ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސި ކެމްޕޭނަށް މާދަމާ ބ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި އޭދަފުއްޓަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
އެމްޑީޕީ އިން މައުލޫމާތު ދެއްވި ގޮތުގައި މިދަތުރުގައި ރައީސް ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގޮއިދުއަށެވެ. ގޮއިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމާއި ގޮއިދޫ ސްކޭޓް ޕާކް ހުޅުއްވައިދެއްވައި އެރަށުގައި ގާއިމްކޮށްފައިވާ ވޮލީ ކޯޓު ހުޅުވައިދެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ ފެހެންދުއަށެވެ.
ފެހެންދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ފުޅަދުއަށް ވަޑައިގެން ފުޅަދޫ ބަނދަރު ހުޅުއްވައިދެއްވުމާއި ފުޅަދޫގައި ގާއިމް ކޮށްފައިވާ ފެނަކަ އާއިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާނެ އެވެ. އެއަށްފަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭދަފުއްޓަށެވެ.
އޭދަފުށީ ރައްޔިތުންނާއި ބަނދަރުމަތީގައި ބައްދަލުކުރެއްވުމަށް ފަހު ބ.އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތާއި ޑަޔަލިސް ޔުނިޓް އަދި އޯޕީޑީ އޭރިޔާ ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި އޭދަފުށިން ވަޑައިގަންނަވާނީ ހިތާދުއަށެވެ. ހިތާދޫން ތުޅާދުއަށެވެ
ތުޅާދޫގައި އެމްޑީޕީގެ ފަރާތުން މާދަމާރޭ ބާއްވާ ބޮޑު ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނީ އެމަނިކުފާނެވެ.
ރައީސް ސޯލިހުގެ އަމާޒަކީ ވޯޓުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމެވެ. މިހާތަނަށް ރައީސް ވަނީ އުތުރާއި ދެކުނާއި މެދު ރާއްޖެތެރެ ހިމެނޭހެން ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ.