ދިގަލި ބާގިރު ނިޔާވެއްޖެ!

ބާގިރު-22.jpg

ކުރީގެ އިސްލާމިކް މިނިސްޓްރު ޑރ. ޒިޔާ ބާގިރުގެ ބައްޕަ، ބ.އޭދަފުށީ ހަލަވެލި، އަބްދުލްބާގިރު އަހުމަދު، (ދިގަލި ބާގިރު) ނިޔާވެއްޖެ އެވެ. ބާގިރު ނިޔާވި އިރު އުމުރަކީ 72 އަހަރެވެ.

ބާގިރު ނިޔާވީ ގިނަ ދުވަސް ތަކެއްވަންދެން ބަލިވެ އުޅުއްވުމަށްފަހު މިއަދު މެންދުރު ފަހު އައިޖީއެމް ހޮސްޕިޓަލުގަ އެވެ. 2019ވަނަ އަހަރުން ފެށިގެން ބާގިރު ގެންދެވީ ރާއްޖެއާއި ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ކުރައްވަމުންނެވެ.

ބާގިރަކީ އުމުރުން 17 އަހަރުގައި 1966 ވަނަ އަހަރުން ފެށިގެން ޝަރަފުވެރިކަމާއެކު ވަޒީފާއިން ރިޓަޔާ ކުރައްވަންދެން ސަރުކާރަށް ޚިދުމަތް ކުރެއްވުމުގެ ރެކޯޑް އޮތް ބޭފުޅެކެވެ. ޚިދުމަތް ކޮށްދެއްވުމުގައި އުމުރުގެ ގިނަ ދުވަސް ހޭދަކުރައްވާފައިވަނީ ބ.އަތޮޅު އަތޮޅު އޮފީހުގަ އެވެ.

ބާގިރު، ވަޒީފާ އަދާކުރައްވަން ފެއްޓެވީ ބ.އަތޮޅު އަތޮޅު ކޮމިޓީގެ އޮފީހުގަ އެވެ. އެއީ ސަރުކާރު ވަޒީފާއަކަށް ނުވާތީ އަލްމަރުހޫމް އިސްމާއީލް ކަލޭފާނުގެ އަތޮޅުވެރިކަމުގައި 1972ގައި ސަރުކާރު ވަޒީފާއަކަށް ބަދަލު ކުރެއްވުމުގެ ގޮތުން ބ.އަތޮޅު އޮފީހުގެ ރޭޑިއޯ ޓެލެފޯން އޮޕްރޭޓަރުކަމުގެ ވަޒީފާ ދެއްވި އެވެ. އޭގެ ފަހުން އަތޮޅު އޮފީހުގެ އެކި މަގާމުތަކަށް ބަދަލުވަމުން އައިސް އަތޮޅުވެރިޔާގެ އިސް އެހީތެރިކަމާއި އއ.އަތޮޅުގެ އަތޮޅުވެރިކަމުގެ މަގާމު އާދަަކުރެއްވިއެވެ. މަގާމުން ރިޓަޔާކުރެއްވި އިރު ހުންނެވީ އެޓޮލްސް މިނިސްޓްރީގެ ރާއްޖެތެރޭގެ ވަކީލެއްގެ މަގާމުގައެވެ.

އޭނާގެ ފާހގަކުރެވޭ ޚިދުމަތް ތަކުގެ ތެރޭގައި 1978 ގައި ރާއްޖެ އަށް ކުރިމަތިވި ކޮލެރާ ރޯގާގައި އޭދަފުށިން އެތައް ބަޔަކު މަރުވެގެން ދިޔަ ހާދިސާ ހިނގިއިރު އޭނާ ހުންނެވީ ކޮލެރާ ކޮންޓްރޯލް ކުރާ ޓީމްގެ ބައިވެރިއެއްގެ ގޮތުގައެވެ. މީގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތުގެ މައުރަޒުގައި ބ.އަތޮޅު އެތައް އަހަރެއް ވަންދެން އެއްވަނަ މަގާމު ދިފާއު ކުރަމުން އައިއިރު މިކަމުގައި ވެސް ބާގިރުވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މައުރަޒަށް ތަކެތި ތައްޔާރު ކުރެއްވުމުގައި މުޅި އަތޮޅުތެރެއަށް ދަތުރުކުރައްވައި ފަންނީ މީހުންނަށް ހިތްވަރާއި އެހީތެރިކަން ފޯރު ކޮށްދެއްވުމުގައި ބާގިރު ވަނީ ވަރަށްބުރަކޮށް މަސައްކަތް ކުރައްވާފައެވެ.

ބާގިރު ނިޔާވި އިރު އަނބިކަނބަލުންގެ އިތުރުން 5 ފިރިހެން ދަރިން ދުނިޔޭގައި އެބަތިއްބެވި އެވެ.

ބާގިރުގެ ވަކިވެދިއުމަކީ ޚާއްސަކޮށް އޭދަފުއްޓަށް ލިބުނު ފުންހިތާމައެކެވެ. ގައުމުން ގެއްލިގެން އެދިޔައީ އަގުހުރި ދިވެހި ދަރިއެކެވެ.

އޭދަފުށީ ވޮއިސްގެ ފަރާތުން ބާގިރު ވަކިވެ ދިއުމުގެ ފުން ހިތާމައިގާ އާއިލަ އާއެކު ބައިވެރިވަމު އެވެ. މަރުހޫމްގެ ފުރާނަ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު