އޭދަފުށި ދަންނަ މީހުން ދިގަލި ޔޫސުފް ދަންނާނެއެެވެ. އެއީ މަސައްކަތްތެރިކަމާ މުރާލި ކަމުގެ ސަބަބުން އޭނާ ހޯދާފައިވާ މަޝްހޫރު ކަމުންނޭ ބުނުމަކީ ހަގީގަތާ އެންމެ ގާތް ގޮތެވެ. އެކަމަކު މަށް އޭދަފުށި ރައްޔިތުންނަށާ ބ.އަތޮޅަށް އޭނާ މަޝްހޫރުވުމުގައި މިނޫން ސަބަބު ތަކެއްވެސް ވެއެވެ. ޒުވާން އުމުރު، ރިޔަލު ބައްތެއްޔެއްގައި މާލެއާ އޭދަފުއްޓާ ދެމެދު ދަތުރު ކުރަމުން ދިޔަ މޮޅު މާލިމީ އެއްގެ ގޮތުންނެވެ. ހަމައެއާއެކު ކުޅަދާނަ ނެތްވެއްގެ ގޮތުންނެވެ. 12 ދަރިން ‘މީހުންނަށް’ ހަދައިދިން ކާމިޔާބު ބައްޕައެއްގެ ގޮތުންނެވެ. އަދި ބުނަން ހެއްޔެވެ. ބޮލަށް ވައްޓާލި ލިބާހާ އެއްކޮށް ކައިވެނި ކުރި 12 ދަރިންގެ މަންމަ ހައްވައާއެކު މިއަދާ ހަމައަށް ވެސް ވަފާތެރިކަން މަތީގައި ނިކަން ލޯބިން ދުނިޔެއުޅެ ނިންމާލަމުން ގެންދާ ފިރިއެއްގެ ގޮތުންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބެލި ކަމަށްވިޔަސް މަދު ބައެކެވެ.
ކާމިޔާބު މީހަކަށްވުމަށް އެންމެ ބޭނުމީ ދަރިންނަށް ރަނގަޅު މަންމައެއް ހޯދައިދިނުން ކަން ހަނދާން ކޮށްދެމުން އޭނާ ބުނަނީ މިހެންނެވެ. “ކާމިޔާބު ފިރިހެނަކަށް ވުމަށް ފުރަތަމަ ވާން ޖެހެނީ ކާމިޔާބު ފިރިއަކަށް. ކާމިޔާބު ފިރިއަކަށް ވެވޭނީ ދަރިންނަށް ރަނގަޅު މަންމަ އެއް ހޯދައިދީގެން. ކައިވެންޏަކީ އޭގެ ފުރަތަމަ މަރުހަލާ. އަންހެނާގެ ސިފައަށް އެކަނި ބަލައިގެން ކައިވެނި ކުރާނަމަ ލަނޑު ލިބިދާނެ. އޭގެ ބަދަލުގައި އެއީ ކިހާ ފިސާރި އަންހެނެއްތޯ ބަލަން ވަކަރަށް ޖަހައިގެން ނޫނީ ކައިވެންޏާ ހަމައަށް ދާކަށް ނުވާނެ.”
ޔޫސުފްގެ ދިރިއުޅުމަށް ހައްވަ ގެނައީ އޭނާ ބުނިހެން ވަކަރަށް ޖަހާފަ އެވެ. ވަޅި ތީރިވާނީ ތޫނިއްޔާއޭ ބުނާ މިސާލަށްވެސް ބަލައިގެންނެވެ. މިއީ ޔޫސުފް ބުނާ ވާހަކައެވެ.
ހައްވައަކީ ރީއްޗާއި ރަނގަޅު އެކުވެގެން އުފެދިފައިހުރި މޮޑެލެކެވެ. ފަސްމީރު ކުރި ރުކެކެވެ.
