ކުރުވާހަކަ :އެންމެ ރީތި ކުއްޖާ

1.jpg

“މަތީނު. ބޮޑުދައިތަ މިއަދު އިންޑިއާ އިން އަތުވެއްޖެ. ބަލި ރަނގަޅުވެގެން ކަމަށް ބުނަނީ. މިރޭ ހިނގާބަލަ ބޮޑު ދައިތައަށް ގޮވާލަން ދާން. ފޯނު ކޮށްފަ ބުނެފިވެސްމެ އާދެބަލާށޭ.”

އާތިފާގެ މިވާހަކައަށް މަތީނަކަށް ނޫނެކޭ ނުބުނެވޭނެއެވެ. އޭނާ މިހާރު އެއިނީ އެދެމަފިރިންގެ އަލަތު ދަރިފުޅަށް ބަލިވެ އިނދެ ވިހަން ތައްޔާރުވެފައެވެ. ބަނޑަށް 8 މަސް ފުރެނީއެވެ. އެހެން ނޫނަސް އަނބިމީހާގެ މިހާ ކުޑަކުޑަ އެދުމަކަށް ދެކޮޅު ހެދޭނެހާ ހިތްވަރެއް އޭނާގެ ނުހުންނާނެއެވެ. އެއަށްވުރެ ބޮޑަށް އާތިފާދެކެ ލޯބިވެއެވެ.

އާތިފާ، މަތީނު އާ ކައިރިވެލިއެވެ. ފިރިމީހާގެ އަތުގައި ހިފައިގެން ހުރެ ޝަކުވާގެ ރާގަކަށް ބުނަން ފެށިއެވެ. “އެކަމަކު މިރޭ އަހަރެން ރޮއްވާނުލާތި. ”

އަންހެނުންގެ ދަތްދޮޅީގައި ހިފާ މަތީނު އުފުލާލިއެވެ. އޭނާ ވަރަށް ލޯބިން ބުނެލިއެވެ. “ލޯބި އަމިއްލަ އަށް ރޮނީއެއްނު. މަގުމަތިން ފެންނަ ކުދިންނަށް ހަމައެކަނި ބަލާލުމުގައި އޮތީ ކޮން ގޯހެއް؟”

މައްސަލައަކީ އެއީއެވެ. ދެމަފިރިން އެކުގައި ހިނގާލަން ދިއުމަކީ ކުރިން އާދައަކަށް ވިޔަސް މިހާރު އެހާ ގިނައިން އެގޮތަށް ބޭރަކަށް ނުދެއެވެ. ވާގޮތަކީ މަގުމަތިން ފެންނަ އަންހެން ކުދިންނަށް މަތީނު މާ ބޮޑަށް ބަލަނީއެވެ. ހަމައެކަނި ބަލަނީއެއްވެސް ނޫނެވެ. އެކުދިންގެ ސިފައާއި އަޅާފައި ހުންނަ ހެދުމަށް ފާޑުކިޔާ އެކަމުގެ ތެރެއަށް އާތިފާވެސް ވައްދަނީއެވެ. ވަރަށް ގިނައިން އޭނާ ބުނެއެވެ. “އަޅެ އާތިފާ ބުނެބަލަ. އެކުއްޖާ ލައިގެން އެހެރަ ހެދުމާ އޭނާއާ ގުޅޭތަ. އާތިފާ ހެދުން އަޅާގޮތަށް ގުޅުވައިގެން ހެދުން އަޅަން މި މީހުންނަށް ނޭނގެނީ ކީއްވެބާ ؟ ”

އެހެން ފަހަރަކު ބުނެފާނެއެވެ. “އެތިބަ އަންނަ ދެކުދިންގެ ތެރެއިން ދޮން ކުއްޖާއަށްވުރެ ކަޅު ކުއްޖާ މާރީތި. އެހެން ނޫންތަ އާތިފާ”. އޭނާ އާތިފާގެ ޚިޔާލުވެސް ހޯދައި އޭގެ ތެރެއަށް ވައްދައެވެ.

“ނޭނގެ މަށަކަށް. މަތީނު އަހަރެން ގޮވައިގެން ނުކުމެ އެހެން ކުދިންގެ ރީތި ހުތުރު އިންސާފު ކުރަން ތިޔައީ ދެން ކޮން ކަމެއް؟ ކީއްކުރަން އަހަރެން ގޮވައިގެން ތިޔައައީ.” އާތިފާ މޫނު ކުނިކޮށްލައެވެ.

“ލޯބި ރުޅި އައީތަ؟” އެހެން ބުނެ އޭނާ އާތިފާއާ ސަމާސާ ކޮށްލައެވެ.

