މިނިވަން މުއައްސަސާތައް ގުޅިވަޑައިގެން، އިޖްތިމާޢީ ކަންކަން ކުރިއަށް ހިންގެވުމަށް ފެއްޓެވި ޙަރަކާތް “އާރޯ” އިން ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިއަކަށް އޭދަފުށީ އާމިނަތު ރައުޝަން އިމާދު ހޮވިއްޖެއެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ޔެސް ޓީވީ ޓީމަށް ކުޅުނު ރައުޝަން އަށް މޮޅު ކުޅުންތެރިޔާގެ މަގާމް ރޭގެ މެޗަށްފަހު ދިންއިރު އޭނާ ވަނީ މުބާރާތުގެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. ޓީވީއެމްގެ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމް އަދާކުރަމުން އަންނަ ރައުޝަންވަނީ މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގައިވެސް ޓީވީއެމްގެ ޓީމުގައި މޮޅު ކުޅުމެއްދައްކާފައެވެ.
ގައުމީ ފެންވަރުގެ މުބާރާތެއްގައި އޭދަފުށީގެ ރައުޝަން ވިދާލިއިރު އަންހެން ގައުމީ ޓީމްގެ ކެޕްޓަން ފަދުވާ ޒާހިރު ބުނެފައިވަނީ އޭދަފުށީގައި ގައުމީ ޓީމަށް ކުޅެވޭ ފެންވަރުގެ އަންހެން ކުޅުންތެރިން އެބަތިބި ކަމަށާ، އެކުޅުންތެރިންނަށް ފުރުސަތުދޭން މަސައްކަތްކުރާނެކަމަށެވެ.