އެއީ މާޒީއެވެ. ބައިގަރުނަށްވުރެވެސް ކުރިއެވެ. މިއަދު މި ދެމަފިރިންގެ ދުނިޔެއުޅުން އަސުރުން ލަނބާލައި ރަތްވިލާގެ ކުލަތައް ފެންނަމުން ދާއިރު ދުނިޔޭގެ ސުންނަތާ އެއްގޮތަށް ދެން އޮންނާނީ އޮއްސުމެވެ. އުފަލަކީ އެކަމާ ކުރާނެ ޝަކުވާ އެއް ނެތުމެވެ. ހަށިގަނޑުން ބާރުދެރަވެ މުސްކުޅި އުމުރުގެ ދުވަސްތައް ވޭތުކުރަމުން ދާއިރު ދެމީހުންވެސް ތިބީ ފިސާރި ރަނގަޅަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ހިތާމަކުރަންޖެހޭ އެއްވެސް ކަމެއް މުސްކުޅި އުމުރުގައި ނެތުމަށްވުރެ ވަކިން ބޮޑު އުފަލަކީ ކޮބާ ހެއްޔެވެ؟
އެކަމަކު މި ހިމޭން ދުނިޔެ އެމީހުންނާ ބައްދަލު ކުރީ ހަޔާތުގެ ދިގު ދަތުރު ހަލަބޮލި ކަނޑެއްގައި އަހަރުތަކެއް ވަންދެން އުޅެފައެވެ. އެދުވަސްތަކުގެ ހަނދާންތައް އާކުރަން އެމީހުން ބޭނުން ނުވިޔަސް އަހަރެމެންގެ އެދުމަށް އެމީހުންގެ އެންމެ ޗާލާކީ ޒުވާން ދުވަސްވަރާ ހަމައަށް ގެންދިޔައެވެ.
އުމުރުން 16 އަހަރުގައި ރަށު މަދަރުސާ އިން ކިޔެވެން ހުރި ވަރަކަށް ކިޔަވައިގެން ޔޫސުފު ނުކުތީ މަސްވެރިކަމަށެވެ. އޭރު ދިރިއުޅުމަށް ކުރަން އޮތް އެންމެ ރަނގަޅު މަސައްކަތަކީ އެއީ އެވެ. އިތުރަށް ކިޔަވަން މާލެއަށް ދާން ބޭނުން ވިޔަސް އެހާ ތަނަވަސްކަމެއް ނެތުމަކީ އެކަމާމެދު ވިސްނި ކަމެއްވެސް ނޫނެވެ. އެކަމަކު މަސްއޮޑިއަށް ފުންމާލާފައި ރަނގަޅަށް އޮޔާއި ވައި ދަސްނުވެ އުޅެނިކޮށް ބ.އަތޮޅުވެރިއަކަށް ހުންނެވި އޭދަފުށީ ޔޫސުފް ކަލޭފާނު އޭނާގެ އަތުގައި ހިފައިފިއެވެ. ނަސީބުއައިސް އަތުގައި ހިފީކަމަށް ޔޫސުފަށް ގަބޫލު ކުރެވުނެވެ.
“ޔޫސުފް ކަލޭފާނު އެންގެވީ އުނޑޫދޫ ކާޑުގެއާ ހަވާލުވުމަށް އެރަށަށް ދާން. އެއީ 60ގެ އަހަރު ތަކުގެ ކުރީކޮޅު. ރަށްރަށުގެ ކާޑުގެއަކީ ރަށް ހިންގުމުގެ ބާރުތައް ޖަމާވެފައި ހުންނަ ތަން. އެރަށު ކުދިންނަށް ކިޔަވައިދޭންވެސް އެންގެވި.” ޔޫސުފްގެ ފުރަތަމަ ވަޒީފާއާ ބެހޭގޮތުން ވާހަކަ ދެއްކި އެވެ.
އުޑޫދޫގައި ތިން އަހަރު ހުރެފައި ދެން ދިޔައީ މާޅޮހު މަދަރުސާ އަށް މުދައްރިސެއްގެ ވަޒީފާ އަށެވެ. އޭގެ ފަހުން ފެހެންދޫ ކާޑުއާ ހަވާލު ވުމަށް އެރަށަށެވެ.
