ކާޑުގެ ބާވަތްތައް ވިއްކޭނެ އެންމެ ބޮޑު އަގުތައް ކަނޑައަޅައިފި

އެސޓީއޯ.jpg

މާލެއާއި އަތޮޅުތަކުގައި ވިއްކާ ކާޑުގެ ބާވަތްތައް ވިއްކޭނެ އެންމެ ބޮޑުއަގުތައް ކަނޑައަޅައި އަގުތައް ކޮންޓްރޯލް ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ގްރޭޓާ މާލޭ ސަރަހައްދުގައި އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ ކިލޯއެއް 4.80 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއް ވިއްކޭނެ އެންމެ ބޮޑުއަގަކީ 4.82 ރުފިޔާ އަށެވެ. އާދައިގެ ފުށް ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 3.80 ރުފިޔާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖެ ތިން ޒޯނަކަށް ބަހާލައި ގްރޭޓާ މާލެ އޭރިޔާ ފިޔަވައި އަނެއް ތިން ޒޯނުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގުތަކެއް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން، ހއ، ހދ އަދި ށ. އަތޮޅު ހިމެނޭ ޒޯން އެކެއްގައި ވިއްކާ ކާޑުގެ ބާވަތްތަކަށް އިތުރު ކުރެވޭނީ 1.02 ލާރި އެވެ. އެއީ ގްރޭޓާ މާލޭ ސަރަހައްދުގައި ވިއްކަން ކަނޑައަޅާފައިވާ އެންމެ ބޮޑު އަގަށް އިތުރު ކުރެވޭނެ ވަރެވެ.

ޒޯން ދޭއްގައި ހިމެނޭ ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ކިލޯއަކަށް އިތުރު ކުރެވޭނީ 0.82 ލާރި އެވެ. ޒޯން ތިނެއްގައި ހިމެނޭ ލ، ގއ، ގދ، ޏ، އަދި އައްޑޫ ސިޓީގެ ރަށްތަކުގައި ކިލޯއަކަށް އިތުރު ކުރެވޭނީ 1.21 ލާރި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ޒޯން 2ގައި ހިމެނޭ ބ. އަތޮޅުގައި އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ ކިލޯއެއް 5.62 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއް ވިއްކޭނެ އެންމެ ބޮޑުއަގަކީ5.64 ރުފިޔާ އަށެވެ. އާދައިގެ ފުށް ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 4.62ރުފިޔާ އަށެވެ.

އަގު ކޮންޓްރޯލް ކޮށްފައިވާ މުދަލުގެ ބާވަތްތައް ކަނޑައަޅާފައިވާ ރީޓެއިލް އަގަށްވުރެ ބޮޑުކޮށް ވިއްކާނަމަ އެކަން ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން، މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު އެ މިނިސްޓްރީން ކަނޑައަޅާފައިވަނިކޮށް، ކޮންޓްރޯލް ކުރެވުނު އަގަށްވުރެ ބޮޑުކޮށް، މުދާ ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ އެވެ.

އެގޮތުން އަގު ކޮންޓްރޯލް ކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަން ފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top