މި މައްސަލަ ބޮޑުވެގެން އާތިފާ މިހާރު ހުރީ މަތީނު އާއެކު ބޭރަށް ނުދާން ނިންމައިގެންނެވެ. އެކަމަކު އޭނާއަކީ އެހާ ގޮތް ދޫނުކުރާ ކުއްޖެއްވެސް ނޫނެވެ. އެހެން ނޫނަސް މަތީނުގެ ހަމަ އެކަނި މައްސަލަ އަކީ އެއީއެވެ. އެހެން ހުރިހާ ކަމެއްގައިވެސް އޭނާއަކީ ބަރާބަރު ފިރިއެކެވެ. ވިހަން ކައިރިވާ ވަރަކަށް މަތީނުގެ ލޯބި އިތުރުވަމުން އަންނަކަން އާތިފާއަށް ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އެއާއެކު މަގުމަތިން ފެންނަ ކުދިންނަށް އެގޮތަށް ބަލާ އެކުދިންނަށް ފާޑުކިއުން ހުއްޓާލާފާނެކަމަށް އާތިފާ ހީކުރިއެވެ.

ހަނދުވަރު ރީތި، ތޫނު ރެއެކެވެ. އިރާކޮޅެވެ. ގަސްކަރައިގެ ބިތްދޮށުން ހަނދު ބޯދިއްކުރަމުން ދެއެވެ. އެހެންވެ މިއީ ހަނދުމަހެއްގެ 16ވިލޭރޭ ކަމަށް ލަފާކުރެވެއެވެ. ހަނދުވަރުގެ ރިހިއަލިން ގަސްތަކުގެ ދިގު ހިޔަނިތައް މަގުގެ ހުރަހަށް ކަޅު ރޮނގުތަކެއްހެން ފެންނަން ހުރިއިރު ހީވަނީ ދުވަހެއްގެ ހަވީރު ވާން އުޅޭހެންނެވެ. މަގުމަތި އަލިކުރަން ދުރުދުރުގައި ޖަހާފައި ހުރި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ފުޅިބައްތީގެ އަލި ހުންނަ ހޮޅިބުރިތަކުގެ ފަގީރު އަލިކަމަށް މަލާމާތް ކުރަމުން ހަނދުވަރުގެ އަލިކަން މުޅި ކާއިނާތަށް ފެތުރިފައި އޮތެވެ. ބޫން ބޫން ލައްވާފައި ދުއްވަމުން ދާ ވެހިކަލްތަކުގެ އަޑުތަކާއެކު މާހައުލު ވަނީ “ހަވީރު “ވެފައެވެ. ދުވަސްވީ މީހުންނާއި ޒުވާން ކުދިންތައް ޖޯޑުޖޯޑަށާއި ބައިބަޔަށް ހަނދުވަރުގެ އަލިން އުފާ ހޯދަމުން ދެއެވެ. ދޫނިސޫފާސޫފިވެސް ނިދާން ނުތިބެ އަޑުއަޑުލައްވަމުން އުދުހެނީއެވެ.

ހުޅަނގު ކޮޅުގައި ހުންނަ ބޮޑުދައިތަމެންގެ ގެއަށް ދިއުމަށް ނުކުތުމާއެކު މަތީނަށް މިކަހަލަ ތެތްފިނި ރެއެއްގެ އިހުސާސްތައް އާތިފާ ގާތަކު ކިޔައިނުދެއެއް ނުހުރެވުނެވެ. އޭނާގެ ލާނެތް ވާހަކަތައް އާތިފާ އަހަމުން ގެންދިޔައެވެ. އެކަމަކު ކުޑައިރުކޮޅަކުން ވާހަކަ ބަދަލުވެ މަތީނުގެ އަސްލު ބަލިގަނޑު ހިލިއްޖެއެވެ. އާތިފާގެ އުފާވެރި މޫޑު ބަދަލުވެ ހިމޭން ވެއްޖެއެވެ.

“ބަލާބަލަ އާތިފާ!” ހިނގާފައި އަންނަ ތިން އަންހެން ކުދިންނަށް މަތީނުގެ ސަމާލުކަން ދީފިކަން އެނގުނީ އެތަން އާތިފާ އަށް ދައްކަން އުޅުމުންނެވެ. “އަސްލު އެތިން ކުދިންވެސް އަހަންނަކަށް ރީއްޗެއް ނޫން. އެކަމަކު އެތަނުން އިސްކޮޅުން ދިގު ކުއްޖާ ފުދޭ ވަރެއްވޭ. އަނެއް ދެކުދިން އަންހެނެއްގެ ޝަރުތުތައްވެސް ފުރިހަމައެއް ނުވޭ.ނޫންތަ އާތިފާ.”