ހައްވައާއި ކައިވެނިކުރީ އެދުވަސްވަރު އެވެ. ކައިވެނީގެ މިހާ ކުރީކޮޅު ޒުވާން އަނބިމީހާއާއި ދުރުގައި އޭނާ އަށް އުޅެން ޖެހުނީ އެއް ރަށުން އަނެއް ރަށުގެ ކާޑުގެއާއި މަދަރުސާ ތަކުގައި ކިޔަވައިދޭށެވެ. ދިރިއުޅުމާ މެދު ފޫހިވީ މިހާ ހިސާބުންނެވެ. އެއް ތަނެއްގައި ގާއިމުވެ ނުހުރެވި އާއިލާއާ ދުރުގައި ދަތުރުވެރިއެއްގެ ގޮތަށް އުޅުމަކީ ދިރިއުޅުމެއް ނޫނެވެ.
އެހެންވެ ވަޒީފާ ދޫކޮށްލާފައި ރަށަށް އައީއެވެ. އެކަމަކު ޔޫސުފްކަލޭފާނު ހުންނެވީ ޔޫސުފް ދޫކޮށްލާ ގޮތަކަށް ނޫނެވެ. ދެން ހަވާލު ކުރެއްވީ މާލެއާއި އޭދަފުއްޓާ ދެމެދު ދަތުރު ކުރާ ރައްޔިތުންގެ ނާލު ބައްތެލި “މުއްދޫ”އެވެ.
ޔޫސުފްގެ ނެވި ކަމުގެ ދަށުން ”މުއްދޫ” ބައްތެލި މާލެ ދަތުރުތައް ފެށުމާއެކު ޔޫސުފް ކަލޭފާނަށް ޔޫސުފްގެ މަސައްކަތާ މާބޮޑަށް ގަޔާވެލެއްވީ ކަމަށް ވެދާނެއެވެ. ”މުއްދޫ” ގްރައުންޑް ކުރުމުގެ ކުރިން އެހެން ބައްތެއްޔެއް ބެންނެވިއެވެ. އެއީ ޔޫސުފްގެ ގޭގެ ނަމުންވެސް ނަން ދީފައިވާ މަޝްހޫރު ”ދިގަލި” ބައްތެއްޔެވެ. އެބައްތެލި ހަވާލު ކުރީ ޔޫސުފާ އެވެ.
“ދިގަލި ބައްތެލި ބަނދެފަ ޔޫސުފް ކަލޭފާނު ބުނުއްވީ އެހެރީ ބައްތެލި ބަނދެފައޭ ދުއްވާށޭ.” ޔޫސުފް ކިޔައިދިނެވެ.
އޭދަފުށީ ރައްޔިތުން ބާނާ މަހާ ރައްޔިތުން މާލެއަށް ވިއްކަން ބޭނުންވާ މުދާ މާލެ ގެންގޮސް ވިއްކައިގެން ފައިސާއަށް ހެދުމާއި ރައްޔިތުން ބޭނުންވާ މުދާ ގެނެސް ދިނުމުގެ ޒިންމާ އަދާކުރުމުގެ ފުރިހަމަ ކަމުން ތާރީފުގެ ބަސްތައް އޮހެން ފެށި ހިސާބަކީ އެއީއެެވެ.
ބައެއް ފަހަރު ކާށިދޫ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ގަދަ ވަޔާ ވިއްސާރައިގާ ސަލާމަތް ނުވާ ހިސާބަށް ގޮސް ކަނޑުވެދާނެކަމަށް ހީކުރި ދުވަސްތަކާއި ކުރިމަތިލީ ވެސް އެތައް ދަތުރެކެވެ. ވައި މަޑުވެގެން ފަލި ޖަހާފައި ހަތް ދުވަހުން މާލެއަށް އާދެވުނު އެތައް ދަތުރެއްވެސް އޭނާ ވަނީ ދިގަލި ބައްތެލީގައި ކޮށްފައެވެ. އެފަދަ ދަތި ހާލަތްތަކުގައި އަނބިދަރިންނަށް ވާއެެއް ނުވާ އެއް ނޭނގި ބިރުން ނުނިދިފާ ތިބިވެސް ކިތަންމެ ރެއެކެވެ. އެހެންނަމަވެސް ސިންދުބާދެކޭ އެއްފަދައިން ދަތުރު ނިމުމާއެކު އެހަނދާން ނެތި އޭގެ ދެތިން ދުވަސް ފަހުން އަނެއްކާވެސް ދަތުރަށް ފަށައެވެ.
