”ރޫހުވަނީ މާއްޑުގައޭ” އަބްދުއްރަހުމާން

DSCN0909.jpg

އަބްދުއްރަހްމާން ހުސެން 73އ. އީވީގެ ޓީމާއެކު : ފޮޓޯ އިވީ

މިއީ އޭދަފުށީ ދުންތަރި އަބްދުއްރަހްމާން ހުސެން (ދޮންސޮރު ރަހުމާނު )ގެ ވާހަކައެވެ. އޭނާއަކީ މީގެ 49 އަހަރު ކުރިން މާއްޑޫގެ ރައްޔިތުން އޭދަފުއްޓަށް ބަދަލުކުރުމުން އޭދަފުށީގެ ވަޒަންވެރިއެއްގެ ގޮތުގައި އޭދަފުށީގައި ދިރިއުޅެމުން ދާ މީހެކެވެ.

އަބްދުއްރަހުމާނަކީ އޭނާގެ އެންމެ ޒުވާން ދުވަސް ވަރުގައިވެސް މާއްޑޫގައި ތިބި މަދު މީސްކޮޅުގެ ތެރެއިން ހޮވާލެވޭ ބަސްވިކޭ ޒުވާނެކެވެ. އޭދަފުށީ ބަހިއްޔާ ސްކޫލުން ކިޔަވައި ނިންމުށްފަހު އޭނާ ހިމެނުނީ މުޅި އަތޮޅުގައިވެސް އޭރު ތިބި ތައުލީމީ ފެންވަރު ރަނގަޅު ޒުވާނުންގެ ތެރޭގައެވެ. ފުރަތަމަ ވަޒީފާ އަދާ ކުރީ ރަށުގެ ކާޑުގޭގައެވެ. އެއީ ރަށު އޮފީސް ނުވަތަ އޮފީހުގެ ބައެކެވެ. ފަސް އަހަރު އެވަޒީފާގައި އުޅުމަށްފަހު ވަކިވީ 20 ރުފިޔާގެ މުސާރައަށް ހިތްހަމަ ނުޖެހިގެންނެވެ. މަސްވެރިކަމުން އެއަށްވުރެ މާބޮޑު އާމްދަނީއެއް ލިބޭތީ އެވެ. މަސްވެރިއަކަށް ބަދަލުވިއިރު ޒުވާން ރަހުމާނުގެ އުމުރަކީ 20 އަހަރެވެ. މީހަކާ އިދެގެން އެއްކުއްޖަކު މަރުވެ އޭދަފުއްޓަށް ބަދަލުވީ އޭނާގެ ރަޝާދުއާ ނަޝިދާ އަންހެނުން ޝަމީމާ އާއެކުގައެވެ. .

މާއްޑޫއާއެކު ބ.އަތޮޅު ފަސްދޭތެރެ ފުނަދުއާއި އުޑޫދޫ މީހުންވެސް ހަމަ އެދުވަސްވަރު އޭދަފުއްޓަށް ބަދަލު ކުރިއެވެ. ހުކުރު ހަމަވާ 40 މީހުން ނެތް ކޮންމެ ރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ގާނޫނަށް ގެނައި ބަދަލާ ގުޅިގެންނެވެ. ރަހުމާނު ބުނީ މާއްޑޫގެ ހަތަރުފަސް މީހަކު އެދުވަސްވަރުވަނީ އަރުވާލާފައެވެ.  ހުކުރުހަމަވާ 40 މީހުން ހަމަނުވީ އެމީހުން ނުލާ ގުނުމުންނެވެ. އެހެންނޫންނަމަ މާއްޑޫގައި ހުކުރުހަމަވާ 40 މީހުންނަށްވުރެ އިތުރުވާނެއެވެ.

އެދުވަހުގެ ހަނދާންތައް އީވީއާ ހިއްސާކުރަމުން އަބްދުއްރަހްމާނު ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

މާއްޑޫ މީހުން ފުރަތަމަ ބަދަލު ކުރަން ހަމަޖެހުނީ ހިތާދޫ އަށެވެ. ނަމަވެސް އޭރު އަތޮޅުވެރިއަކަށް ހުންނެވި އޭދަފުށީ ޔޫސުފްކަލޭފާނު ސަރުކާރަށް ދަންނަވައިގެން މާއްޑޫ ރައްޔިތުން އޭދަފުއްޓަށް ބަދަލު ކުރާ ގޮތަށް ހަމަޖެހުނީއެވެ. ” ޔޫސުފްކަލޭފާނާ އޭރު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އަލްއަމީރު އިބްރާހީމް ނާސިރު އާ އެއީ ގާތް ދެ ރައްޓެހިން. ކަލޭފާނު ރައީސް ނާސިރުއަށް ދެންނެވިކަމަށް ވަނީ މާއްޑޫ މީހުންނަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑެތި ރައްޓެހިންނޭ . އަވައްޓެރިންނޭ. އެހެންވީމާ އޭދަފުއްޓަށް ބަދަލުކޮށްދެއްވާށޭ.” ހިތާދޫ އަށް މާއްޑޫ ރައްޔިތުން ބަދަލުކުރަން ނިމިފައި އޮއްވާ އެކަން ބަދަލުވީ ގޮތް ކިޔައިދެއްވަމުން ރަހުމާނު ބުންޏެވެ

