މާދަމާ ހަވީރު ކުޅޭ އޭދަފުށިކަޕް ފައިނަލް މެޗުގެ ޓިކެޓް ވިކި ހުސްވެފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް އަލީ ޝަފީގު ވިދާޅުވި ގޮތުގައި ފައިނަލް މެޗަށް ސިޑިބަރިން ވިއްކަން ހަމަޖެހިފައިވާ 908 ޓިކެޓް ވިއްކަން ފެށިތާ ދެ ގަޑިއިރު ތެރޭގައިވަނީ ޓިކެޓް ވިކި ހުސްވެފަ އެވެ.
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައި ރޮސްޓްރަމް އާއިއެކު ސިޑިބަރި ތަރައްގީކުރީ ސިޑިބަރީގައި 1000 އެއްހާ މީހުންގެ ޖާގަ އެވެ. ނަމަވެސް، ވީއައިޕީ އަށާއި ދައުވަތުދޭ ފަރާތަތްތަކަށް ޓިކެޓް ބްލޮކް ކުރުމުގެ ސަބަބުން އަދަދު މަދުވީ އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތަކަށް 10 ރުފިޔާއަށް ޓިކެޓް ވިއްކިއިރު، ސެމީ ފައިނަލް މެޗުތަކަށް ޓިކެޓް ވިއްކީ 25 ރުފިޔާއަށެވެ. އަދި ފައިނަލް މެޗުގެ ޓިކެޓް ވިއްކީ 30 ރުފިޔާ އަށެވެ.
އޭދަފުށީ ކައުންސިލުން ޓިކެޓް ވިއްކައިގެން މެޗުތައް ކުޅެވޭގޮތަށް ހަމަޖެއްސީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން މާލީގޮތުން ކުރަންޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމަށެވެ.
ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ކޮންމެ ޓީމަކަށް ވިއްކާ ޓިކެޓްގެ 50 އިންސައްތަ ލިބޭނީ އެ ޓީމަކަށެވެ. ބާކީ ފައިސާ ލިބޭނީ ކައުންސިލަށެވެ. އެކަމަކު އެހެން ފަރާތަކުން އިންތިޒާމުކުރާ މުބާރާތްތަކުގެ ބާކީ ފައިސާގެ ތެރެއިން ކައުންސިލަށް ލިބޭނީ 25 އިންސައްތަ އެވެ. އަނެއް 25 އިންސައްތަ ލިބޭނީ އެ މުބާރާތް އިންތިޒާމުނކުރާ ފަރާތަށެވެ.
މާދަމާކުޅޭ އޭދަފުށި ކަޕް ފައިނަލް މެޗުގައި އިރުމަތީ އެފްސީ އާއި ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް އެވެ. ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 3:45 ގަ އެވެ.