ދިގަލި ބައްތެލީގައި ނެތްވެއްގެ ގޮތުންނާއި ކައްޕިއެއްގެ ގޮތުން 16 އަހަރު ޔޫސުފް ވަނީ މަސައްކަތް ކޮށްފައެވެ. މިހާ ގިނަ އަހަރު ތަކެއްގައި މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއިރު އޭނާއަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ކަޅުއަލި ޔޫސުފުގެ ނަން ދިގަލި ޔޫސުފަށް ބަދަލު ވުމެވެ. ‘ދިގަލި’ މިނަން ޔޫސުފްގެ ޓްރޭޑް މާކަކަށްވެސް ވެގެން ދިޔައެވެ. ބަދަލު ނުވެ އޮތީ ހަމައެކަނި ދިގަލި ބައްތެލި ދެކެ އޭނާ ވަމުން އައި ލޯތްބަށެވެ. އެލޯބީގެ ރަމްޒެއްގެ ގޮތުން އޭނާ އަށް ލިބުނު ގޯތީގެ ނަމަކަށްވެސް ދިނީ ”ދިގަލި” އެވެ.
ދިގަލި ބައްތެލީގައި ޔޫސުފުގެ ހަޔާތުގެ އެއް ދަންފަޅި ހޭދަކުރިއިރު އެހާ ގިނަދުވަހު ކަނޑުމަތީގައި ބިޔަ ރާޅުތަކުގެ ތެރޭގައި ހުޅަނގުގެ އެންމ ގަދަ ނަކަތް ތަކުގައި ބައްތެއްޔަށް ވެސް އޮބިނޯވެގެން ދެއަތަށް ހޫރެމުން ދަތުރު ޔޫސުފުގެ އިހްސާސްތަކާއި ތަޖްރިބާ ތަކަކީ ކޮބައިބާއެވެ..

16 އަހަރު ދުވަސް ވަންދެން ޔޫސުފްގެ މާލިމީކަމުގައި ދުއްވި އޭދަފުށީ ޔޫސުފް ކަލޭފާނުގެ ދިގަލި ބައްތެލި– ފޮޓޯ /ހަންނާން ޔޫސުފް
“މޫސުން ގޯސްވެގެން ބައެއް ފަހަރު ބައްތެއްޔާއެކު ކަނޑުވެދާނެކަމުގެ ޝައްކު އުފެދޭ ހިސާބަށް ވެސް ދޭ. އެކަމަކު ނާއުއްމީދެއް ނުވަން. ބިރެއްވެސް ނުގަނޭ. އަނެއް ކަމަކީ ވައި ހިނދި ބޯފެން ހުސްވިޔަސް އެކަން އެހެން ބަޔަކަށް އަންގާލާނެ ވަސީލަތެއް ނެތުން. ދިގަލި ބައްތެލި ފުރަތަމަ ދުއްވިއިރު މުވާސަލާތު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާތީ ބައްތެލި މާލެ ހިނގައްޖެކަން ރަށުގައި ތިބި މީހުންނަށް އެންގެން އޮތް ހަމައެކަނި ގޮތަކީ މާލެއަށް ގޮސް ޓަނު ދެއްކުން.” ޔޫސުފް ބުންޏެވެ.
ޔޫސުފް އެބުނި ޓަނަކީ ދަތުރު ކުރާ އުޅަނދާ ބެހޭ މައުލޫމާތު ލިޔެފައި އޮންނަ ސަރުކާރުގެ ރަސްމީ ލިއުމެކެވެ. އެ ލިޔުން އޮންނާނީ މާލެ ދަތުރު ކުރާ އުޅަނދުގައެވެ. ރައްކާތެރިކަމާއެކު އޮޅާލާފައި އޮނު ބުރިއަކަށް ލައިފައެވެ. ބޭނުމަކީ ފެނުން ސަލާމަތް ކުރުމެވެ. މާލެ ގޮސް ފުރަތަމަ ކުރަންޖެހޭ ކަމަކީ ކަސްޓަމަށް ”ޓަނު” ދެއްކުމެވެ. މާލެއިން ފުރަން ތައްޔާރުވުމުން ކުރަންޖެހޭ ފަހު ކަމަކީވެސް ކަސްޓަމަށް ލާފައި އޮތް ‘ޓަނު’ ނެގުމެވެ.