މާއްޑޫގެ ދިރިއުޅުމަކީ އަރާމު ހިތްފަސޭހަ ދިރިއުޅުމެކެވެ. ފެން މީރު ވުމުގެ އިތުރުން ބިން ރަނގަޅު ރަށަކަށް ވާތީ އެރަށް ދޫކޮށްލާފައި އައުމަކީ ނުވަތަ އެހެން ރަށަކަށް ހިޖުރަ ކުރުމަކީ މާއްޑޫ އެކަކުވެސް ހެޔޮ ހިތުން ރުހުމުގައި ކަމެއް ނޫނެވެ. ފެށުނީއްސުރެ އުޅެމުން އައިރަށާ ގަސްގަހާ ގެއްސާ އަމިއްލަ ގެދޮރާ ވައިފެން ރަނގަޅު ރަށުގެ އުފާވެރި މާހައުލު ދޫކޮށްލާފައި އެހެން ރަށަކަށް ދާން ޖެހުމުން މުޅި ރަށް އޮތީ ފުން ހިތާމައެއްގައެވެ. އެހިތާމަ އެތައް ދުވަހަކަށް ދެމިގެން ދިޔައެވެ. މާއްޑޫއަކީ ބިން ރަނގަޅު ރަށަކަށް ވާތީ އެކި ވައްތަރުގެ ތަރުކާރީވެސް އެމީހަކު ބޭނުންވަރަކަށް ހައްދަން ވީއެވެ. އޭގެ ހެއްކަކަށް ރަހުމާން ބުނީ އޭދަފުއްޓަށް ބަދަލުވި ދުވަހު ހަމައެކަނި ގޯތިތެރޭގައި ހައްދާފައިހުރި ވެލުން ދެ ހަންދަރު ބަސްތާގެ 3 ބަސްތާ ކައްޓަލަ (ގާތްގަނޑަކަށް 300 ކިލޯ ) ގެނައި ކަމުގައެވެ.

” ދެން އަނެއްކާ ހައްދާފައި ހުރި ފަޅޮލާ ފުފުލާ އެހެންބާވަތްތަކުގެ ތަރުކާރީއާ މޭވާތައް ދޫކޮށްލާފައި އަންނަން ޖެހުމުން ނުރޮވޭނީ ކާކަށް ؟” ރަހުމާން ސުވާލު އުފެއްދިއެވެ.

މިހަނދާންތަކާއެކު ރަހުމާނުގެ ހިތުގައި އަދިވެސް އެތައްޝަކުވާތަކެއް ތާޒާ ކަމާއެކު އެބަހުއްޓެވެ. އެންމެ ބޮޑު ޝަކުވާ އަކީ އެކަމުގައި އިންސާފުން އެއްކިބާ ވުމެވެ.  އެއްކަމެއް ފާހަގަ ކުރަމުން ރަހުމާނު އޭނާއަކީ ރަށުގައި ދެގޯތި އޮތްމީހަކަށް ވާތީ އޭދަފުށިން ދެގޯތި ލިބެން ޖެހޭނެކަމަށާއި އެކަމަކު ލިބުނީ އެއް ގޯތި ކަމުގައެވެ.

“އަޅުގަނޑުގެ އޮންނާނެ ދެގޯތި .ނަމަވެސް އޭދަފުށީން ދީފައިވަނީ އެންމެ ގޯއްޗެއް. އެކަމަކު ރަށުގެ ކަތީބުމެން ކަހަލަ މީހުންނަށް އެހާ ބޮޑު ގޯއްޗެއް އޭދަފުށިން ލިބިފައިވަނީ މާއްޑޫގައި އެމީހުންގެ ދެ ގެ ހުރުމުން . އެކަމުގެ ހިތާމަ އޮތް ވަރަށް ގިނަދުވަސް ވަންދެން. އެކަމަކުވެސް ކުރިމަތިވާ ކޮންމެކަމަކަށްވެސް ދެން ކެތްކުރަން ޖެހޭނެތާ!  “ރަހުމާން ބުނީ ވެރިކަމުގެ ފަރާތުން މިހާ ބޭ އިންސާފުން ކަން ކުރާނެކަމަށް ހީނުކުރާ ކަމުގައެވެ.

އޭދަފުއްޓަށް ބަދަލު ކުރިއިރުވެސް އޭނާ ގެ ދެ ގޯތީގައި ފަތްކޭލާއި ބަރަބޯ ފުފޫ އަދި ކައްޓަލަވެސް ގިނަ އަދަދަކަށް ހައްދާފައި ހުންނާނެކަމަށް އޭނާ ބުންޏެވެ.

