މިދިޔަ މަހުގެ އަށްވަނަ ދުވަހު ހިނގި އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ފައްޔާޒް ނިޔާވީ މިއަދުއެވެ. އޭނާ ނިޔާވީ މިއުނިކްގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
އާއިލާގެ ބައެއް މީހުން ބުނާ ގޮތުގައި ފައްޔާޒު ޒަހަމްވީ އޭނާ މަސައްކަތްކުރާ ކެމިކަލް ގުދަނެއްގައި އެއްޗެއް ގޮވައިގެންނެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން ޖަރުމަނު މީހަކާ އިނދެގެން ފުރަތަމަ ދިރިއުޅުނީ ރާއްޖޭގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ޖަރުމަނަށް ދިރިއުޅުން ބަދަލުކުރީ އަންހެނުންގެ ބައްޕަ ބަލިވެގެންނެވެ.
ފައްޔާޒުގެ ގާތް އެކުވެރިއަކު “މިހާރު” އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގީ ތާނގީއެއް ކަފަން އުޅުމުގެ ތެރޭގައި ބުރައިގެން ދިޔަ އަލިފާންކަނިތަކެއް އެ ތަނުގައި ހުރި ކެމިކަލް ފީފާއެއްގައި ޖެހި، އަލިފާން ރޯވެގެން ކަމަށެވެ. އެ ހާދިސާގައި ފައްޔާޒުގެ ގައިގައި އަލިފާން ހިފީ ކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ.
ހާދިސާ ހިނގިއިރު އެ ތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ބުންޏެެވެ.
އެ ހާދިސާގައި ފައްޔާޒުގެ އަތާއި ފަޔާއި މޫނު އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. ހާލު ސީރިއަސް ވެގެން ފުރަތަމަ ވެންޓިލޭޓަރުގައި ފަރުވާދެމުން އަޔަސް ފަހުން ހާލު ވަރަށް ބޮޑަށް ރަނގަޅުވެ، ވެންޓިލޭޓަރުން ނެގި ކަމަށް ދާއޫދުގެ އެކުވެރިޔާ ބުންޏެވެ.
އެކަމަކު ފަހުން ފައްޔާޒު އަލުން ވެންޓިލޭޓަރަށްލީ ތަދަށް ކެތްނުކުރެވިގެން ކަމަށާއި އޭނާ ނިޔާވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރެއްހާއިރު ކަމަށް ބުންޏެވެ.