ކަސްޓަމަށް ”ޓަނު ” ދައްކައިފިނަމަ އޭގެ މާނައަކީ އެ އުޅަނދު މާލެ އައީއެވެ. ރޭގަނޑު7 ގެ ރޭޑިއޯ ޚަބަރަށް ފަހު ފޮނުވާ “ފުރާ ދުއްވާ ތަކެތީގެ ހަރަކާތް” ޕްރޮގްރާމްގައި މާލެއަށް އެދުވަހު މާލެ އައި އުޅަނދު ތަކުގެ ލިސްޓުގައި އެނަން ހިމަނައި އެއުޅަނދުގެ ނަން ކިޔާނެއެވެ. މާލެއިން ފުރައިފިކަން އެނގޭނީވެސް ރޭޑިއޯގެ އެ ޕްރޮގްރާމުންނެވެ. ފުރަން ތައްޔާރުވުމުން އެންމެ ފަހު ކަމަކަށް ކުރަންޖެހޭނީ ކަސްޓަމުގައި ބާއްވާފައި އޮތް ޓަނު ނެގުމެވެ.
ދިގަލި ބައްތެލީގެ ވާހަކައަށް އިތުރު ކޮށްލަން ޖެހޭ ތަންކޮޅެއްވެސް އެބައޮތެވެ.
އޭދަފުށީގައި މިނޫން ބައްތެލި ހުރި އިރު އެ އުޅަނދުތަކަށް ދަތުރު އޮޅި މާފިލާފުށި ދަށަށް ނޫނީ ތޮއްޑު ފެންނަ ހިސާބަށް ދެވެނީ މަދެއް ކޮށެއް ނޫނެވެ. ދިގަލި ބައްތެއްޔަށް މިފަދަ ގޮތެއް ހަޔާތުގައިވެސް ދިމާނުވާ ކަމަށް ޔޫސުފް ބުނެލީ ފަހުރުވެރިކަމާ އެކުގައެވެ.
ޔޫސުފްވަނީ ދިގަލި ބައްތެލީގައި ރެކޯޑެއްވެސް ހަދާފަ އެވެ.
“އަހަރެންގެ މާލިމީ ކަމުގައި ދިގަލި ބައްތެލީގައި އެންމެ 9 ގަޑިއިރު ތެރޭގައި އޭދަފުށިން ފުރައިގެން މާލެއަށް ދިޔައިން. ފައްސިޔަ ވައިގާ ތިން ރިޔާ ނަގައިގެން.”
އެއީ އޭރަށް ބަލާއިރު އަޖައިބު ވާހައި އަވަސް މުއްދަތެކެވެ. އެހެންނަމަވެސް ވައިމަޑު ދުވަސްވަރު 7 ދުވަހުންވެސް މާލެއާ އޭދަފުއްޓާ ދެމެދު ފަލި ޖަހައިގެން ދަތުރު ތަކެއް ކުރިކަމަށް ޔޫސުފް ބުންޏެވެ.
ދިގަލި ބައްތެލި ބާވުމުގެ ކުރިން އާ އުޅަނދެއް ބަނދެ ޔޫސުފާ ހަވާލު ކުރަން ޔޫސުފް ކަލޭފާނު ނިންމެވިއެވެ. އެކަން ފުރިހަމަ ނުވެވި އޮއްވާ ޔޫސުފް ކަލޭފާނު ނިޔާވީއެވެ. އެކަމަކު މިކަމާބެހޭ ގޮތުން ޔޫސުފްކަލޭފާނު ވަސިއްޔަތެއް ކުރެއްވިއެވެ.
“ޔޫސުފް ކަލޭފާނު ބަލިވެ އޮންނަވައި އުމުރުގެ އެންމެ ފަހު ދުވަސްކޮޅު އައިމިނާފުޅު (އަނބިކަނބަލުން) ގާތު ބުނުއްވި ތިމަންނަ މަރުވިޔަސް ޔޫސުފް ގާތު ބުނާށޭ ދިގަލި ބައްތެލި ދުއްވާށޭ.” ޔޫސުފް ބުންޏެވެ.
