” ކިޑްސް “އިން ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ހަދަނީ

kds-Park-web.jpg

ކިޑްސް އާއި ކިހާދޫ ކައުންސިލް ގުޅިގެން ތައްޔާރުކުރާ ކުޑަކުދިންގެ ޕާކްގެ ކުރެހުމެއް- ފޮޓޯ ؛ ކިޑްސް ފޭސްބުކް ޕޭޖް

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް ) އަކީ ބ.އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ ކިހާދޫގައި އުފައްދާފައިވާ ޖަމިއްޔާއެއް ނަމަވެސް ޖަމިއްޔާގެ ހަރަކާތްތަކާ ރަށުގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ބަލާއިރު  ބ.އަތޮޅުގައި އުފައްދާފައިވާ ޖަމިއްޔާ ތަކަށް ބަލާއިރު މިއީ ބޮޑު ނަމެކެވެ. އަޑުގަދަ ނަމެކެވެ. ދެ އަހަރު އަދި ހަމަނުވާ މި ޖަމިއްޔާގެ ޅަފަތުގައި ޖަމިއްޔާ ހިންގާފައިވަނީ ޖަމިއްޔާ އެއް ހިންގަންޖެހޭ ހުރިހާ ޝަރުތު ތަކަކާއެކުގައެވެ.

މިކުރު މުއްދަތުގެ ތެރޭގައި ޖަމިއްޔާއިން ވަނީ ރަށުގެ ސްކޫލް ކުދިންގެ ފޮތުގައި ސެލޯފިން ލައިދިނުމުން ފެށިގެން ރަށުގެ ބޯޅަގޭގައި ޖަހާނެ މުށްޓަށް ދަންދެން ހަދިޔާ ކޮށްފައެވެ. ކުޅިވަރުގެ މައިދާނަށް ބަލާއިރު ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ސާމާނު ހަދިޔާ ކުރުމާއި ނެޓްބޯޅަ ކޭމްޕެއް ހިންގާފައެވެ. އެރަށުގެ ބޯޅަގެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމާއި މިއަހަރުގެ އާތުޑޭ ފާހަގަ ކުރުމުގެ ގޮތުން ހިންގި މައިގަނޑު ހަރަކާތް ކަމުގައިވާ ރަށުގެ އެކި ސަރަހައްދުތަކަށް ޖަމާވެފައިވާ ފަނާ ނުވާޒާތުގެ ކުނި ސާފުކުރުމަކީވެސް ފާހަގަ ކުރެވޭ ކަންކަމެވެ.  މިނޫން ވެސް އެތައް ކަމެކެވެ.

މި ފަހަރު އޮތީ ކިހާދޫ ކުޑަކުދިން ހެއްވާލުމެވެ.

“ކިޑްސް” ޖަމިއްޔާ އާއި ކިހާދޫ ކައުންސިލް ގުޅިގެން ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އަޅައިދެނީއެވެ. މި  ޕާކް އެޅުމުގެ އެމް.އޯ.ޔޫ ގައި މިހާރުވަނީ ރަށު ކައުންސިލާއެކު ސޮއި ކޮށްފައެވެ.

މި ކަމާއި ގުޅިގެން ކިޑްސް ޖަމްއިއްޔާގެ ރައީސް ވިދާޅުވީ ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށުގެ ކުޑަކުދިންނަށް ރައްކާތެރި ކަމާއެކު ކުޅެ މަޖާކޮށްލާ އާއިލާ އާއެކު ހިތްގައިމު ވަގުތު ކޮޅެއެއް ހޯދައިދިނުން ކަމަށެވެ.

އެމް.އޯ.ޔޫ ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކިހާދޫ ކައުންސިލްގެ ރައީސް  އިބްރާހިމް ފަޒީލް ވަނީ ކިޑްސް ޖަމްޢިއްޔާގެ ފަރާތުން ކައުންސިލަށް އެއްބާރުލުން ދިނުމަށް އިސްނެންގެވީތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އެޅުމަކީ ކިހާދޫ ކައުންސިލްގެ ކުރިއަށް އޮތް ތިން އަހަރުގެ ޕްލޭންގައި ހިމެނޭ ކަމެކެވެ.

މި މަސައްކަތް ކުރުމަށް ކިޑްސް އިން ނިންމާފައިވަނީ ޖުމްލަ 3 ފިޔަވައްސަކައް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ޕާކްގެ ވަށާފާރު ރޭނުމާއި ވޯކްވޭތައް މިއަހަރުގެ ތެރޭގައި  ﷲގެ އިރާދަފުޅާއެކު ނިންމާލެވޭނެކަމަށް “ކިޑްސް”  އިން އުއްމީދު ކުރެއެވެ.

ކިހާދޫގެ ތަރައްގީއާއި ކުރިއެރުުވުމުގެ މަގްސަދުގައި އުފައްދާފައިވާ ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)އަށް ދެއަހަރު ފުރޭނީ އަންނަ ޑިސެމްބަރ ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top