އުނގޫފާރު ކޮވިޑް ކޭސް އާއި ގުޅިގެން އޭދަފުށީ ރައްޔިތުންނަށް ލިބުނީ ޝޮކެއް– ކައުންސިލްގެ ރައީސް 

DSCN5758-800x480-800x480.jpg

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން. އީވީ ފައިލްފޮޓޯ

ރ. އުނގޫފާރުން ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އޭދަފުށީ ރައްޔިތުންނަށް ޝޮކެއް ލިބިފައިވާ ކަމަށާ، މިދަނޑިވަޅުގައި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އޭދަފުށި ކައުންސިލްގެ ރައީސް އެދިވަޑައިގެންފިއެވެ. 

ރައީސް ތޮލާލް އަބްދުއްރަހްމާން މިހެން ވިދާޅުވީ އުނގޫފާރު ކޭސްއާއި ގުޅިގެން އޭދަފުށީގެ ގިނަ ބަޔަކު ރޭ ހޯމް ކަރަންޓީން ކޮށްފައިވާތީ، އެކަމާމެދު އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އުނގޫފާރު ކޭސްއާއި ގުޅިގެން އޭދަފުށިން ހޯމް ކަރަންޓީން ކުރި މީހުންގެ އަދަދު ބ. އަތޮޅު ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ. ތޮލާލް ވިދާޅުވީ ފަންސާހަށްވުރެ ގިނަ މީހުން ކަރަންޓީން ވާންޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި، އެންމެބޮޑު ކަންބޮޑުވުމަކީ ދަތުރުކުރި ބައެއްމީހުން ހޮސްޕިޓަލަށް ނުވަތަ ކައުންސިލަށް މައުލޫމާތު ނުދިނުން ނުވަތަ އޮޅުވާލަމުންދާތީ ކަމަށެވެ. 

“ސީދާ އަދަދު އަޅުގަނޑުމެންނަށް އަދި ސާފެއްނޫން. ހޮސްޕިޓަލުން އެކަން ބަލަމުން އެގެންދަވަނީ. މައްސަލައަކީ ބައެއްމީހުން މައުލޫމާތު ނުދިނުމާއި، އޮޅުވާލުން. މިކަމުގެ ގެއްލުން މުޅި މުޖްތަމައަށްވެސް އެބައޮތް. އެހެންވީމާ، ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ނުވަތަ ކައުންސިލަށް ރިޕޯޓްކޮށް އެޗްޕީއޭގެ ގަވާއިދު ތެރެއަށް ވެންނެވުމަށް އަޅުގަނޑު އެދެން” ތޮލާލް ވިދާޅުވިއެވެ. 

ތޮލާލް ވިދާޅުވީ މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލައި ގިނަބައެއްގެ ކޮވިޑް ޓެސްޓް ހެދުމަށް މިއަދު އަތޮޅު ހޮސްޕިޓަލުން ސާމްޕަލް ނަގަމުން އެބަގެންދަވައެވެ. މިކަމުގެ ސާފު މައުލޫމާތު ހޮސްޕިޓަލުން ހޯދަން މިއަދު ކުރި މަސައްކަތް ކާމިޔާބު ނުވިއެވެ. ފޯނަށް ޖަވާބު ނުދެއްވާތީއެވެ. ތޮލާލް ވިދާޅުވީ ފަހުގެ މައުލޫމާތުތައް ހޮސްޕިޓަލުން ކައުންސިލާވެސް އަދި ހިއްސާ ނުކުރާ ކަމަށާ، އެކަމަކުވެސް އެކަން ގާތުން ބަލާނެ ކަމަށެވެ. 

އީވީއަށް އެނގިފައިވާ ގޮތުގައި މާޗް 2ން ފެށިގެން އިއްޔެއާ ހަމައަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި އުނގޫފާރަށް އޭދަފުށިން ޔޫސުފް ސްޕީޑް ލާންޗްގައި 4 ދަތުރެއް ކުރިއެވެ. ޔޫސުފް ސްޕީޑުން ބުނީ އެލޯންޗްގައި ފަސްދޮޅަހަކަށް މީހުން އުނގޫފާރަށް މިމުއްދަތުގައި ދަތުރު ކުރިކަމަށެވެ. 

އުނގޫފާރު ކޭސްއާއި ގުޅިގެން އޭދަފުށި ހާސްކޮށްލާފައިވާއިރު، ކުޑަހުވަދޫ ކޭސް އާއި ގުޅިގެން މިދިޔަ ހަފްތާގައި އޭދަފުށީގެ 9 މީހަކު ވަނީ ހޯމް ކަރަންޓީން ކޮށްފައެވެ.

ކޮވިޑާއި ގުޅިގެން އޭދަފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް މިހާތަނަށް ފާހަގަވެފައި ނެތަސް މިދިޔަ އެއް އަހަރުތެރޭގައި ރަށުން ބޭރުން އޭދަފުއްޓަށް އައިސް ކަރަންޓީން ވި މީހުންގެ ތެރެއިން 30 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައިވެއެވެ. 

ކޮވިޑާއި ގުޅިގެން މާލެއާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުން އާންމުކޮށް ހުއްޓިފައިވާތީ، މިދިޔަ އަހަރެއްހާދުވަސް ތެރޭގައި އޭދަފުށީގެ ގިނަ ބަޔަކު ބޭސްފަރުވާއަށް ދަތުރު ކުރަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށާއި، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top