މި ވަސިއްޔަތާ އެއްގޮތަށް ދިގަލި ބައްތެލި ދުއްވުގައި ދެމި ހުރެވޭތޯ ޔޫސުފް ބެލިއެވެ. އެހެން ނަމަވެސް ޔޫސުފް ކަލޭފާނު ނިޔާވުމާގުޅިގެން މަސްރަހަށް އައި ލޮޅުންތަކާއެކު ދިގަލި ބައްތެލި ދޫކޮށްލެއްވީއެވެ. ދެން ކުރިމަތިލެއްވީ މަސްވެރިކަމަށެވެ. މަސްވެރިއެއްގެ ގޮތަކުން ނޫނެވެ. އޮޑިވެރިއެއްގެ ގޮތުންނެވެ.
“ފުރަތަމަ ބަނީ 12 ރިޔަނުގެ ވަދު ދޯންޏެއް. އޭގެ އަހަރެއްހައި ދުވަސް ފަހުން ‘ކަނޑުމަސް’ ކިޔާ މަސްދޯނި ބަނދެ މަސްވެރިކަމަށް ފެށީ. އެދޯނި، ރައީސް ނާސިރުގެ އަނބިކަނބަލުން ނަސީމާ މުހައްމަދު ކަލޭފާނު ބޭނުން ފުޅުވެގެން 7000 ރުފިޔާ އަށް ވިއްކާލީ.” އޮޑިދޯނިފަހަރު ބަންނަން ފެށިގޮތް ޔޫސުފް ކިޔައިދިނެވެ.
އެ ދޯނި ވިއްކާލާފައި އަނެއްކާވެސް މަސްދޯންޏެއް ބަނދެ “ކަނޑުމަސް” ކިޔާފައި ކަނޑަށް ނެރުނީ ކުރީ ދޯނި ފަދައިން މަހަށް ތޫނު ދޯންޏަކަށް ވާނެ ކަމަށް ބަލާފައެވެ. އެކަމަކު މަސްވެރިކަމަށް ވުރެ އެދޯނި ތޫނުވީ ކަނޑުން މާވަހަރު ހޯދުމަށެވެ.
އެހެން ދޯނިފަހަރު ހައްސަ ބައިގެން އައުމުގެ ބަދަލުގައި އެދުވަހު ކަނޑުމަސްދޯނި އައީ 6 ކިލޯގެ މާވަހަރެއް ހޮވައިގެންނެވެ.
“އެއީ 1979. އެ މާވަހަރު ވިއްކާލީ މަޝްހޫރު ވިޔަފާރިވެރިޔާ ޑީއައިކޭ (ދިއްދޫ އިބްރާހީމް ކަލޭފާނު) އަށް އެއްލައްކަ ރުފިޔާއަށް.” ޔޫސުފް ބުންޏެވެ.
މުދަލާ ފައިސާގެ އަގުން އަޅާކިޔާނަމަ އެއީ ބޮޑު އަގެކެވެ. ހަނޑޫބަސްތާއެއް 40 ރުފިޔާއަށް ލިބުނު ދުވަސް ވަރެވެ. އެދުވަހު އެދޯނިން މަހަށް ދިޔަ ކޮންމެ ފަޅުވެރިއަކަށް 6000 ރުފިޔާ ލިބުނެވެ.
ކުއްލިއަކަށް މިހާ ގިނަ ފައިސާ އެއް ފަހަރާ ލިބުމުން ޔޫސުފް އިސްކަންދިނީ ހައްޖުގެ އަޅުކަން އަދާކުރުމަށެވެ. 5000 ރުފިޔާއިން ހައްޖަށް ދެވެއެވެ.
ޔޫސުފް، އިތުރު ދޯންޏެއް ބަންނަން ޖެހުނީ އެކަމަށް އެދުނު މީހުން ގިނަކަމުންނެވެ. ފެން އޮތް ތަނަކަށް މަސް ދާނެއޭ ބުނާހެން އެގޭގައި މަސްވެރިކަން ކުރާ ދެ ދޯންޏާއި ފަޅުރަށަކާ ވިޔަފާރި އެއް ހިންގަމުން ދާއިރު “ދިގަލި” ގޭގެ ކާރޫ ބާރޫ އޮތީ ވަރަށް ބޮޑުވެފަ އެވެ.
