”އޭދަފުށީ ހޮނިހިރު ބާޒާރު “

10156157_794004867305219_6776979663569725391_n.jpg

އޭދަފުށި

އަތިރި މައްޗާ ހަމައަށް ދެވުނުއިރު ފެރީއޮތީ ފުރަންތައްޔާރުވެފައެވެ. ގަޑިބަލާލިއިރު ހެނދުނު 10 ޖަހަނީއެވެ. މިއަދަކީ ހޮނިހިރުދުވަސްކަމަށްވާތީ ފެރީއޮތީ ފުރިފައޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އެއީ އޭދަފުށގައި ކޮންމެ ހޮނިހިރު ދުވަހަކު އޮންނަ ހޮނިހިރުބާޒާރަށް ހެޔޮއަގުގައި ވިޔަފާރިކޮށްލަން ދާ މީހުންނެވެ. ނުވަތަ ބޭނުންވާ ހުރިހާ ވައްތަރެއްގެ އެއްޗެއް އެއްތަނަކުން ގަންނަން ލީބޭތީ އެފަސޭހަވެސް ހޯދާލުމާއެކުގައެވެ.

އަތޮޅުގެ އުތުރުފެރީ ފުރި ބަރާވެފައިވަނީ އޭދަފުށީގެ އުތުރު ރަށްރަށުގެ އަންހެނުންނާއި ފިރިހެނުންނެވެ.
ފެރީ ނައްޓާލައިފިއެވެ. ބައި ގަޑިއިރުގެ ދަތުރަކަށްފަހު އޭދަފުށީ ފަޅުތެރެއަށް ވަންއިރު އަހަރެމެންގެ ފަހަތުން ފަޅަށް އައިސްވަންނަނީ ތުޅާދޫ ހިތާދޫ އަދި ފަޅުތެރޭގެ ތިންރަށުގެ މީހުން ފުރި ބަރާވެފައިވާ ދެކުނު ފެރީއެވެ.

ހޮނިހިރު ބާޒާރަކީ ކޮންމެ ހޮނިހިރުދުވަހަކު އޭދަފުށީ ބަނދަރު ސަރަހައްދުގައި އޮންނަ ބޮޑު ބާޒާރެކެވެ. މި ބާޒާރު އިންތިޒާމްކުރީ އަތޮޅު ކައުންސިލުންކަމެއް ނުވަތަ އޭދަފުށީ ކައުންސިލުންކަމެއް ދަންނަވަން ނޭގުނަސް އިންތިޒާމްތައް ފުރިހަމައެވެ.

އެންމެ ދެކުނުގައިހުރި ގޮއިދޫ ކެބިންއަށް ވަދެލިއިރު އެތަނުގައި ގިނައިންހުރީ ގޮއިދޫގެ ދަނޑުވެރިން ހައްދާފައިވާ ބާވަތްތަކެވެ. ކަރާއާއި ކިއުކަންބާގެ އިތުރުން ގިތެޔޮމިރުހާއި ބަޓާނާ ބަރަބޯފަދަ ތަރުކާރީއާއި މޭވާގެ ބާވަތްތަކެވެ. އަގު އަހާލުމުން އެގިގެންދިޔައީ އަމިއްލަ ރަށަށްވުރެ އަގު ހެޔޮކަމެވެ. ޖެހިގެންހުރި ފުޅަދޫ ކެބިންގައި ހުރީވެސް އެރަށުގައި ހައްދާފައިވާ ތާޒާ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ. ހިފާ ގެންގުޅޭ ސާމާނާއި ހެދިކާގެ ވައްތަރުތައްވެސް ކޮންމެވެސް ވަރަކަށް ހުއްޓެވެ.

