އޭދަފުށީގައި 50 އަންހެނުން މިދައުރުގައި މެޓާނިޓީ ލީވް ނަގާފައިވޭ: ރައީސް އޮފީސް

DSCN2788.jpg

އޭދަފުށި---އިވީ ފޮޓޯ

އޭދަފުށީގައި އެކަނި މި ދައުރުގެ ތެރޭގައި މުސާރަ އާއެކު މެޓާނިޓީ ލީވް ނުވަތަ އަންހެނުން ވިހައިގެން ދޭ ހަމަސްދުވަހުގެ ޗުއްޓީ، ޖުމަލް 50 އަންހެނުން ނަގާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.

އަންހެނުން ވިހެއުމަށްފަހު ހަ މަސްދުވަހުގެ ޗުއްޓީ އެއް އެކަނބަލުންނަށް ދޭން ނިންމީ މި ސަރުކާރުންނެވެ.

މީގެ އިތުރުންވެސް އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މިސަރުކާރުން ވަނީ ވިޔަފާރި ފަށަން ބޭނުންވާ 1000 އަށް ވުރެ ގިނަ އަންހެނުންނަށް ބީސީސީން ކޮންސަލްޓެންސީ ދީ، 4407 އަންހެނުންނަށް އެކިއެކި ޓްރެއިނިންތައް ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ގޮފިން އިންތިޒާމުކޮށްގެން އިއްޔެ ހަވީރު މާލޭގައި ބޭއްވި “އުފާވެރި އަންހެނުން” އިވެންޓުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ މި ސަރުކާރުން އަންހެނުންގެ ތަރައްގީ އާއި ކުރިއެރުމަށް ކޮށްދެއްވާފައި ވާ ކަންތައްތަކުގެ ވާހަކަ ވަރަށް ތަފްސީލު ކޮށް ދައްކަވާފަ އެވެ.

ރޮޒައިނާ ވިދާޅުވީ ފުރަތަމަ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ހަމަޖައްސައިދެއްވީ ރައީސް އިބޫ ކަމަށާއި ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު އައްޔަން ކޮށްދެއްވީ ރައީސް އިބޫކަމުގައެވެ.

”ކައުންސިލްތަކުގެ 33 ޕަސެންޓު ހަމަޖައްސައިދެއްވާ މިއަދު ކައުންސިލްތަކުގެ 39 ޕަސެންޓަކީ އަންހެނުން. އޭގެ ކުރިން ތިބީ 5 ޕަސެންޓު. ޑިޕްލޮމެޓިކް މިޝަންތަކުގެ 50 ޕަސެންޓު މީހުންނަކީ އަންހެނުން. ޓީޗަރުންނާއި ނަރުހުންގެ ތެރޭގައި ގިނައީ އަންހެނުން. އެ މީހުންގެ މުސާރަ ބޮޑުނުކުރެވޭނެ ކަމަށް ކުރިން ބުނަމުން އައި ނަމަވެސް މިއަދު އެކަން ވެސް ރައީސް އިބޫ ކޮށް ދައްކަވައިފި.“ ރޮޒައިނާ ވިދާޅުވި އެވެ.

ރަށްރަށުގެ އަންހެނުންގެ ކޮމެޓީ ތަކަކީ ކުރިން ހަމައެކަނި ނަމެއްގެ ގޮތުގައި އޮތްއޮތުން ބަދަލު ކޮށްދެއްވައި އެކޮމެޓީތަކުގެ މެންބަރުންގެ މުސާރަ ޑަބަލް ކޮށްދެއްވައި އެކޮމެޓީތައް ހިންގުމަށް ފައިސާ އާއި ބާރު ވެސް ދީފައެވެ. އޭގެ ސަބަބުން ރަށްރަށުގެ އަންހެނުންނަށް މާލީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަނގަޅު ބަދަލު ތަކެއް އަންނަމުން ދާކަން ރައްޔިތުން ފާހަގަ ކުރެ އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އަންހެނުންނާ މެދު ކަމޭ ހިތައި އޯގާތެރިކަން އިސްކޮށް، އަންހެނުން ބާރުވެރިކުރުވައި، މުޖްތަމައުގައި ހައްގު މަގާމަށް އަންހެނުން ގެންގޮސް ދިނުމަކީ، އެންމެންގެ ވާޖިބެކެވެ. އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމައު ބާރުވެރިވެގެންދާނެ ކަމެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top