“އަހަރެން ހީކުރީ މަތީނު ތި ކުޅިވަރު ހުއްޓާލައިފިކަމަށް. ބުނީމެއްނު އަހަރެން މިރޭ ރޮއްވާނުލާށޭވެސް. އެކަމަކު… ” އާތިފާއަށް ރޮވެން އުޅުނެވެ.

“އަޅެ އަހަރެން އިން ހާލާމެދު ވިސްނާލަބަލަ. އެއްވެސް އަންހެންކަށް ފިރިމީހާގެ ތިޔަ ނުބައި އާދައަށް ކެތްކުރެވިދާނެތަ.”

އެވާހަކައަށް މަތީނު އަޅައެއް ނުލިއެވެ. އަންހެނުންގެ އަތުގައި ހިފާ ބާރުކޮށްލާފައި އާތިފާވަރެއް ނެތޭ ބުނެލާފައި އަނެއްކާވެސް ނަޒަރު ހުއްޓުނީ މަގުމައްޗަށެވެ.

“އާތިފާ! އެެހެރަ އަންނަނީ މިރަށު ކުއްޖެއް ނޫން. އޭނާގެ ހިނގުމުގައި ހުރި ބީރައްޓެހި ގޮތް ނިކަން ބަލާބަލަ ! ”

އާތިފާ އަޅައެއް ނުލިއެވެ. އެކަމަަކު މަތީނު އަނގައެއް ނުހުއްޓިއެވެ. “އެހެރީ ހަމަ ގައިމުވެސް އައްޑޫ ކުއްޖެއް. ކާނިވަލެއްހެން މުޅި ހަށިގަނޑު ރަނުން ދިއްލައި ބަރުކޮށްގެން އުޅޭނީ އައްޑޫ ކުދިން. އެކުއްޖާ ކިތަންމެ ވަރަކަށް މޭކަޕްކޮށްގެން ހުއްޓަސް ރީއްޗެއް ނޫން. އަހަންނަށް ރީތީ އާތިފާ ހުންނަހެން ލުއި ލުއި މޭކަޕް އެއް ކޮށްގެން ހުރީމާ.

އެންމެ ފަހުން އާތިފާއަކަށް ކެތެއް ނުވިއެވެ. “ބޭނުމެއް ނޫން. ބޮޑު ދައިތަމެންގެ ގެއަށް ދާކަށް. ހިނގާ ގެއަށް.” އާތިފާ އަމުރުވެރި ރާގަކަށް ބުންޏެވެ.

“ކީއްވެ؟ ބޮޑުދައިތަ ގެއާ މިހާ ކައިރިވެފާ ހުއްޓާ!” މަތީނު އެހިއެވެ.

“ނޫނެކޭ ބުނެފީމެންނު.” އާތިފާގެ އަޑުގައި ހުރި އަމުރުވެރި ގޮތް ފެނިފައި މަތީނު އިތުރަކަށް ވާހަކަ އެއް ނުދެއްކިއެވެ. އެނބުރި ގެއަށް ދިއުމަށް ހިގައިގަތީއެވެ.

ގެއަށް ދިޔަ މަގުމަތީންވެސް އަންހެން ކުއްޖަކު ފެނިއްޖެނަމަ އެކުއްޖަކަށް އޭނާގެ ސަމާލުކަން ދެއެވެ. އެކުއްޖާގެ ސިފައާ ގުޅުވައިގެން ކޮންމެވެސް އެއްޗެކޭ އާތިފާ ގާތު ބުނެއެވެ. ތަފާތުވީ އޭގެ ތެރެއަށް އާތިފާ ނުވެއްދުމެވެ.

ގެއަށް އައިއިރު އާތިފާއަށް ހުރީ ވަރަށް ބޮޑަށް ރޮވިފައެވެ. ކޮޓަރިއަށް ވަނުމާއެކު އެއްޗެތިވެސް ބަދަލު ނުކޮށް އެނދުމައްޗަށް ވެއްޓިގަތީއެވެ.

މަތީނު ލޯތްބާއެކު އާތިފާ ގާތު އޮށޯވެ މޫނު ފޮހެލައިދިނެވެ.

“ހިއެއް ނުވޭ މަތީނުއާއެކު އުޅެވިދާނެހެން.” އެއޮތްގޮތަށް މަތި ބަލަހައްޓައިގެން އޮވެ އާތިފާ ބުންޏެވެ.

“ކީއްވެ.؟”

“އަނބިމީހާ ގާތުގައި ހުރެމެ ފިރިމީހާ އެހެން އަންހެނުންގެ ދުނިޔޭގައި އުޅެން އެއްވެސް އަނތްބަކު ބޭނުމެއް ނުވާނެ.”