މި ބާޒާރުގައި ހުންނަނީ އަތޮޅުގެ ރަށްރަށުން ވިއްކަން ގެންނަ މޭވާއާއި ތަރުކާރީގެ އިތުރުން ކުނރުބާ އާއި އަދި ހެދިކާގެ ބާވަތްތަކެވެ. ރިހާކުރާ އަސާރައިގެ ވައްތަރުތަކެވެ. ވަޅޯމަހާއި ރޯމަހަށް އަދި މުޅިން ވަކި ކެބިންއެކެވެ. ކަސްޓަމަރުންނަށް އުދަނގޫވެދާނެތީކަމަށް ބެލެވެއެވެ. މީގެ އިތުރުން ބޭނުންކޮށްފައި ހުންނަ އެހެންނަމަވެސް ބޭނުންކުރަން ކަމުދާ އަންނައުނާއި ތަށި ތެލިފަދަ ތަކެތީގެ އިތުރުން އެހެނިހެން ގެވެހި ކަންވާރުވެސް ހުރެއެވެ.

އަތޮޅުގެ 13 ރަށުން މި ބާޒާރުގައި ވިއްކަން ގެންނަ ތަކެތި ހުންނަނީ ކޮންމެ ރަށަކަށް ވަކި ކެބިނެއް ހަދައި ރަށުގެ ނަން ފެންނާނެ ގޮތަށެވެ. މީގެ އިތުރުން އޭދަފުށީގެ އެކި ފިހާރަތަކުގެ ސްޓޯލްތަކަކާއި އަންހެނުން ކުރިއަރުވާ ކޮމިޓީގެ ސްޓޯލްއެކެވެ.

އަތޮޅުގެ ގިނަބަޔަކު ބާޒާރުކޮށްލުމުގެ ބޭނުމުގައި އޭދަފުއްޓަށް އަރާފައި އޮތްއިރު މިމާހައުލުގައި ގުގުމާފައިވަނީ ގައުމީލަވައިގެ އެކި ރާގުތަކެވެ.  އަތޮޅު ފެންވަރުގައި އޮންނަ މިކަހަލަ އިޖްތިމާއީ ކަމެއް ކުރެވެމުންދާއިރު ވަރަށް މަޖާވެސް ހުންނާނެތާއެވެ. އެއްްރަށުގެ ބަޔަކު އަނެއްރަށުގެ ރައްޓެހިންނާ ދިމާވުމުގެ ސަބަބުން ގުޅުން ވަރުގަދަ ވުމުގެ އިތުރުން މާލީގޮތުންވެސް އަތޮޅު ތެރެއަށް ކުރިއެރުންތަކެއް އަންނާނެތާއެވެ.

މި ޚިޔާލުގައި މުޅި ބާޒާރަށް ނަޒަރު ހިންގައިލުމުން އިހްސާސްކުރެވެމުން ދިޔައީ މިކަމުގެ މުހިއްމު ކަމަށެވެ. މި އުފާވެރި މާހައުލުގެ ހިތްގައިމުކަމަށެވެ. ރަނގަޅު އަގުގައި ދިރި އުޅުމަށް ބޭނުންވާ ޒަރޫރީތަކެތި މި ބާޒާރުންގަންނަންލިބޭނެކަމުގެ ޔަގީންކަމާއެކު އަތޮޅުގައި އުފައްދާ ތަރުކާރީއާއި މޭވާއަށް ރަނގަޅު އަގު ލިބޭނެކަމުގެ ހިތްހަމަޖެހުމެވެ. މިކަމުގެ ނަތީޖާއަކަށްވާނީ އާދަނޑުވެރިންނާއި މަސައްކަތްތެރިން އަތޮޅުގައި އުފެދި އަތޮޅަށްވެސް އިގްތިސާދީ ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ވަރުގަދަ އިޖްތިމާއީ ރޫހެއް އަތޮޅުގެ ރަށްތަކުގެ މެދުގައި އުފެދި ބައިބައިވެ ރޫޅިފައި އޮތް މުޖްތަމައަށް އަލުން  ދިރުން ލިބި އެކުވާން ފަށާނެކަމުގެ ފެހި ސިގްނަލެވެ.

