ޝައިޚް މަޖީދުގެ ދަރެސް: ރަމަޟާންމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް

Ramadan-2019-When-does-is-start-in-the-UK-Calendar-for-the-Islamic-month-of-fasting-and-Eid.jpg

މުސްލިމުން ރަމަޟާންމަހާ ކުރިމަތިލަނީ ވަރަށް އުފާވެރިކަމާއެކުގައެވެ. އެއީ އެ މައްސަރުގެ މާތްކަމާއި މަތިވެރިކަމަށްޓަކައި  މުސްލިމުންގެ ހިތްތަކުގައި  ދެވިފައިވާ ޚާއްޞަ ޤަދަރެއްގެ ސަބަބުންނެވެ. ރަމަޟާންމަހުގެ ރޭތަކުގައި ޖަމާޢަތުގައި ކުރެވޭ ތަރާވީޙު ނަމާދަކީ ޒަމާނުއްސުރެ ދިވެހިން ވަރަށް ޝައުޤުވެރިކަމާއެކު ފަރުވާތެރިކަމާއެކު ކުރަމުން އަންނަ އަޅުކަމެކެވެ. މި ނަމާދުގެ މާތްކަމާ ބެހޭގޮތުން ކީރިތިމާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ “ފުރިހަމަ އީމާންކަމާއެކު ޘަވާބަށް އެދޭޙާލުގައި ރަމަޟާންމަހު ޤިޔާމުކޮށްފި މީހާ (އެބަހީ:ތަރާވީޙުނަމާދު ކޮށްފި މީހާ) ދަންނާށެވެ!ފަހެ، ހަމަކަށަވަރުން، އޭނާގެ އިސްވެދިޔަ(ކުދި) ފާފަތައް ފުއްސެވޭހުއްޓެވެ.” އިސްވެދިޔަ ބަސްފުޅުން އެނގެނީ ރަމަޟާންމަހުގެ ރޭތައް އަޅުކަމުގައި ދިރުވައިފި މީހަކަށް ﷲގެ ފުއްސެވުން މިންވަރުކުރައްވާނެކަމެވެ.

ވަކިން ޚާއްޞަކޮށް ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ހިމެނިގެންވާ ލައިލަތުލް ޤަދުރި ވިލޭރެއަކީ ކީރިތިޤުރްއާން ބާވައިލެއްވި ރެއެވެ. އެރޭގެ ހެޔޮކަން އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.

ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޞާންމަހުގެ ފަހުދިހަޔަށް އަޅައިގަތުމުން އެމަހުގެ އެހެނިހެން ދުވަސްތަކަށްވުރެ ބޮޑަށް ގަދައަޅުއްވައި އަޅުކަން ކުރައްވާކަމުގައި ޢާއިޝަތުގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެހެންކަމުން ރޯދަމަހަކީ މިފަދަ މާތް މައްސަރެއްކަން އެނގިތިބެ، ރޭތައް ދިރުވުމުގައި ފާޑުފާޑުގެ މުނިފޫހި ފިލުވުމުގެ ކަންކަމުގައި މަޝްޣޫލުވެ އުޅުމުގެ ބަދަލުގައި އުޚުރަވީޙަޔާތް ބާއްޖަވެރި ކުރުމަށް ގަދައަޅައި މަސައްކަތްކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ.

ކީރިތިރަސޫލާޞައްލަﷲ ޢަލްއިހިވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ”ރަމަޟާންމަހުގެ ފުރަތަމަރޭ ޝައިޠާނުންނާއި ޖިންނީންގެ ތެރޭގައި ހިމެނޭ ޖައްބާރު ހަރުކަށި ޖިންނީން ހައްޔަރު ކުރެވިދެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވިދެއެވެ. އަދި އޭގެތެރެއިން އެއްވެސް ދޮރެއް ނުހުޅުވެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވި ދެއެވެ. އަދި އޭގެތެރެއިން އެއްވެސް ދޮރެއް ބަންދެއް ނުކުރެވޭހުއްޓެވެ. އަދި ނިދާ އިއްވެއެވެ. އޭ ހެޔޮކަންތައްކޮށް އެކަމުގެ ޘަވާބަށް އެދޭ މީހާއެވެ. ކުރިއަރައި އަންނާށެވެ! އަދި ނުބައިނުލަފާކަމަށް އެދޭ މީހާއެވެ! ތިޔަހިސާބުން ކަލޭ ހުއްޓައިލާށެވެ! އަދި ނަރަކައިގެ ގިނީން ވަރަށްގިނަ ބަޔަކު ﷲ މިންޖުކުރައްވައެވެ. މިކަން ރަމަޟާންމަހުގެ ކޮންމެ ރެއަކު އޮވެއެވެ.”

އަޅަމެންނީ، ހަވާ ނަފުސަށް ތަބާވުން ދޫކޮށް ﷲގެ ފުއްސެވުމާއި ރުއްސެވުންލިބި، ސުވަރުގޭގައި ރޯދަވެރިންނަށް ޚާއްޞަކުރެވިފައިވާ “އައްރައްޔާން” ކިޔުނު  ދޮރުކޮޅުން ވަނުމުގެ މަޤްޞަދުގައި ރޯދަ ހިފާ ބަޔަކުކަމުގައި މިންވަރުކުރައްވާށި. އާމީން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top