ތުޅާދޫ “އަފީފް ކަތީބު” ނިޔާވެއްޖެ

image-0-02-06-5c27a1ff3bf17e3560d4736df9da14b880e23dc67378a60a7ab7c520d3bb913f-V.jpg

ބ. ތުޅާދޫ ކުރީގެ ކަތީބު ހުސައިން އަފީފު / ފޮޓޯ: އަބްދުލްމަޖީދު ހުސައިން

ބ. ތުޅާދޫ ރައްޔިތުންނަށް ސާޅީހަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައިވާ، ތުޅާދޫ ކުރީގެ ކަތީބު އެރަށު ގުލްބަހާރުގޭ ހުސައިން އަފީފް (78 އަހަރު) ނިޔާވެއްޖެއެވެ.

އަފީފް ނިޔާވީ ނިއުމޯނިޔާގެ އާލާސްކަންފުޅަށް މާލޭގައި ބޭސްފަރުވާ ކުރައްވަމުން ގެންދަވަނިކޮށް ކުއްލިގޮތަކަށް އިއްޔެއެވެ.

ހުސައިން އަފީފަކީ ތުޅާދޫގެ ވެރިކަމުގައި 42 އަހަރެއްހާދުވަހު ޚިދުމަތް ކުރަައްވާފައިވާ، ރައްޔިތުންގެ ލޯބި މަތީދަރަޖައަކަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާވަނީ އެރަށުގެ މުދިންކަމާއި، ކުޑަކަތީބުކަމުގެ އިތުރުން ކަތީބުކަން ކުރައްވާފައެވެ. އަދި ސްކޫލްގެ ނާޒިރުކަންވެސް ކުރައްވާފައިވެއެވެ. 42 އަހަރުގެ ޚިދުމަތަށްފަހު އަފީފް ރިޓަޔާ ކުރައްވާފައިވަނީ ސިވިލްސާވިސް ގާނޫނާއި ގުޅިގެން 2008 ވަނައަހަރުއެވެ.

އަފީފު ނިޔާވި އިރު އަނބިކަނބަލުންނާއެކު ތިން އަންހެން ކުދިންނާއި ހަތަރު ފިރިހެންކުދިން ދުނިޔޭގައި އެބަތިއްބެވިއެވެ. މިހުރިހާ ކުދިންނަކީވެސް ރަށާއި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންނެވެ. އޭގެ ތެރެއިން މޫސާ ފުވާދުއަކީ އެޓޮލްސް މިނިސްޓްރީގައި  ގިނަ އަހަރުތަކެއް ވަންދެން ޒިންމާދާރު މަގާމްތަކެއްގައި ހުންނަވައިގެން ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދުނާނު ހުސޭން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީކަން ކުރައްވާފައިވެއެވެ.

އަފީފުގެ ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރު ބޭފުޅަކީ އިބްރާހީމް އަފީފުއެވެ. ދިވެހި އަމިއްލަ ރާގެއްކަމުގައިވާ “އޭނީ ލޯބި ފުން ހިތަކުން” ގެ ވީޑިއޯ ލަވައިން އަޅުގަނޑުމެންނަށް ތައާރަފްވި އިބްރާހީމް އަފީފު ވަނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރު ކަމުގެ އިތުރުން ސަރުކާރުގެ ގިނަ ވުޒާރާ ތަކެއްގައި އިސް މަގާމު ތަކެއް ފުރުއްވާފައެވެ.

އަފީފުގެ އަބްދުލްމަޖީދު ހުސޭން އަކީ އޭނާގެ ބައްޕަ ފަދައިން ބައްޕަ ހިންގެވި މަގު ޚިޔާރުކުރައްވައިގެން ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުން އެއީ އުފަލަކަށް ބައްލަވައިގެން މި ވަގުތުވެސް ރަށުގެ ޒިންްމާދާރު ވެރިޔާގެ މަގާމު އަދާކުރެއްވުމުގައި ދެމި ހުންނެވި ތުޅާދޫ ކައުންސިލްގެ ޑިރެކްޓަރއެވެ.

މަރްހޫމް އަފީފު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން ތުޅާދޫއަށް މިއަދަކީ ކަޅު އަދި ހިތާމަވެރި ދުވަހެއްކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. މިހިތާމަވެރި ދުވަސް ފާހަގަކުރުމުގެ ގޮތުން ތުޅާދޫ ސްކޫލްގެ އެސެމްބްލީ މިއަދު ޚާއްސަކޮށްފައިވަނީ ‘އަފީފުގެ ހަނދާނުގައި’ އެވެ. ހަމަމިއާއެކު  އެއްމަސްދުވަހަށް ހުޅުވާލެވިފައިވާ ތައުޒިޔާގެ ދަފްތަރެއް އެރަށުގައި ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން  މަރްހޫމް އަފީފުގެ ‘ވަކިވެދިއުމުގެ ޒިކްރާ ‘ ގެ ނަމުގައި ހަނދާނީ ލިއުމެއް ރަށު ކައުންސިލްގެ މެންބަރުން އަފީފުގެ އާއިލާއާއި ވަނީ ހަވާލު ކުރައްވާފައެވެ.

މަރްހޫމް އަފީފުގެ ވަކިވެދިއުމަކީ ތުޅާދޫގެ އިތުރުން މުޅި ބ. އަތޮޅަށް ވެސް ލިބުނު ފުން ހިތާމައެކެވެ.

އޭދަފުށީ ވޮއިސްގެ އިޚްލާސްތެރި ތައުޒިޔާ މަރްހޫމް އަފީފުގެ ހުވަފަތް އަނބިލަބަލުންނާއި އާއިލާއަށް އަދި ތުޅާދޫ ރައްޔިތުންނަށް ރައްދުކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top