އަހަންނާ ދާދި ގާތުން މީހަކު ސަލާންގޮވާލުމުން ބަލައިލިއިރު މިއީ ހިތާދޫގެ އަހަރެންގެ ޒަމާންވީ ރައްޓެއްސެކެވެ. އޭނާގެ ސަލާމަށް ރައްދު ދިންއިރު ދެމީހުންނަށް އެއްފަހަރާހެން ބުނެވުނީ އެއް ޖުމްލައެކެވެ. ” މިފެނުނީ ނުފެންނަތާ ހާދަދުވަހެއް ވުމަށް ފަހުގައި ދޯއެވެ!” ގަދަ ހިނިގަނޑެއް ޖަހާލެވުނީ އެހެންވީމައެވެ.

އެހާގިނަދުވަސް ފަހުން ފެނުމުން ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ގޮތުން އެތަނާ ދާދި ގާތުގައި ހުރި ކެންޓީނަށް ވަންނަން ޖެހުނީއެވެ. ފިނި އެއްޗަކަށް އިންސާފު ކޮށްލުމަށް ރަހްމަތްތެރިޔާ އެދުމުން އެދައުވަތު ގަބޫލު ކޮށްގެންނެވެ.

މިއީވެސް ހޮނިހިރިބާޒާރަށް ޚާއްސަކޮށް ހުޅުވާފައިވާ ތަނެކެވެ. އެތަން ހިންގަމުން ގެންދަނީ އޭދަފުށީގެ އަންހެނުން ކުރިއަރުވާ ކޮމިޓީންނެވެ. މުޅިން ހުޅުވިފައިވާ ޖައްވެއްގައި މި ކެންޓީނުގެ އަތިރިމައްޗާވީ ފަރާތުގައި ހުރި މޭޒެއްގެ ކައިރީގައި ޖައްސާލައިގެން އިންއިރު އަހަރެމެންފަދަ ކިތަންމެ ބަޔަކު ކެންޓީނުގެ މޭޒުތަކުގައި ކާއެއްޗިއްސަށް އިންސާފުކުރަމުން ގެންދެއެވެ. ހައިރާންވީ ކަމަކީ މިތަނުގައި ހެދިކާއެއްގެ ގޮތުގައި މީހުން ގިނައިން ބޭނުންކުރަމުން ގެންދަނީ އާއްމުކޮށް ހޮޓާހޮޓަލުގައި ނުހުންނަ އެއްޗިއްސެވެ. އުޅާއްޔާއި ރުއްބުޑާއި ފޮނިކޮށްހަދާފައިހުންނަ ތަރަފަނަކަހަލަ  އަމިއްލަ އުފެއްދުންތަކެވެ. މިދެންނެވީ އެހެންއެއްޗެތިވެސް ނުހުންނަ ވާހަކައެއް ނޫނެވެ.

އަހަރެންގެ ރަހްމަތްތެރިޔާ އިނީ ވަށައިގެން ހިނގާ ކަންތަކަށް ބަލަހައްޓައިގެން އަހަރެން ފަދައިން ކުޑަކޮށް ހައިރާންވެފައެއް. އަހާލީމެވެ. ” އާދަނު ތި އިންނަނީ ކިހިނެއްވެފާ ހެއްޔެވެ؟”

އާދަނު ދެފަރާތަކަށް ބޯހަލުވާލާފައި ބުންޏެވެ. ” އަސްލު އަހަރެން ވިސްނަމުން މިގެންދަނީ މި ހޮނިހިރުބާޒާރު ގެ ސަބަބުން އަތޮޅަށާ ރައްޔިތުންނަށް އަންނަމުންދާ ހެޔޮ ބަދަލާމެދު. ” އޭނާ ފުންނޭވާއެއްލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. ” ހަނދާނަށް އަންނަނީ އަހަރެމެން ކުޑައިރު ކިޔައި އުޅުނު ބޮޑު މާލޫދުގެ މަތިން. އޭރު މިކަންވެސް ކުރަނީ ހަމަ މިކަހަލަ ގޮތަކަށް . ތަފާތަކީ މި ތަނުގައި މާލޫދު ނުކިޔާކަން އެކަނި. ބޮޑުމާލޫދު ކީ ދުވަސްވަރު އަތޮޅުގެ ރަށްރަށުގެ މެދުގައި އޮންނަ އެކުވެރިކަމާ އިޖްތިމާއީ ރޫހު މި ތަނުންވެސް ހަމައެގޮތަށް ފެނިގެން އެބަދާކަމުގައި ބުނެވިދާނެ. އަހަރެމެން ދެމީހުންވެސް ބައްދަލުނުވާތާ ކިތަންމެ ދުވަހެއްގެ ފަހުން އެއްތަން ކުރުވީވެސް މި ތަނުގެ ސަބަބަކުން ނޫންތަ؟ ” އަހަރެން އެއްބަސްވުމުގެ ގޮތުން ބޯޖަހާލީމެވެ.