އެކަމަކު އެހިސާބުން ޔޫސުފް ވަރުބަލިވީއެވެ. ދަރިން ބޮޑެތިވުމާއެކު ދަރިންނާއި ދަނބިދަރިންނަށް ހުރިހާ ކަމެއް ހަވާލު ކުރިއެވެ. ދަރިންގެ ހައްގުގައި އާއިލާ ކޮޅަށް ޖެހުމަށް ކުރި ބުރަމަސައްކަތުން ރަނގަޅު ހިސާބަކަށް އާދެވިއްޖެކަމަށް ބަލައިގެންނެވެ.
ޔޫސުފްގެ ހަޔާތުގެ މުޅި މަގްސަދަކަށް ވެފައި އޮތީ ރަށާއި ގައުމަށް ބޭނުން ތެރި ދަރިން ތަކެއް ބިނާ ކުރުމެވެ. އެހާ ބުރަކޮށް މަސައްކަތް ކުރީ އެހެން ވެގެންނެވެ. ރަށުގައި އިބްތިދާއީ ތައުލީމު ފުރިހަމަ ކުރުމަށް ފަހު ކޮންމެ ދަރިއަކަށްވެސް އޮންނަ ހުުކުމަކީ މާލެ ދިއުމެވެ. އެއީ ތައުލީމީ ގޮތުން ރާއްޖެއިން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔެވުމަށެވެ. އެފުރުސަތު ދަރިންނަށް ހޯދައިދިނުމަށް ފުރަތަމަ އެކުދިން ބޭތިއްބީ އެކި ކުދިން އެކި ގޭގައެވެ. ނަމަވެސް އެއީ ދަރިންނަށް ކުރެވުނު އުފާވެރި ތަޖްރިބާ އަކަށް ނުވާތީ މާލެއިން ހުސްގޯއްޗެއް ކުއްޔަށް ހިފައިގެން ހުރިހާ ކުދިން އެއްތަނެއްގައި ބައިތިއްބައިގެން ކިޔަވައިދިނުމުގެ މަސައްކަތް ފެށިއެވެ.
ޔޫސުފްގެ ހަޔާތުގެ އެންމެ ރީތި ސަފްހާ އަކީ ހައްވައާ ޔޫސުފާ ދެމެދު މިއަދާ ހަމައަށް ބަދަލު ނުވެއޮތް ވަރުގަދަ ލޯތްބެވެ. ޔޫސުފު ޔޫސުފަކަށް ހަދައިދިނީ އެލޯތްބެވެ. އެލޯބި ދެއްކި މަގުން ހިނގައިގެން ބާރަ ދަރިންނަށް ތައުލީމާ ތަރުބިއްޔަތު ދިނުމުގައި ފޭލި ނުވެ ކާމިޔާބާ ހަމައަށް ގެނެސްދީފިއެވެ. ޔޫސުފްއަކީ މޮޅު މާލިމީއެކެވެ. އެމޮޅުކަން ދެއްކިފައިވަނީ ދިގަލި ބައްތެލީގައި ކާށިދޫ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގަ އެވެ. އެކަމަކު ދިރިއުޅުމުގެ އުނދަގޫ ދަތުރު ތަކުގައި ހަޔާތުގެ ފަންސިގަނޑު ބައެއް ފަހަރު ވަޔާ އޮޔާ ދެކޮޅަށް ދުއްވައިގެން އަދި ބައެއް ފަހަރު ކަނޑުވަނީއޭ ހީވާ ހިސާބަށް ދިޔައިރު ވެސް އައްސޭރިއާ ހަމައަށް އާދެވިފައިވަނީ ހައްވަގެ މާލިމީ ކަމުގައި އޭނާ ބުނާ ގޮތަށް ދަތުރު ކޮށްގެންނެވެ. ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނެއޭ ބުނާ ފަދައިންނެވެ.
