މާޅޮހުގެ ބަނދަރު ހަދަން ބޭނުންވާ ބައެއް ސާމާނު އެރަށަށް ގެންގޮސްފި

ކޖކޖކ.jpg

މާޅޮހު ބަނދަރު މިހާރު އޮތް ހާލަތު

ބ. މާޅޮހުގެ ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފެށުމަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް ގެންގޮސްފިކަމަށް މާޅޮހު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

މާޅޮހު ކައުންސިލުގެ ރައީސް، އަބްދުﷲ ޝުޖާއު ވިދާޅުވީ ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

”ތަކެތި މޮބަލައިޒް ކުރަމުން މިހާރު އެއަންނަނީ. ދެން ދާނީ ކުރިއަށް. ވަރަށް އުފާވެއްޖެ.“ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ބޮޑަށް ހަލާކުވެފައިވާ މާޅޮހު ބަނދަރުގެ ހާލަތު ބަޔާން ކޮށްދެއްވަމުން ޝުޖާއު ވިދާޅުވީ، ބަނދަރުގެ މައްސަލައަކީ މިހާރު އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް މައްސަލަ ކަމަށެވެ. ހަމައެހެންމެ ބަނދަރު ހަލާކުވުމުގެ ސަބަބުން ލަފާފުރާ އުޅަނދު ފަހަރުން މީހުން ފޭބުމާއި މުދާ ބޭލުމަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށް ޝުޖާއު ވިދާޅުވިއެވެ.

މާޅޮހުގެ ބަނދަރު މަރާމާތު ކުރުމަކީ މި ދައުރު ނިމުމުގެ ކުރިން ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާޅޮހުގެ ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރީ މި އަހަރުގެ މާރިޗް މަހުގެތެރޭގައެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެމްޓީސީސން އެދުވަހު ބުނެފައިވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހިނގާ އޮގަސްޓް މަހުގެތެރޭގައި ފަށާނެ ކަމަށެވެ.

”އާންމު އުސޫލެއްގެ ގޮތުން އީއައިއޭގެ މަސައްކަތް ނިމޭތާ ދެ ހަފުތާއެއް ތެރޭ އަޅުގަނޑުމެން އަމަލީ މަަސައްކަތް ފަށަން. އެހެން ނަމަވެސް މި ޕްރޮޖެކްޓު މިތަން އޮތް ހާލަތު ފެނިފަ މާ އަވަސްކުރަން ޖެހޭ ކަންނޭނގެ މި މަސައްކަތް ކުރުމުގަ. އިރާދަކުރެއްވިއްޔާ ބަނދަރުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭ ނިންމަން އަޅުގަނޑުމެން ޓާގެޓް ކުރާނަން،“ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

މި ދެ މަޝްރޫއުގެ ޖުމުލަ އަގަކީ 75 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top