ކަމަދޫ ރައްޔިތުންގެ މެހްމާން ދާރީ. ދިވެހި ނަމޫނާއެއް.

26169154_1277476425729190_6881415901607395526_n.jpg

ދިވެއްސަކަށްވީތީ ފަޚުރުވެރިވާން ޖެހެނީ އެހެން ވީމައެވެ. ދިވެހިންނަކީ އެއްބައެއް ވަންތަ އަޚްވަންތަ ކަމުގެ ނަމޫނާއެއްކަން ދައްކައިދޭން ޖެހެނީ ލިޔާ ލިއުން ތަކަކަުން ނުވަތަ ކިޔާ ލެވޭ ލަވަތަކަކުން ނޫންކަން ކަމަދޫ ރައްޔިތުން ސާބިތު ކޮށްދީފިއެވެ. ހާލުގައި ޖެހުނު ކަނޑު އުޅަނދެއްގައި ދަތުރު ކުރި 100 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުލައަކަށް ނަސަބަކަށް ބެލުމެއް ނެތި އެންމެން އަތުގުޅާލީ ކަމަދޫ މީހުންނަކީ އިންސާނިއްޔަތުކަމުގެ ގޮތުން ރީތި މިސާލަކާ އެކުގައެވެ.

ރޭ ދަންވަރު ސަތޭކަ މީހުންނާއެކު ހއ. އިހަވަންދޫއިން ފުރައިގެން މާލެއަށް ދަތުރުކުރި “ކާވިޔާ ބޯޓު”ގެ އިންޖީނު ހުއްޓުމާއެކު އެހެން ބޯޓެއްގައި ކަފު ޖަހައިގެން އެމްއެންޑީއެފްގެ އެހީތެރިކަމާވެސް އެކު އެ ބޯޓު މިއަދު ހެނދުނު ކަމަދޫ އަށް ގެންދިއުމުން ރައްޔިތުން އަރުވާ ޖަހާފައި ނުކުތީ އެއިން ދަތުރު ކުރި މީހުންނަށް އެހީތެރިވުމަށެވެ. ކެއިން ބުއިމާއި މިނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމުގައި އެމީހުންނަށް އަދާކުރި މެހްމާން ދާރީއަކީ މިފަހުގެ ތާރީޚުގައި ކަމަދޫގެ ނަން ރަން އަކުރުން ލިޔަން ޖެހޭ ވަރުގެކަމެކެވެ.

ހާލުގައި ޖެހިފައި ތިބި ދަތުރުވެރިން ކަމަދޫއަށް ގެނައުމާއެކު ކަމަދޫ ކައުންސިލާއި ކަނބަލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތުން މަސައްކަތް ފެށިއެވެ. އެގޮތުން ކަނބަލުން އިސްނަގައިގެން މެންދުރުގެ ކެއުން މެހްމާނުންނަށް ތައްޔާރުކުރީ ގައުމީ ރޫހުގައެވެ. ބަޔަކަށް މި ގޮތަށް އެހީވާނެ ފުރުސަތަކަށް ކަމަދޫ ރައްޔިތުން ތިބެނީ ބަލަބަލާކަމުގައި ހީވާ ގޮތަކަށެވެ.

“ކަމަދޫ އަކީ އަބަދުވެސް އިޖުތިމާޢީ ކަންތައްތަކުގައި ވަރަށް ހިތްވަރު ކުރާ ބައެއް ދިރިއުޅޭ ރަށެއް. ސިޔާސީ އޮއިވަރުގައި ޚިޔާލު ތަފާތުވުން ތަކެއް ހުރި ނަމަވެސް ރައްޔިތުންގެ ކަންތައްތަކުގައި ވަރަށް އެކުވެރިވާނެ. މުޅި ރައްޔިތުންނަކީ އެއްބަނޑު އެއްބަފާ ބައެއްކަން ދައްކާނެ. “ކަމަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަމަދޫ ރަައްޔިތުންގެ މި މެހްމާން ދާރީ އަދާކުރުން ފާހަގަކޮށް  ގިން ރަށްރަށުން ޝުކުރު ބއަދާ ކުރުމުގެ ގޮތުން ގުލަމުން އަންނަ ކަމުގައެވެ. ” ޚާއްސަކޮށް ހއ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުން އަޅުގަނޑުމެންނަށް ގުޅި. ވަރަށް ޝުކުރު އަދާކުރި. ” އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެބޯޓު ކަފުޖަހައިގެން ގެންދިއުމަށް އެހެން އުޅަނދެއް އެބައަންނަ ކަމުގެ މައުލުމާތު ލިބިފައިވާ ކަމަށާއި މިރޭގެ ވަގުތެއްގައި ބޯޓު ކަމަދޫއަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެން ވިޔަސް އެއްވެސް ސަބަބަކާ ހުރެ އެމީހުންނަށް މިރޭވެސް ފުރޭ ގޮތް ނުވެއްޖެނަމަ ކަމަދޫ ރައްޔިތުން ތިބީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށެވެ.

ކަމަދޫ ރައްޔިތުންނަށް ސާބަހެވެ. ދިވެހި ލޭ ހުރި ދިވެހިންގެ ދިރިއުޅުމަކީ ތިޔައީއެވެ. އަހަރެމެންގެ ކާބަފައިން މިއަދާ ހަމައަށް ގެނެސްދިން ރީތި މިފަދަ އާދަތައް ދިރި ދެމިގެން އެބަ އަންނަކަން ކަމަދޫ ރައްޔިތުން ތިޔަ ދައްކައިދެނީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top