ޔޫސުފްގެ ދަރިންނާއި ކާފަ ދަރިންނާއި ޅީދަރިންނާއި ދަނބި ދަރިންގެ ޖުމްލަ 82 އަށް އަރާފައިވާއިރު ސަރުކާރުގެ ޚިދުމަތުގައި ޕީއެޗްޑީ ހަދައިގެން ތިބި ދަރިންނާއި މިނިސްޓަރުންނާއި މިނިސްޓަރުންގެ އަނބިންގެ އިތުރުން ޕޮލިސީ ލެވެލްގައި މަސައްކަތް ކޮށްފައިވާ ދަރިން އެބަތިއްބެވެ. މަޝްހޫރު ބޮޑެތި ކުންފުނިތައް ހިންގާ ވިޔަފާރިވެރިންނާއި ކުޅިވަރުގެ ރޮނގުން ގައުމަށް ރީތި ނަން ހޯދާދީފައިވާ ކުޅުންތެރިންނާއެކު މި ދަރިންގެ އަޚުލާގު ރަނގަޅު ވުމަކީ އިއްތިފާގެއް ނޫނެވެ. އެއީ ދަރިން ތަރުބިއްޔަތުކުރުމުގައި މަންމައަކާ ބައްޕައަކު ކޮށްފައިވާ ބުރަ މަސައްކަތްތަކެއްގެ ނަތީޖާއެވެ.
ޔޫސުފް ބުނަނީ މިހެންނެވެ.
“ދިރިއުޅުމުގައި ލިބުނު ކުރިއެރުމުގެ ހަގީގީ މިލްކުވެރިއަކީ ހައްވަ. ނުހުންނާނެ މިފަދަ ދެވަނަ އެއް. ހަމަ ވަރަށް ނާދިރު މިސާލެއް. ދިރިއުޅުން ކީއްކުރަން. އަހަރެން، އަހަރެންގެ ގޮތުގައި މި ދުނިޔޭގައިވެސް ނުހުންނާނެ.” ގާތުގައި ޖެހިގެން އިން ހައްވަގެ ބުރަކަށީގައި ފިރުމާލާފައި ތައުރީފް ކުރަން ފެށިއެވެ.
“ދުނިޔެ ބަދަލުވޭ. މޫސުން ބަދަލުވެ. ބައެއް ފަހަރު ގަދަ ވިއްސާރަ. ބައެއް ފަހަރު އަވި ބާރު ކަމުން މަގުތަކުގައި ހިނގަން ނުކެރޭ ހިސާބަށް ދޭ. މިއީ ދުނިޔެ ހިނގަމުން އަންނަ ގޮތް. މި ބަދަލަށް އަހަރެމެން މި ތިބީ ހޭނިފަ. މި ހުރިހާ ބަދަލަކާއެކު އަހަރެމެންގެ އުމުރު ނިމިގެންދާއިރުވެސް މި ދިރިއުޅުމަކަށް ބަދަލެއް ނާދޭ. އަހަރެންގެ އުމުރުން 88 އަހަރު. ހައްވަގެ އުމުރުން 71 އަހަރު. އަދިވެސް މިތިބީ އެކުގައި. އިރާދަ ކުރެއްވިއްޔާ ނިމިދާނީ ވެސް މި ގޮތުގައި ދެމީހުން އެކުގައި.”
“އުމުރަކީ އަކުރެއް. ހަމައެކަނި ނަމެއް. އަހަރެމެން މިދުނިޔެއަށް އައީ އެކުގައި އުޅެ ނިންމާލުމަށް. އެވައުދުވީ ދެމީހުންގެ އަލަތު ކައިވެނީގައި މީގެ 62 އަހަރު ކުރިން. އަދިވެސް އަހަރެމެން މިތިބީ އެގޮތުގަ “ގޭގެ ސިޓިންގ ރޫމްގައި ހުރި ސޯފާއެއްގައި އަތުގުޅުވާލައިގެން ނިކަން ލޯބިން ތިބި ހައްވައާއި ޔޫސުފްގެ އެމަންޒަރުން ދޭހަ ކޮށްދެނީ މިވާހަކަ ކޮޅެވެ.