އަނެއްކާވެސް ވާހަކަދައްކަންފެށި އާދަނެވެ. “އަދި ބުނަން! ގައުމުގެ މިއަދުގެ ހާލަތަށް ބަލާއިރު އިހު އޮތް އެކުވެރިކަމާ އެއްބަޑު އެއްބަފާކަން މިހާރު ފިލައި ހިނގައްޖެ. ފާޑެއްގެ ޑިމޮކްރަސީއޭ ކިޔާ އިޖްތިމާއީ ބަލިމަޑުކަމެއް އައިސް ރައްޔިތުން ހަޔާތް ކަނޑުވައި ގައުމުގެ އިޖްތިމާއީ ފޭރާން ވީދާލައި މިތުރުން ހަތުރުންނަށް ބަދަލު ކޮށްފި. މައިންބަފައިންނާ ދަރިންނާ ދެމެދު އޮންންޖެހޭ ގާތްކަމާ ކުލުނު މި ޑިމޮކްރަސީގެ ސަބަބުން ނުބައިން ނުބަޔަށް ބަދަލުވެގެން ހިނގައްޖެ. ދެން މިހެން ކިޔާނެކަމެއްނެތް. އަހަރެމެން މިއަދު މިވަނީ ދުވަހަކުވެސް ބައިބައިވުވާވަރަށް ބައިބައިވެ އެކަމުގެ ނިކަމެތިކަމުގައި. އެހެންވީމާ މިކަހަލަ ބާޒާރެއް އޮތުމަކީ އަނެއްކާވެސް އަހަރެމެންގެ ގެއްލިފައިވާ އަޚްވަންތަކަމާ އެއްބައެއްވަންތަކަން އަނބުރާ އިއާދަ ކުރެވިދާނެކަމެއްހެން ހީވާތީ އެކަމުގެ އުފާވެރި އިހްސާސް މިކުރެވެނީ.” އާދަނު ވާހަކަ ނިންމާލިއެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑަށް އަހަންނަށް ހޭލެވިއްޖެއެވެ. ހަގީގަތެއްނޫނެވެ. ރީތި ހުވަފެނެކެވެ. އެހެންނަމަވެސް މި ހުވަފެނަކީ ބިލާހެއް ނޫނެވެ. ހަގީގަތަކަށް ހަދަންޖެހިފައިވާ ހުވަފެނެކެވެ. ސުވާލަކީ މިކަމަށް އިސްނަގާނީ ކޮން ބައެއް ހެއްޔެވެ؟ އަތޮޅު ކައުންސިލް ހެއްޔެވެ؟ ނުވަތަ އޭދަފުށީ ކައުންސިލް ހެއްޔެވެ؟ ކޮންމެ ބަޔަކު ކުރިނަމަވެސް މި ކަމުގެ ފައިދާ އެތައް ގޮތަކުން އަތޮޅުގެ ރައްޔިތުންނަށް ކުރާނެއެވެ. ކައުންސިލަށްވެސް މެއެވެ. މާލީ ގޮތުންނާއި އެހެން ގިނަ ގޮތްތަކުންނެވެ.

ރައްޔިތުންގެ ފައިދާއަށާއި ރައްޔިތުންގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކުރުމަށް ހުވާކޮށްގެން ތިއްބެވި އިއްޒަތްތެރި ކައުންސިލަރުން މިކަމާ ވިސްނަވާނެނަމައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު