ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭން ދަ ޑިމޮކްރެޓްސް އިން ވެސް ވައުދު ވެއްޖެ

ތުޅާދޫ.jpg

ތުޅާދޫ

ބ. ތުޅާދޫގައި އެއާޕޯޓެއް އަޅައިދިނުމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދު ވައުދުވެވަޑައިގެންފި އެވެ.

އަމްރު މިކަމަށް ވައުދުވެވަޑައިގަތީ ކެމްޕޭން ދަތުރެއްގައި އިއްޔެ ތުޅާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

އަމްރު، މިހެން ވިދާޅުވެފައިވާއިރު ތުޅާދޫގައި އެއާޕޯޓެއް އަޅައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެސް ރިޔާސީ ވައުދެކެވެ. މިމަޝްރޫއުގެ އަމަލީ މަސައްކަތް އަދި ނުފަށައެވެ. އެކަމަކު ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް މިމަހުގެ 7 ވަނަދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ 4 ވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފައެވެ. އޭގެ އިތުރުން އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

އަމްރު ވިދާޅުވީ 3،000 މީހުންގެ އާބާދީއެއް އޮތް ތުޅާދުއާއި އެންމެ ގާތުގައި އެއާޕޯޓެއް އޮތީ ބ. ދަރަވަންދޫގައި ކަމަށްވެފައި އެ ދަތުރު ދިގުވުމާއި ދަތުރުގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ތުޅާދޫ އިން ފުރައިގެން މިހާރު ދަރަވަންދޫއަށް ދާން ޖެހިއްޖެނަމަ ލޯންޗެއް ނަގަން 3،000 ރުފިޔާ ނަގާ ކަމަށާއި މޫސުން ގޯސްވެއްޖެނަމަ ބައެއް ފަހަރު 5،000 ރުފިޔާ އަށް ވެސް އަގު ބޮޑުވާ ކަމަށެވެ. ކުޑަ ޑިންގީއެއްގައި ދަތުރުކުރި ނަމަވެސް 1،500 ރުފިޔާގެ އަގެއް ނަގާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ތުޅާދޫ ރައްޔިތުންނަށް އެއާޕޯޓެއް ވަރަށް މުހިއްމު ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

”އިރާދަކުރެއްވިއްޔާ އަަޅުގަނޑުމެންގެ ސަރުކާރެއްގައި ތުޅާދޫގައި އެންމެ ފުރަތަމަ ކަމަކީ އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށުން،“ އަމްރު ވިދާޅުވި އެވެ.

ތުޅާދުއަކީ އެމްޑީޕީއަށް ވަރަށް ބޮޑު ތާއީދެއް އަބަދުވެސް އޮންނަ ރަށެކެވެ. ޚާއްސަކޮށް ރައީސް މުހައްމަދު ނަޝީދަށެވެ. މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް އަގުލަބިއްޔަތު ލިބުނު މަދު ރަށްތަކުގެ ތެރޭގައިވެސް ތުޅާދޫ ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top