“ކީއްވެ ތިހެން ތިބުނީ. “މަތީނު ހައިރާން ކަމާއެކު އެހިއެވެ. “އެހެން އަންހެނަކާ ނުހަމަ ގުޅުމެއް ބޭއްވިންތަ. އޮފީސް ނިމިގެން ގެއަށް އަންނަ ގޮތަށް އާތިފާ އާއެކު މި އުޅެނީ. އެކުގައި ކަނީ. އެކުގައި ނިދަނީ. އެކުގައި ހޭލަނީ. ޝައްކު ކުރެވޭ އެއްވެސް ކަމެއް ފެނުނުތަ.” އޭނާ އަވަސް އަވަހަށް އަމުނާލިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން އާތިފާ ބޯ ހޫރާލީއެވެ. އޭރުވެސް ރުއިމެއް ނުހުއްޓެއެވެ.

“އެކަމަކު އަންހެން ކުދިންނަށް ބެލުމާ އެކުދިންގެ ސިފައަށް ފާޑުކިއުމާ މިކަންތައްތައް މާމައްޗަށް ދަނީނު. އޭގެ މާނައަކީ އަހަރެން ނޫން އެހެން މީހަކު ބޭނުން ވަނީއެކޭ ނޫންތަ. ނޫނީ ތިޔައީ މަތީނު އަށް ޖެހިފައި ހުރި ބައްޔެއް.” އާތިފާ ސީރިޔަސް ވެލިއެވެ.

“ހިނގާ ކައުންސިލިންގ ހޯދަން. “އާތިފާ ރުއިން ހުއްޓާލައިފިއެވެ.

މަތީނު ހޭން ފަށައިފިއެވެ.

“ބައްޔެއް ނޫން އެއީ. ކައުންސިލިން ދޭކަށް ނުޖެހޭ.” އޭނާ އާތިފާގެ އަތުގައި ހިފާލިއެވެ. “އާތިފާ ކަހަލަ ރީތި ކުއްޖަކު ލިބުމުން ދެން އިތުރު މީހަކު ހޯދަން ޚިޔާލު ކުރާހާ މޮޔައެއް ނޫން އަހަންނަކީ.”

“ދެން އެހެންވިއްޔާ ކީއްކުރަން އުޅޭ ގޮތެއް ތިޔައީ.؟”

“ބުނަންތަ އާތިފާ!. އަހަރެންގެ ދިރާސާ ނިމުނީ. އަހަރެން މި ހުރިހާ ދުވަހު ބަލަމުން މިއައީ އާތިފާ އަށްވުރެ ރީތި ކުއްޖަކު ފެނޭތޯ. ދެމީހުން އެކުގައި ބޭރަށް ދާފަހަރު ނޫނީ އެގޮތަށް ކުދިންނަކަށް ނުވެސް ބަލަން. ބޭނުމަކީ އާތިފާއާ އެހެން ކުދިންނާ އަޅާކިއުން. އެހެންވެ އާތިފާވެސް ބައިވެރިކޮށްގެން ކުރި ދިރާސާއެއް މިއީ. ” އޭނާ ހާސްކަން ކަނޑުވާލުމަށް ދިގު ނޭވާއެއް ލުމަށްފަހު އަނެއްކާވެސް ބުންޏެވެ.

“އަހަރެން ދެކެފިން ވަރަށް ގިނަ އަންހެން ކުދިން. އައްޑޫ ކުދިން. ފޯއްމުލަކު ކުދިން .މާލޭ ކުދިން. ރާއްޖޭގެ އުތުރާއި ދެކުނުގެ ވަރަށް ގިނަ ރަށްރަށުގެ ކުދިން ވެސް. އެހުރިހާ ކުދިންނަށްވެސް ވަރަށް ފުން ކޮށް ބަލަން. އެކަން އާތިފާ އަށްވެސް އެނގޭނެ. އާތިފާގެ ޚިޔާލުވެސް އަހަން. އެކަމަކު އަދިވެސް އާތިފާއަށް ވުރެ ރީތ ކުއްޖަކު ނުފެނުނު. އެހެންވީމާ އާތިފާއާ އަޅާކިޔާލެވޭ ވަރުގެ ކުއްޖަކު ދެން ނުފެންނާނެ ކަމަށް މި ނިންމީ. އޭގެ މާނައަކީ މީގެ ފަހުން އަހަރެން އަންހެން ކުދިންނަށް އެގޮތަކަށް ނުބަލާނަމޭ. ހަގީގަތުގައިވެސް ތިޔައީ އަހަރެން ގަބޫލުކުރާ މި ދުނިޔޭގައި ހުރި އެންމެ ރީތި ކުއްޖާ. ”

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top