މިކަންކަން މިހެން ހުރުމާ އުޅެބޮޑުވި ފަސްގަނޑު ދޫކޮށްލާފަ އަންނަން ޖެހުމުން ރައްޔިތުން އެދުވަހު ތިބީ ވަރަށް ދެރަވެ މަޔޫސީ ހާލަތެއްގައެވެ. ރުޅި ގަދަވެގެން ބައެއް މީހުން މިއީ ޔޫސުފުކަލޭފާނު އެމީހުންނަށް ދިން އަނިޔާއެކޭ ބުނަމުން ގެންދިޔަކަމަށް ރަހުމާން ބުންޏެވެ.

ސަރުކާރުގެ ސިޔާސަތު ބަދަލުވެ އަލުން އެނބުރި މާއްޑޫއަށް ދާން ބޭނުން މީހުންނަށް އެފުރުސަތު ލިބުމުން ވަރަށް ބޮޑަށް ރަށަށް ދާން ރަހުމާން ބޭނުންވިއެވެ.

އެހެން ވިއްޔާ ރަހުމާނު މާއްޑޫއަށް އެނބުރި ނުދިޔައީ ކީއްވެގެން ހެއްޔެވެ ؟

“އެކަން ނުވީ އެނބުރިދާން ބޭނުން ވާމީހުން މީހުން ހަމަނުވުމުން. ގެވަޅުވެސް ސާފުކުރިން. ”

އެކަމަކުވެސް އަދިވެސް ރަހުމާނު އުއްމީދު ކަނޑައެއް ނުލައެވެ. މިއަދުވެސް އޭނާ ހުރީ އެފަދަ ފުރުސަތަކަށް ބަލަ ބަލައެވެ. އަދިވެސް އެނބުރި ރަށަށް ދާން ބޭނުންވެއެވެ.

“ބިން ރަނގަޅުވުމަކީ އެންމެ ބޮޑަށް ދާން ބޭނުންވި ސަބަބު. ހަމައެކަނި ތަރުކާރި ހެއްދިޔަސް މަސްވެރިކަމަށްވުރެ މާ ގިނަ ލާރި ލިބޭކަން ޔަގީން ވާތީ . އަޅުގަނޑުމެން ބޭނުންވަނީ ބިން. މިހާރު މިޖެހެނީ ހުރިހާ އެއްޗެއްވެސް ބޮޑު އަގުދީފަ ގަންނަން. އެކަމަކު އެބިމުގައި ފަސޭހައިން މި ބާވަތްތައް އެބަ ހެއްދޭ. ” 73 އަހަރުގެ ރަހުމާނު ކިޔައިދިނެވެ.

އަނެއްކާވެސް ރަހުމާނު ދިޔައީ މާޒީގެ ތެރެއަށެވެ.

“އޭރު ހަމައެކަނި ގިތެޔޮ މިރުސް މާލެއަށް އެބަފޮނުވަން ބޮޑެތި ފޮށިގަނޑު ފުރާ. އަމިއްލަ ގެވަޅުގައި ހައްދައިގެން. ފަޅޮލާ ފުފޫ އަދި މިނޫންވެސް އެތައް މޭވާއެއް ހައްދައިގެން މާލެ ފޮނުވާ އިރު އެއިން ބޮޑު އާމްދަނީ އެއް ހޯދިން. ”

އެހެންރަށަކަށް ބަދަލުކުރުމުން ކިތަންމެ ދެރައެއްވިޔަސް ޝަކުވާތައް މިއަދާ ހަމައަށް ހުރި ނަމަވެސް ރަހުމާނު ގަބޫލު ކުރާ ހަގީގަތެއްވެސް އެބައޮތެވެ.

“ސިއްހީ ޚިދުމަތް. ދަތުރުފަތުރު ކުރުން. ތައުލީމު. މިހުރިހާ ކަމެއްވެސް ރަށުގައި ތިބުމަށްވުރެ އާބާދި ބޮޑު ރަށަކަށް ބަދަލުވުމުން އެތައްތަނެއް ފަސޭހަ ވެގެން ހިނގައްޖެ. ”

ނިންމާލަމުން އޭދަފުށީ ރައްޔިތުންނަށްވެސް ހަނދާންކޮށް ދޭން ރަހުމާނު ބޭނުންވީ މާއްޑޫ ރައްޔިތުން އޭދަފުއްޓަށް ބަދަލުވީ އެއީ އެރައްޔިތުން އެދިގެން ކުރި ކަމެއް ނޫންކަމުގައެވެ. ސަރުކާރުން އެގޮތް ނިންމުމުން އަންނަން މަޖްބޫރުވީއެވެ. އެހެން ނޫންނަމަ އަދިވެސް ތިބޭނީ ބިން ރަނގަޅު ވައިފެން ރަނގަޅު މާއްޑޫގައެވެ. އެރަށަށް އެނބުރި ދާން ބޭނުންވަނީވެސް އެހެންވެއެވެ. އާއެކެވެ. ރަހުމާނު އޭދަފުށީގައި ދިރިއުޅުނަސް ރޫހުވަނީ މާއްޑުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top