ދޮންފަނުގައި 50000 ލިޓަރުގެ ބޯފެން ރައްކާކުރެވޭ ސްޓޯރޭޖެއް ހަދަން ފަށައިފި

12.jpg

ދޮންފަނުގައި ބޯފެން ރައްކާކުރުމަށް ކަޅުހަން ބެހެއްޓުމަށް ހަދަމުންދާ ތަނުގެ މަސައްކަތް ކުރިޔަށްދަނީ. މިޕްރޮޖެކްޓްގެ ދަށުން 50000 ލިތަރުގެ ސްޓޯރޭޖެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައި / އީވީ ފޮޓޯ: މުހައްމަދު ސާލިމް

ބ. ދޮންފަނުގައި 50000 ލިޓަރުގެ ބޯފެން ރައްކާކުރެވޭ ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް އެންވަޔަރުމެންޓް މިނިސްޓްރީން ފަށައިފިއެވެ.

ދޮންފަނު ކައުންސިލުން ބުނީ މިދިޔަ ފެބުރުވަރީމަހު ފެށި މިމަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާ، ރޯދައިގެ ކުރިން ތާންގީތައް ބޭނުންކުރަން ފެށޭވަރު ވާނޭކަމަށެވެ. އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މިޕްރޮޖެކްޓްގެ ދަށުން ރައްޔިތުންގެ ތާންގީގެ ގޮތުގައި އެރަށުގައި 5000 ލިޓަރުގެ 10 ކަޅުހަން ބަހައްޓާނެކަމަށް ދޮންފަނު ކައުންސިލުން ބުނެއެވެ.

ދޮންފަނު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސާލިމް އީވީއަށް ވިދާޅުވީ މިޕްރޮޖެކްޓްގެ ސަބަބުން ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގެ ހޫނު ދުވަސްވަރު ޑިޒާސްޓާ މެނޭޖްމަންޓްގެ ފަރާތުން އެރަށަށް ފޯރުކޮށްދޭ ޕްލާންޓްފެނަށް އެދެން ނުޖެހޭނެކަމަށެވެ. އަދި މިޕްރޮޖެކްޓް ނިމުމާއެކު އެރަށުގައި ފެންރައްކާކުރެވޭ ސްޓޯރޭޖްގެ ބޮޑުމިން 100000 ލިޓަރަށް އިތުރު ކުރެވިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ކުރިން މިހުންނަނީ ރައްޔިތުންގެ ތާނގީތަކުގެ ގޮތުގައި 50000 ލިޓަރު ރައްކާކުރެވެން. ވަރަށް ބޮޑު ކުރިއެރުމެއް އިނގޭތޯ މީ. އަޅުގަނޑުމެން ކޮންމެ އަހަރަކުވެސް ފެނަށްޖެހިގެން ފެން ގެންނަންޖެހޭ. އެކަމަކު މިހާރު މާބޮޑަށްވެސް މެނޭޖް ކުރެވޭނެ އިނގޭތޯ. ” ސާލިމް ވިދާޅުވިއެވެ.

ދޮންފަނު ކައުންސިލްގެ ޒިންމާދާރުވެރިޔާ ސާލިމް. ފެން ރައްކާކުރާ އާ ސްޓޯރޭޖާއެކު ފެނަށްޖެހުމަށް ހައްލެއް އަންނާނެކަމަށް ވިދާޅުވި / އީވީ ފައިލްފޮޓޯ

ބ. އަތޮޅުގެ ރަށްރަށުގެ ތެރެއިން ދެރަށަކުން ބޯފެނަށް ޖެހިގެން މިއަހަރުވެސް ޕްލާންޓްފެން ފޯރުކޮށްދީފައިވެއެވެ. މިމައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިޔަށްގެންދާ ފެނުގެ ސްޓޯރޭޖް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މިއަހަރުވަނީ ބ. ކިހާދޫގައިވެސް 5000 ލިޓަރުގެ 10 ކަޅުހަން ބަހައްޓާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top