަނީ. ދެން ކަނޑުތޮށީގެ އަތްދަށު ބައިގައި ހަނި ވާޓަރެއް ހަދާނީ. އެއީ ލާންޗްފަހަރު ފަދަ ތަކެތި އެޅޭގޮތަށް ހަދާބައެއް. އެހެންވީމާ، މިސަރަހައްދު ހަދާ ނިމުނީމާ، ބަނދަރަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެ” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިމަސައްކަތަށް އޭދަފުށީ ދާއިރާގެ މެމްބަރ 150 ކޮތަޅު ސިމެންތި ދެއްވާފައިވާކަމަށާ، ކައުންސިލް ބަޖެޓުންވެސް ބައިލައްކައެއްހާ ރުފިޔާ މިކަމަށް ޚަރަދު ކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ މިމަސައްކަތް އޭޕްރީލްމަހުގެ ނިޔަލަށް ނިންމުމަށް އަމާޒުކުރެވިފައިވާކަމަށެވެ.

“މަސައްކަތް ކުރިޔަށްދާނީ ހަފްތާގެ ބަންދުދުވަސްތަކުގައި. ރައްޔިތުންނަށް ދަތިނުވާގޮތަށް.ކުރިޔަށް މިއޮތީ ހުޅަނގު މޫސުންކަމަށްވާތީ، ބަނދަރު ގަދަވުމުގެ ކުރިން މަސައްކަތް ނިންމާލުން އަމާޒަކީ، އޭޕްރީލްގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެވޭ”

ހަސަތޭކަ އަށްޑިހައަށްވުރެ ބޮޑު އާބާދީއެއް އޮތް މާޅޮހު ބަނދަރަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އެރަށުގައި ހަދާފައިވާ ބަނދަރެކެވެ. އެބަނދަރުގެ އެކި ސަރަހައްދުތައް ހަލާކުވުމުގެ ސަބަބުން ދޭތެރެދޭތެރެއިން އެރަށު ރައްޔިތުންނާ ކައުންސިލް ގުޅިގެން މަރާމާތުކުރަމުން ގެންދެއެވެ. އެގޮތުން އެންމެފަހުން 2015 ވަނައަހަރު ކުރި މަރާމާތުގައިވެސް ވާޓަރުން ވެއްޓިފައިވާ ބޮޑުބައެއް ނަގައި އަލުން ހަދާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top