ހެނދުނު ނިދާ ހޭލުމަށް ފަހު ކޮފީއަކުން ދުވަސް ފެށުމަކީ ގިނަ މީހުންގެ އާދައެކެވެ. މަސައްކަތު ގަޑީގައާއި މެންދުރު ކެއުމަށްފަހު ނުވަތަ ދުވާލާއި ރޭގަނޑުގެ ވަގުތު ތަކުގައިވެސް ނޫންނަމަ ފޫހިކަން އިހުސާސްވާ ކޮންމެ ފަހަރަކުވެސް ކޮފީއެއް ޖަހާލުމަކީ އާދައެކެވެ. ބައެއް ފަހަރު އެކަންޏެވެ. އަނެއް ބައި ފަހަރު ރައްޓެއްސަކާ އެކުއެވެ. ހަމައެގޮތަށް ރޭގަޑު ގޭގައި ޓީވީ ބެލުން ކަހަލަ ކަމެއް ގައި އިންނަ އިރުވެސް ކޮފީތައްޓަކުން ހިތް ހަމަޖައްސާލުމަކި ގިނަ މީހުންގެ އާދައެކެވެ. މިހާރުގެ ލައިފްސްޓައިލަށް ބަލާއިރު ކޮފީއަކީ އެއާނުލާ ދިރިއުޅުން އުނގަދޫ އެއްޗަކަށް ވަނީ ވެފައެވެ.
ދުނިޔޭގެ އެތައް މިލިއަން މީހުންގެ ދިރިއުޅުން ކޮފީއާ ގުޅިފައިވާއިރު ކޮފީގެ ފައިދާއާއި ގެއްލުމާ ބެހޭ ގޮތުން އަދި އޭގެ މިންވަރާ ބެހޭ ގޮތުން ސިއްހީ ބޮޑެތި ފޯރަމްތަކުގައި ދަނީ ބަހުސް ކުރެވެމުންނެވެ. ވަކި އަދަދަކަށް ވުރެ ގިނައިން ބުއިން ސިއްހަތަށް ރަނގަޅު ނޫންކަމަށް ބުނާއިރު ކޮފީ ބުއިން ހުއްޓާލުމަށް ބާރު އަޅާފައި ހުންނަ ލިއުންތައް ވެސް ފެނެއެވެ.
ކޮފީ ބުއިމަށް ދެވި ހިފާ ފައިވާ މީހުންނަށް މި ފަހަރު އޮތީ އުފާވެރި ހަބަރެކެވެ. ފަހުގެ ދިރާސާ ތަކުން ބުނަނީ މާބަނޑު އަންހެނުން ފިޔަވައި ކިތަންމެ ގިނައިން ކޮފީ ބުއި ކަމަށް ވިޔަސް އެއީ މައްސަލަ އެއް ނޫންކަމަށެވެ. އަދި މިވަރުން ނުނިމެއެވެ. އާއްމުކޮށް ކޮފީ ބޯނަމަ އުމުރު ދިގުވެ ރަނގަޅު ސިއްހަތުގައި ހުރުމަށް އެހީވެދެއެވެ. މި ދިރާސާ ، ޔޫރަޕްގެ ގައުމުތަކުން ފަސް ލައްކައަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހަދާފައިވާ އިރު ނަތީޖާ އިން ދައްކަނީ ކޮފީއަކީ ސިއްހަތަށް ގެއްލުން ލިބުމުގެ ބަދަލުގައި ފައިދާހުރި އެއްޗެއްގެ ގޮތުގައެވެ. ހަމައެއާއެކު ދުވާލަކު 3 ތަށިން ފެށިގެން 8 ތަށި ނުވަތަ އެއަށް ވުރެ ގިނައިން ކޮފީ ބޯ މީހުން، ލޭގެ ސަބަބުން ޖެހޭ ބަލި ތަކުން ރައްކާތެރި ކޮށްދެއެވެ. ހަޖަމުގެ މައްސަލަތަކާ ޑިޕްރެޝަން އިން ސަލާމަތް ކޮށްދެއެވެ. ލިވަރ އާއި ކެންސަރު އަދި ދިފާއީ ނިޒާމު ރަނގަޅުވެ އުމުރު ކުރުވުމުގެ ރިސްކު ކުޑަކޮށްދެއެވެ.
ކޮފީގައި އެއްވެސް ސައިޑް އިފެކްޓެއް ނުހުރެއެވެ. އާދައެއްގެ ގޮތުގައި ނުވަތަ ކޮފީއަށް ދެވި ހިފައިގެން ކިތަންމެ ގިނައިން ބުއިނަމަވެސް ކުރިން ހީކުރެވިފައިވާ ގޮތަށް އެކަމުން ސިއްހަތަށް ލިބޭނެ ގެއްލުމެއް ނެތެވެ. އެކަމަކު ހަނދާން ކުރާށެވެ. އެއި އެހެން އެއްޗަކާ ގަޑުބަޑު ނުކޮށް ހުންނަ ޚާލިސް ކަޅު ކޮފީއެވެ.
މަސްދަރު :ނިއުޓިލައިފް.ކޮމް