ބަޖެޓް 2020: 20 މިލިޔަނުން އޭދަފުށީގައި ބަނދަރެއް ނޭޅޭނެ– ކައުންސިލްގެ ކުރީގެ ރައީސް އަލީ ވަހީދު

1233997_520077561400597_1906553759_n.jpg

އޭދަފުށީގެ ކުރީގެ ކައުންސިލްގެ ރައީސް އަލީވަހީދު. 2020 ބަޖެޓްގައި އޭދަފުއްޓަށް ހިމަނާފައިވާ ޕްރޮޖެކްޓްތަކަށް ފާޑުވިދާޅުވި / ފޮޓޯ: އޭދަފުށީ ވޮއިސް

2020 ބަޖެޓްގައި އޭދަފުށީގައި އާ ބަނދަރެއް ހަދަން 20 މިލިޔަން ރުފިޔާ ހިމަނާފައި އޮތަސް އެއީ އޭދަފުށީ ރައްޔިތުންނަށް ސަރުކާރުން ދައްކާ ހުވަފެނެއްކަމަށް އޭދަފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ ވަހީދު (އަލިފުޅު) ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ 2020 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގައި އޭދަފުއްޓަށް ހިމަނާފައިވާ މަޝްރޫއުތަކާމެދު ހިޔާލު ހޯދާލުމަށް އީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 2011 ވަނަ އަހަރު ޑީއާރުޕީން އޭދަފުށީ ކައުންސިލަށް ހޮވިވަޑައިގަތް، އަދި 2014ވަނަ އަހަރު ޕީޕީއެމަށް ސޮއިކުރައްވައި ކައުންސިލްގެ ދެވަނަ ދައުރު ކާމިޔާބުކުރެއްވި އަލީ ވަހީދު ވިދާޅުވީ ބަޖެޓްގައި ވިހި މިލިޔަން ހިމަނައިގެން އެންމެ ކުޑަމިނުން ބަނދަރުގެ ބިންގާވެސް ނޭޅޭނެކަމަށާ، އެއީ ކައުންސިލް އިންތިހާބަށް ދައްކާ ދަޅައެއްކަމަށެވެ.

“ތިޔައީ ހަމަ ހީވާ ގޮތް. ވިހި މިލިޔަނުން ބަނދަރެއް ކީއްކުރަން.! ބަނދަރުގެ ބިންގާވެސް ނޭޅޭނެ. ފަސްދޮޅަސް ހަތްދިހަ މިލިޔަނުން ހެދޭ ބަނދަރެއް ވިހި މިލިޔަނުން ހެދޭނެ ގޮތެއް ބުނެބަލަ.! ތިޔައީ ހަމަ ރައްޔިތުންނަށް ދައްކާ ހުވަފެން. ކައުންސިލް އިންތިހާބާ ދިމާކޮށް ދައްކާ ދަޅައެއް ތިޔައީ” 2015 ވަނައަހަރު އަމިއްލަ ސަބަބަކާހުރެ އޭދަފުށީ ކައުންސިލުން އިސްތިއުފާދެއްވި އަލީވަހީދު ވިދާޅުވިއެވެ.

2020 ބަޖެޓްގައި އޭދަފުށީގެ މަގުތައް ތާރުއަޅައިގެން ހެދުމުގެ މަސައްކަތަށްވެސް ސަރުކާރުން ވަނީ 18 މިލިޔަން ރުފިޔާ ހިމަނައިފައެވެ. އަލީ ވަހީދު ވިދާޅުވީ މަގުހެދުމުގެ މަސައްކަތްވެސް ކުރަމުންދަނީ އިސްރާފު ބޮޑުކޮށްކަމަށާ، އަދި އެއީ ބަޔަކަށް ލާރިގަނޑެއްދޭން ސަރުކާރުން ކުރާ ކަމެއްކަމަށް ދެކޭކަމަށެވެ.

“ދެން މަގުތަކުގަވެސް ކީއްކުރަން ވަޅުލާ ހޮޅިއެއް؟ ފެންހިންދާށޭ ކިޔާފަ އެއީ ހަމަ ބޮޑު އިސްރާފެއް. ހަތަރުފޫޓް ހަތަރުފޫޓް ވަޅުބުރި ތަކަކަށް ކޮން ފެނެއްތަ ހިނދޭނީ.؟ އެއަށްވުރެ މާރަނގަޅުވާނެ ޕޭމަންޓް ފެން ހިންދާ ތަކުގެ ފެންހޮޅީގެ ކޮޅަށް ޕަންޕް ސްޓޭޝަންތަކެއް ހަދައިގެން ފެން ބޭރުކުރިއްޔާ. އަހަރެން ބުނާނީ ސަރުކާރުން ހަމަ ބަޔަކަށް ލާރިގަނޑެއް ދޭން ކުރާކަމެކޭ އެއީ. އެނޫން ދެން ކޮންކަމެއް.؟”އަލީވަހީދު ވިދާޅުވިއެވެ.

2020 ވަނައަހަރަށް ލަފާކޮށް ފިނޭންސުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާާފައިވާ ދައުލަތުގެ ބަޖެޓްގެ ޕީއެސްއައިޕީގެ ދަށުން އޭދަފުުށީގައި 43 މިލިޔަން ރުފިޔާގެ މަޝްރޫއުތައް އަންނަ އަހަރު ކުރިޔަށްދާނެކަމަށް ބަޖެޓު ފޮތުގައި ލިޔެފައިވެ އެވެ. އޭގެތެރޭގައި އާ ބަނދަރަކާއި، މަގުތައް ހެދުން އަދި ޗިލްރަންސް ހޯމެއް ގާއިމް ކުރުން ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top